ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލާ ކުޅިވަރުގެ ދިގު ރާސްތާ ޕްލޭނުގައި ހިމެނޭ ބައިތަކާއެކު ރާއްޖޭގެ ކުޅިވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށާއި، ސަރުކާރާއި ގުޅުންހުރި އިދާރާތަކުން ދެއްވި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާ ކަމަށް މި ޕްލޭން އެކުލަވާލުމުގައި ހަރަކާތްތެރިވި އެމެރިކާގެ ތަޖުރިބާކާރު، މެތިއު ޖޭ ރޮބިންސަން ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ގިނަ މަޝްވަރާތަކާއި ދިރާސާތަކާއެކު އެކުލަވާލި ދިވެހި ކުޅިވަރުގެ ދިގު ރާސްތާ ޕްލޭން "ޕްލޭގްރައުންޑް ޓު ޕޯޑިއަމް" އަކީ 20 އަހަރު ދުވަހުގެ ޕްލޭނެކެވެ.
ހަތަރު ފޭސްއަކަށް ބަހާލައިގެން ކުރިޔަށްގެންދާ މި ދިގު ރާސްތާ ޕްލޭނުގެ އެންމެ ބޮޑު އަމާޒަކީ 2030 އާއި 2034 ގެ އޭޝިއަން ގޭމްސްގައި ޕޯޑިއަމް ފިނިޝް ނުވަތަ މެޑަލްއެއް ހޯދުމަށް މަސައްކަތްކުރުމެވެ. އެއަށްފަހު 2036 ވަނަ އަހަރާއި 2040 ވަނަ އަހަރުގެ އޮލިމްޕިކްސް ގައި މެޑަލް ހޯދުމަށްވެސް ވަނީ ޓާގެޓުކޮށްފައެވެ. ޕްލޭނުގެ ދަށުން މަސައްކަތްތަށް ބަހާލާފައިވަނީ މުޅި ރާއްޖެ ތިން ސަރަހައްދަކަށް ބަހާލައިގެންނެވެ.
ކޮންމެ ސަރަހައްދެއްގައި ވެސް ގިނަ ހަރަކާތްތަކެއް ކުރިޔަށްގެންދަން ވަނީ ރާވާފައެވެ. އެގޮތުން އެ ސަރަހައްދެއްގެ ރަށްތަކުން ހުނަރުވެރި މޮޅެތި ކުޅުންތެރިން ހޯދުމަށްފަހު ތަމްރީނުދިނުން ހިމެނެއެވެ. އަދި އެ ކުދިންނަށް ރަންގަޅު ތަމްރީނާއި ތަޖުރިބާ ހޯދައިދީ މެޑަލްއަކާ ހިސާބަށް ގެންދިއުމަކީ މި ޕްލޭނުގައި ހިމެނޭ މުހިންމު ބައެކެވެ.
މި ޕްލޭނާ ގުޅޭގޮތުން "ޕީއެސްއެމް ސްޕޯޓްސް" އާ ވާހަކަދައްކަމުން މެތިއު ވިދާޅުވީ މި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށެވެ. އެމެރިކާގެ ކުޅިވަރުގެ އޮނިގަނޑުގެ ތެރޭގައި މިހާރުވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ މެތިއު ވިދާޅުވީ ރާއްޖޭގެ ކަމާބެހޭ އިދާރާތަކުންނާއި ހާއްސަކޮށް ކުޅިވަރު ވަޒީރުގެ ތަސައްވަރަކީ މި ޕްލޭން އެކުލަވާލަން ލިބުނު ބޮޑު އެހީތެރިކަމެއް ކަމަށެވެ. އެކަމަށްޓަކާ މެތިއު ވަނީ ވަޒީރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
މެތިއު ވިދާޅުވީ ރާއްޖެއަކީ އެހެން ގައުމުތަކާ ހިލާފަށް ކުޅިވަރު ކުރިއަރުވަން ތަފާތު ކަންތަައްތަކެއް ކުރަންޖެހޭ ގައުމެއް ކަމަށާއި، ރާއްޖޭގެ ކުޅިވަރުގެ ތަޖުރިބާކާރުންނާއި އިދާރާތަކުގެ އިސްވެރިންގެ ފަރާތުން ގިނަ މައުލޫމާތުތަކެއް ލިބުނު ކަމަށެވެ. އަދި އެ އެއްބާރުލުމަކީ މި ޕްލޭން އެކުލަވާލަން ލިބުނު ބޮޑު އެހީތެރިކަމެއް ކަމަށާއި، މިއީ އޭނާގެ ހަޔާތުގައިވެސް ކުރާ ތަފާތު ތަޖުރިބާއެއް ކަމަށްވެސް ވިދާޅުވިއެވެ.
މެތިއުގެ އިތުރުން މި ޕްލޭން އެކުލަވާލުމުގައި ދެން އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވީ ސްޓީވް އެވެ. މިއީ އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް (އައިސީއީސީޕީ) ގެ ދެ ބޭފުޅުންނެވެ.