ޚަބަރު

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް ސަހާ ވަޙީދު


  • ބީއެމްއެލްއިން ލީޑަރޝިޕް އޮނިގަނޑަށް މުހިންމު ބަދަލުތަކެއް ގެންނެވި

ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ އަދި ޗީފް އޮޕަރޭޝަންސް އޮފިސަރގެ މަގާމަށް ސަހާ ވަޙީދު އައްޔަންކުރައްވައިފިއެވެ. ސަހާ މި މަޤާމަށް އައްޔަންކުރެއްވީ ބީއެމްއެލްގެ ލީޑަޝިޕް އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރެއިންނެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ވިދާޅުވީ ޑެޕިއުޓީ ސީއީއޯ އަދި ޗީފް އޮޕަރޭޝަންސް އޮފިސަރގެ މަޤާމަށް އައްޔަންކުރެއްވި ސަހާ ވަޙީދު 18 އަހަރަށްވުރެން ގިނަ އަހަރު ބޭންކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާކަމަށެވެ. އޭނާގެ މަގާމުގެ މަސްއޫލިއްޔަތާއެކު ބޭންކިންގ އޮޕަރޭޝަންސް، ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް، ހިއުމަން ރިސޯސަސް، އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮޕަޓީސްގެ އިތުރުން ބޭންކުގެ ޕްރޮކިއުމަންޓް ބަލަހައްޓަންޖެހެއެވެ.

ސަހާ ވަނީ ބޭންކުގައި މުހިންމު މަގާމުތަކެއް ފުރުއްވާފައެވެ. އޭނާ ވަނީ ހެޑް އޮފް ސްޓްރެޓެޖިކް ޕްލޭނިންގ އެންޑް ޗޭންޖް މެނޭޖްމަންޓްގެ މަޤާމު އަދާކުރައްވާފައެވެ. އެންމެ ފަހުން އޭނާ ހުންނެވީ ޕީޕަލް އެންޑް ޗޭންޖް ޑިރެކްޓަރގެ މަގާމުގައެވެ.

ސަހާ ވަނީ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އެންޑް ޕޮލިޓިކަލް ސައިންސް އިން އިކޮނޮމިކްސް އެންޑް އިކޮނޮމިކް ހިސްޓްރީގެ ދާއިރާއިން ބެޗްލަރ އޮފް ސައިންސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި މީގެ އިތުރުން ކޮމާޝަލް ލޯގެ ދާއިރާއިން މާސްޓަރ އޮފް ލޯސް (އެލްއެލްއެމް) ހާސިލްކުރައްވާފައިވެއެވެ. ސަހާ ވަނީ އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކަރސްއިން ޗާޓަޑް ބޭންކަރ ޕްރޮފެޝަނަލް ކޮލިފިކޭޝަންވެސް ހާސިލުކުރައްވާފައެވެ.

ބޭންކުގެ ދިގު މުއްދަތުގެ ސްޓްރެޓެޖިކް ލަނޑުދަނޑިތަކާ އެއްގޮތަށް ބޭންކުގެ ހިންގުމުގެ އޮނިގަނޑު ބައްޓަންކުރުމަށްޓަކައި، ބޭންކުން އައު އެގްޒެކެޓިވް މެނޭޖްމަންޓް ޓީމެއްވެސް އިޢުލާނުކޮށްފައިވެއެވެ. އެގޮތުން ޗީފް ފައިނޭންޝަލް އޮފިސަރަކަށް ނަންދަނަ ސެނެވިރަތުނެ އަދި ޗީފް ރިސްކް އޮފިސަރއަކަށް ގެރީ ލޯޓަންގެ ވަނީ އައްޔަންކުރައްވާފައެވެ.

އައު އެގްޒެކެޓިވް މެނޭޖްމަންޓު ޓީމުގެ މެމްބަރުން:

- އަދުލީ އަޙްމަދު ދީދީ، ޗީފް ޓެކްނޮލޮޖީ އޮފިސަރ (ސީޓީއޯ)
- މޫސާ ނިމާލް، ޗީފް ބިޒްނަސް އޮފިސަރ (ސީބީއޯ)
- ރަޝްފާ ޖައުފަރު، ޗީފް ކްރެޑިޓް އޮފިސަރ (ސީސީއޯ)
- އައިޝަތު ޒަމްރާ ޒާހިރު، ޗީފް މާކެޓިންގ އޮފިސަރ (ސީއެމްއޯ)
- ޙަސަން ކަލާމް، ޗީފް އިސްލާމިކް ބޭންކިންގ އޮފިސަރ (ސީއައިބީއޯ)

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މި މަގާމުތަކަށް އައްޔަނު ކުރެވުނު ކޮންމެ ބޭފުޅަކީވެސް އެ ބޭފުޅެއްގެ ދާއިރާގެ ނަމޫނާ ތަޖުރިބާކާރެއް ކަމަށެވެ. އަދި އެ ބޭފުޅުން ސާބިތުކޮށްދެއްވާފައިވާ ގާބިލުކަމާއި ބޭންކިން ދާއިރާއާބެހޭ ގޮތުން ހޯއްދަވާފައިވާ މައުލޫމާތާއެކު، ބީއެމްއެލުން ކަނޑައަޅާފައިވާ ތަސައްވުރަށް ވާސިލްވުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.