ޚަބަރު

ގަވާއިދާ ޚިލާފަށް އޯވަރޓޭކްކޮށް އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ މީހާ ހައްޔަރުކޮށްފި


  • މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސައިކަލް ދުއްވި ބ.އޭދަފުށީ ފަސްމީރު ޝުނާން މުހައްމަދު ޝާކިރު

ގަވާއިދާ ޚިލާފަށް އޯވަރޓޭކް ކުރި ސައިކަލް އެކްސިޑެންޓްވުމުންވެސް މަޑުނުކޮށް ދިޔަ މައްސަލައިގައި އެސައިކަލް ދުއްވި މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.

ގަވާއިދާ ޚިލާފަށް އޯވަރޓޭކް ކުރި ސައިކަލް އެކްސިޑެންޓްވުމުންވެސް މަޑުނުކޮށް ދިޔަ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެސައިކަލް ދުއްވި ބ.އޭދަފުށީ ފަސްމީރު އުމުރުން 22 އަހަރުގެ ޝުނާން މުހައްމަދު ޝާކިރުއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހައިވޭގައި ބާރު ސްޕީޑުގައި ގަވާޢިދާ ޚިލާފަށް އޯވަރޓޭކް ކުރި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި އެކްސިޑެންޓްވި މައްސަލަ މިދިޔަ ހުކުރުދުވަހު މެންދުރުފަހު 14:43 އެހާކަށްހާއިރު ރިޕޯޓްކޮށްފައިވާކަމަށެވެ.

މިއެކްސިޑެންޓްގައި ސައިކަލްގައި ތިބި ދިވެހި 2 ދެ މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. މީގެ ތެރެއިން ފިރިހެން މީހާ ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށާއި، އަންހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

މިމައްސަލައިގައި ހައްޔަރުކުރި ޝުނާން މުހައްމަދު ޝާކިރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ 5 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

މިމައްސަލަ ފުލުހުން ގެންދަވަނީ ތަހްޤީގުކުރައްވަމުންނެވެ.