ވިލާތުގެ ތިން ބާރު ކަމުގައިވާ އިނގިރޭސިވިލާތާއި ޖަރުމަނުވިލާތް އަދި ފަރަންސޭސިވިލާތާ އެކު އީރާނުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. ސްވިޓްޒަލެންޑުގެ ޖެނީވާގައި ބޭއްވި މަޝްވަރާތަކުގެ މަޤުޞަދަކީ، އީރާނުގެ ނިއުކްލިޔަރ ހަތަކަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅިގެން ހުޅަނގާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަން ހައްލު ކުރުމަށް މަސައްކަތް ކުރުމެވެ. އަމާޒަކީ، ނޮވެންބަރު 5ވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަން ފެށުމުގެ ކުރިން، އީރާނާ ގުޅޭ މައްސަލަތަކަށް ޙައްލުތަކެއް ހޯދަން މަސައްކަތް ކުރުމެވެ.
މިއީ، އެމެރިކާގެ އިންތިޚާބަށް ފަހު، އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭ ގޮތުން އެ ޤައުމުން ވިލާތުގެ ޤައުމުތަކާ އެކު ބާއްވާފައިވާ ފުރަތަމަ ބައްދަލުވުމެވެ. އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅިގެން ހުޅަނގުގެ ބާރުތަކާ އެކު އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ މީގެ ދަހަރެއްހާ ދުވަސް ކުރިންނެވެ. ނަމަވެސް، 2018ވަނަ އަހަރު އެމެރިކާއިން ވަނީ އެ އެއްބަސްވުމުން ވަކިވެފައެވެ. އެއީ، ޓްރަމްޕްގެ ފުރަތަމަ ވެރިކަމުގެ ތެރޭގައެވެ.
އީ3ގެ ނަން ދީފައިވާ ވިލާތުގެ ތިން ބާރާ އެކު ބޭއްވި މަޝްވަރާތަކުގައި އީރާން ތަމްސީލު ކުރައްވާފައި ވަނީ އެ ޤައުމުގެ ޚާރިޖީ ވަޒީރުގެ ނައިބު އަދި ނިއުކްލިޔަރ ނެގޯޝިއޭޓަރު މާޖިދު ތަޚްތުރުވާންޖީއެވެ. މި ބައްދަލުވުން ބާއްވާފައި މި ވަނީ އީ3ގެ ޤައުމުތަކާއި އީރާނާ ދެމެދު މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.
ނޮވެންބަރު 21ވަނަ ދުވަހު އީ3ގެ ޤައުމުތަކުން ވަނީ އީރާނާ ދެކޮޅަށް ޤަރާރެއް ފާސްކޮށްފައެވެ. އަދި، އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމުގެ އެންމެ ފަހުގެ މަޢުލޫމާތު ހިމެނޭ ދިރާސާ ރިޕޯޓެއް އެކުލަވައިލުމަށް، އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އޭޖެންސީ (އައިއޭއީއޭ)އަށް ގޮވައިލާފައެވެ. އަދި، 2025ވަނަ އަހަރުގެ ކުރީކޮޅު އެ ރިޕޯޓު އެކުލަވައިލައި ނިންމުމަށް ވެސް އީ3ގެ ޤައުމުތަކުން ވަނީ ބާރުއަޅާފައެވެ. އީ3ގެ ޤަރާރު ފާސްކޮށްފައި ވަނީ، ޔުރޭނިއަމް މުއްސަނދި ކުރުމުގެ މަސައްކަތްތައް މަޑުޖައްސައިލާނެ ކަމުގައި އީރާނުުން ބުނަމުން ގޮސްފައިވާ ދަނޑިވަޅެއްގައެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އީ3ގެ ޤައުމުތަކާއި އީރާނާ ދެމެދު ބާއްވާފައިވާ މަޝްވަރާތަކުގައި އެންމެ ބޮޑަށް އަލިއަޅުވައިލާފައި ވަނީ އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ޓްރަމްޕް ޙަވާލުވެ ވަޑައިގެންނެވުމާ އެކު އީރާނާ ގުޅޭ މައްސަލައާ މެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތަށް އަންނާނެ ކަމަށް ބެލެވޭ ބަދަލުތަކަށެވެ. އެ ފަރާތްތަކުން ބުނީ، އީރާނާ ދެކޮޅު ސިޔާސަތުތަކަށް ތާޢީދު ކުރާ ގިނަ ބަޔަކު ޓްރަމްޕްގެ ސަރުކާރުގައި އިސް މަޤާމުތަކަށް ޢައްޔަން ކުރާނެ ކަމުގައެވެ. އެއާ އެކު، އެމެރިކާއިން އީރާނާ ދެކޮޅަށް ދަތި ކުރުމުގެ އިތުރު ފިޔަވަޅުތައް އަޅައި، އިތުރު ފިއްތުންތައް ކުރިމަތި ކުރާނެ ކަމަށް ބެލެވޭ ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
އީ3ގެ ޤައުމުތަކުން ވެސް ދާދި ފަހުން ވަނީ އީރާނާ މެދު އަމަލު ކުރާ ސިޔާސަތުތައް ހަރުކަށި ކޮށްފައެވެ. އެ ގޮތަށް އަމަލު ކުރަން ފަށާފައި ވަނީ، ރަޝިޔާއާއި އީރާނާ ދެމެދު އޮތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރަން މަސައްކަތް ކުރަމުންދާތީއެވެ. ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ މަދަދުގާރުންގެ ތެރޭގައި އެމެރިކާއާއި ވިލާތުގެ ބާރުތައް ހިމެނެއެވެ.
އީރާނުގެ މަޞްދަރުތަކުން ބުނީ، 2018ވަނަ އަހަރުން ފެށިގެން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކަށް ލުއި ހޯދަން އެ ޤައުމުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ މައްސަލައަށް ޙައްލެއް ހޯދައި، ހުރިހާ ފަރާތުން އެއްބަސްވާ މެދުމިނުގެ ސިޔާސަތުތަކެއް ހޯދުމަށް ޖެނީވާގައި ބޭއްވި ބައްދަލުވުމުގައި އިސްކަމެއް ދީފައިވާ ކަމުގައެވެ. އަދި، ފަހުން އެ ކަންކަމާ ގުޅޭ ގޮތުން ވޮޝިންގޓަނާ އެކު މަޝްވަރާތައް ބޭއްވުމަށް އީރާނުން ތައްޔާރަށް އޮތް ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
2018ވަނަ އަހަރަށް ފަހު އީރާނުން ވަނީ އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމު އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި، އެ ޕުރޮގުރާމުގެ ކަންކަން ބެލެހެއްޓުމަށް އައިއޭއީއޭއަށް ދީފައިވާ ފުރުޞަތުތައް ހަނިކޮށްފައެވެ. ނިއުކްލިޔަރ ހަތިޔާރުގެ ނުރައްކަލާ ދެކޮޅަށް އަޑުއުފުލާ އާމްސް ކޮންޓްރޯލް އެސޯސިސޭޝަންގެ އޮފިޝަލެއް ކަމުގައިވާ ކެލްސީ ޑެވެންޕޯޓް ވިދާޅުވީ، އެމެރިކާގެ ވެރިކަމާ ޓްރަމްޕް ޙަވާލުވެ ވަޑައިގެންނެވުމުގެ ކުރިން އައު އެއްބަސްވުމެއް އެކުލަވައިލުމަކީ ނާދިރު ކަމެއް ކަމުގައެވެ.