ވަރޓިކަލް ފަރމިންގެ މަޝްރޫޢޫ ކުރިއަށް ގެންދިޔުމަށް 5 ރަށެއް ކަނޑައަޅާފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ.ޢައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ މިހާރު ކުރަމުންދަނީ ވަރޓިކަލް ފާމިންގެ ސްޓްރަކްޗަރ ރާއްޖެއަށް ގެނައުމުގެ މަސައްކަތްކަމަށެވެ.
ޕީއެސްއެމްނިއުސްއިން ގެނެސްދޭ "ހަފްތާ 52" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ.ޢައިޝަތު ރަމީލާ ވިދާޅުވީ، ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ޒަމާނާ އެއްގޮތަށް ތަރައްޤީކުރުމަކީ ސަރުކާރުން މުހިއްމު ސިޔާސަތެއްކަމަށެވެ. މިގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވަރޓިކަލް ފާމިންގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިހާރު އެކަމަށް 5 ރަށެއް ކަނޑައަޅާ އެކަން އެރަށްތަކަށް އަންގާފައިވާކަމަށެވެ.
"މިހާރު މިދަނީ ވަރޓިކަލް ފާމިންގެ ސްޓްރަކޗަރތައް ރާއްޖެގެނައުމުގެ މަސައްކަތް ކުރަމުން. މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު މިސްޓްރަކްޗަރގެ މަސައްކަތް ނިމިގެން ޢަމަލީގޮތުން ރަށްރަށުގައި މަސައްކަތް ފެށޭނެ" ޑރ. ރަމީލާ ވިދާޅުވިއެވެ.
މިމަޝްރޫޢޫގެ ދަށުން ވަރޓިކަލް ފާމިންގެ މަސައްކަތް ފުރަތަމަ ފަށާ ރަށްތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ، ނ. ކެނދިކުޅުދޫ، ޅ.ނައިފަރު، ރ.ހުޅުދުއްފާރު، އއ.މަތިވެރި، އަދި ތ. ކިނބިދޫގައިކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ.ޢައިޝަތު ރަމީލާ ވިދާޅުވީ، މިމަޝްރޫޢުގެ ދަށުން ގެނައުމަށް ހަމަޖެހިފައިވާ ސްޓްރަކްޗަރތައް ގެނައުމަށްފަހު ދެން ރަށްރަށުގެ ރައްޔިތުންނަށް ވަރޓިކަލް ފާމިންގެ ތަމްރީންތައް ދޭންފެށުމަށް ރާވާފައިވާކަމަށެވެ.އަދި މިސިސްޓަމްތައް ބޭނުންކޮށްގެން ގަސް ހެއްދުމަށް ބޭނުންވާ ފަންނީ އެހީތެރިކަންވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ޔޫއެންޑިޕީގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތް ޒަމާނީ ގޮތަކަށް ތަރައްޤީކުރުމަށް ކުރަމުންދާއިރު، ހައިޑްރޯފޯނިކްސް އާއި ގްރީންހައުސްގައި ހައިޑްރޯފޯނިކްސް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުން މިހާރު ޢާއްމުވަމުން އަންނަކަން ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. މީގެ މައިގަނޑު ސަބަބެއްކަމަށް އެވުޒާރާއިން ވިދާޅުވަނީ އެއީ ގަސްގަހަށް ޖެހޭ ބަލިތައް މަދުވެ، ބޭނުންކުރަންޖެހޭ ނިސްބަތް މަދުވެގެންދާނެކަމަށެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް ރާއްޖެއަށް ޢާއްމުކޮށް އެތެރެކުރާ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ، ތަރުކާރީއާއި މޭވާގެ ބާވަތްތައް ރާއްޖޭގައި އުފައްދާ އިމްޕޯޓަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިކަމަށްޓަކައި އިކޮނޮމިކް ޒޯނެއް ކަނޑައަޅައި 200 ހެކްޓަރުގެ ބިމެއްގައި ދަނޑިވެރިކަމުގެ ބިޔަ މަޝްރޫޢެއް ސަރުކާރުންވަނީ ޢިއުލާންކުރައްވާފައެވެ.