ޚަބަރު

އެމެރިކާއިން 725 މިލިޔަން ޑޮލަރުގެ ހަތިޔާރު ޔޫކްރެއިނަށް ފޮނުވަން ތައްޔާރުވަނީ


ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމައިގައި ބޭނުން ކުރުމަށް އިތުރު 725 މިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު އެ ޤައުމަށް ފޯރުކޮށްދޭން އެމެރިކާއިން ތައްޔާރުވަމުންދާ ކަން ހާމަވެއްޖެއެވެ. 2022ވަނަ އަހަރު ފެށި ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމައިގައި، ޔޫކްރެއިނަށް ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންދާ އެންމެ ބޮޑު މަދަދުގާރުންނަކީ އެމެރިކާ އަދި ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ޔޫކްރެއިނަށް އިތުރު 725 މިލިޔަން ޑޮލަރުގެ ހަތިޔާރު ފޮނުވަން ތައްޔާރުވަމުންދާ ކަން ހާމަކޮށްފައި ވަނީ އެމެރިކާގެ ދެ މަޞްދަރަކުންނެވެ. ނޮވެންބަރު 5ވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ބައިޑަންގެ ޑިމޮކްރެޓިކް ޕާޓީ، އަދި ރިޔާސީ ކެނޑިޑޭޓު، ނައިބު ރައީސާ ކަމަލާ ހެރިސަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު، ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން ޔޫކްރެއިނަށް ވީހާވެސް ގިނަ އަދަދެއްގެ ހަތިޔާރު ފޯރުކޮށްދިނުމަށް ބައިޑަން ގެންދަވަނީ މަަސައްކަތް ކުރައްވަމުންނެވެ.

އެމެރިކާގެ އިންތިޚާބުގައި ކާމިޔާބީ ހޯއްދެވި ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު، އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ދެކޮޅު ބޭފުޅެކެވެ. އަދި، އޭނާގެ ވެރިކަމުގައި ޔޫކްރެއިނަށް އެމެރިކާއިން ފޯރުކޮށްދެމުންދާ ހަތިޔާރުގެ އަދަދު މަދު ކުރާނެ ކަމުގައި، ނުވަތަ ހަތިޔާރު ފޮނުވުން ހުއްޓައިލާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. ވެރިކަމުގެ ފުރަތަމަ ދުވަހު އެ ހަނގުރާމަ ނިމުމަކަށް ގެންނަވާނެ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ. ނަމަވެސް، އެ ކަން ކުރައްވާނެ ގޮތް ހާމަކުރައްވާފައެއް ނެތެވެ. އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ޓްރަމްޕް ޙަވާލުވެ ވަޑައިގަންނަވާނީ 2025 ޖަނަވަރީ 20ވަނަ ދުވަހުއެވެ.

އެމެރިކާގެ މަޞްދަރުތަކުން ބުނީ، އޭގެ ކުރިން ޔޫކްރެއިނަށް ވީހާވެސް ގިނަ އަދަދެއްގެ ހަތިޔާރު ފޯރުކޮށްދޭން ބައިޑަންގެ ސަރުކާރުން އަމާޒު ހިފާފައިވާ ކަމުގައެވެ. އެންމެ ފަހުން ފޮނުވަން ނިންމާފައިވާ ހަތިޔާރާއި އަސްކަރީ އެހީގެ ޕެކޭޖުގައި ހިމެނެނީ ޓޭންކުފަހަރަށް ޙަމަލާ ދިނުމަށް ބޭނުންކުރާނެ ހަތިޔާރާއި، މައިނާއި، އަސްކަރީ ޑްރޯނާއި، ސްޓިންގަރ މަރުކާގެ މިސައިލް އަދި 'ހައި މޮބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމަ'ށް ބޭނުންވާ އެމުނިޝަން ނުވަތަ ބޮމެވެ.

މީގެ އިތުރުން، ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރެއް ކަމުގައިވާ ކްލަސްޓަރ ބޮން ހިމެނޭނެ ކަމުގައި ވެސް ނަން ހާމަކޮށްފައި ނުވާ އެމެރިކާގެ މަޞްދަރުތަކުން ހާމަކުރިއެވެ. މިއީ، އެމެރިކާއިން ފަހުގެ ތާރީޚެއްގައި ބޭރު ޤައުމަކަށް މައިން ފޯރުކޮށްދޭ ފުރަތަމަ ފަހަރު ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

ޔޫކްރެއިނަށް 725 މިލިޔަން ޑޮލަރުގެ އަސްކަރީ އެހީގެ ޕެކޭޖެއް ފޮނުވުމުގެ ހުއްދައަށް އެދި، ބައިޑަންގެ ސަރުކާރުން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސަށް ވަނީ ހުށަހަޅާފައެވެ. އަދި، ކޮންގްރެސުން ޑިސެންބަރު 2 ވަނަ ދުވަހުގެ ކުރިން އެ ކަމުގެ ހުއްދަ ދޭނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އެ ހުއްދައާ އެކު، އަސްކަރީ އެހީގެ ޕެކޭޖު އިތުރު ކުރުމުގެ ފުރުޞަތު ބައިޑަނަށް ލިބިވަޑައިގަންނަވާނެ ކަމުގައި ވެސް އެ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

ބައިޑަން ޔޫކްރެއިނަށް އިތުރު ހަތިޔާރު ފޯރުކޮށްދޭން ނިންމަވާފައި މި ވަނީ، ޕްރެޒިޑެންޝަލް ޑްރޯޑައުން އޮތޯރިޓީ (ޕީޑީއޭ)ގެ ބާރުގެ ބޭނުން ހިއްޕަވައިގެންނެވެ. ޕީޑީއޭގެ ދަށުން، އެމެރިކާގެ އަސްކަރިއްޔާގެ ބޭނުމަށް އުފައްދައި، ރައްކާކޮށްފައިވާ ހަތިޔާރުގެ ސްޓޮކު ބޭނުންކޮށްގެން އެކުވެރި ޤައުމުތަކަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބާރު އޭނާއަށް ލިބިވަޑައިގަންނަވައެވެ.

މީގެ ކުރިން ވެސް ޕީޑީއޭގެ ބާރުގެ ދަށުން ބައިޑަން ވަނީ 125 މިލިޔަނާއި 250 މިލިޔަން އެމެރިކާ ޑޮލަރާ ދެމެދުގެ އަގުގެ ހަތިޔާރު ޔޫކްރެއިނަށް ފޯރުކޮށްދެއްވާފައެވެ. އަދި، އިތުރު 4 ނުވަތަ 5 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ޔޫކްރެއިނަށް ފޮނުވުމުގެ ހުއްދަ ކޮންގްރެސުން ވަނީ އޭނާއަށް ދީފައެވެ. ޖަނަވަރީ 20ވަނަ ދުވަހު ޓްރަމްޕްގެ ވެރިކަން ފެށުމުގެ ކުރިން، އެ ފައިސާ ބޭނުން ކުރައްވައި، ބައިޑަން ޔޫކްރެއިނަށް ގިނަ އަދަދެއްގެ ހަތިޔާރު ފޯރުކޮށްދެއްވާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.