މޯލްޑިވްސް ޕޮލިޓެކްނިކް ޒަމާނީކޮށް ރީބްރޭންޑް ކުރުމަށް ނިންމާފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން މިހެން ވިދާޅުވީ ސަރުކާރަށް 1 އަހަރުވުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "ހަފުތާ 52" ޕްރޮގުރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ ޕޮލިޓެކްނިލް ޒަމާނީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެކަމަށެވެ. މިހާރުގެ ޒުވާނުން ބޭނުންވަނީ އައިސް އުފާވެރި މާހައުލެއްގައި ކިޔެވޭނެ މަގު ތަނަވަސްވުމަށްކަން ފާހަގަކުރައްވާ ވަޒީރު ޑރ. މާރިޔާ ވިދާޅުވީ މިހާރު ޕޮލިޓެކްނިކްގައި އެފަދައިން އިންތިޒާމްތައް ހަމަޖެހިފައިނުވާ ކަމަށެވެ. އެތަން އިތުރަށް ތަރައްޤީވެ، ޒުވާނުންނަށް ވެސް އުފާވެރި މާހައުލެއްގައި ކިޔެވުމުގެ ފުރުސަތު ފަހިކޮށްދޭންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ޓެކްނޮލޮޖީގެ ގޮތުން ތަން ކުރިއަރުވަންޖެހޭނެ ކަމަށާއި، ނަމަވެސް މިހާރު އެތަނުގައި ކިޔެވައިދެމުންދަނީ ކުރީގެ ގޮތްތައް ބޭނުންކޮށްގެން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވުމާއެކު އެތަން ޒަމާނީކުރާއިރު، އެންމެ ފަހުގެ މޮޑެލަށް، ޒަމާނީ ވަސީލަތްތަކާއެކު ކިޔަވައިދޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެތަން ރީބްރޭންޑު ކުރުމަށްވެސް ނިންމާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އެތަނުގައި ކިޔައިވައިދެމުންދަނީ އެންމެ ކުރީގެ ގޮތްތަކަށް އަދިވެސް. ނަމަވެސް ކިޔަވައިދިނުމުގައި ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކުގެ ބޭނުން ހިފަންޖެހޭ. އަދި އޮންލައިންކޮށް ކިޔަވައިދިނުމުގެ ފުރުސަތުވެސް ޤާއިމުކުރުމުގެ މަސައްކަތް ކުރުމުގެ ވިސްނުން އެބަހުރި." މަތީ ތަޢުލީމާބެހޭ ވަޒީރު ޑރ. މާރިޔާ ވިދާޅުވިއެވެ.
މޯލްޑިވްސް ޕޮލިޓެކްނިކަކީ އެކި ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރުމަށާއި، ވަޒީފާތަކަށް ކުރިމަތިލާ ޒުވާނުންނަށް އެދާއިރާއަކުން ސީދާގޮތެއްގައި ފަންނީ ތަމްރީނުދިނުމަށް ސަރުކާރުން އުފައްދަވާފައިވާ މުއައްސަސާއެކެވެ. ސެޓްފިކެޓް ލެވެލުން ފެށިގެން ޑިޕްލޮމާއާއިހަމައަށް ކިޔެވުމުގެ ފުރުޞަތު އޮންނަ ޕޮލިޓެކްނިކުން އެކިދާއިރާތަކުން ދަނީ ފަންނީ ތައުލީމު އުނގަންނައިދެމުންނެވެ. މީގެ އިތުރަށް ޕޮލިޓެކްނިކްގެ ކެމްޕަސްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމުކޮށް ދަނީ ޒުވާނުން ތަމްރީންކުރަމުންނެވެ.
މޯލްޑިވްސް ޕޮލިޓެކްނިކް އުފައްދާފައިވަނީ 12 އޭޕްރީލް 2010 ގައެވެ.