ޒަކާތުގެ ގޮތުގައި ކުރިން ލިބެމުން އައީ 14 މިލިޔަން ރުފިޔާކަމަށާއި، ނަމަވެސް މިސަރުކާރު އައިސް ޒަކާތަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވުނު މަސައްކަތުން، މިއަދު އެ ޢަދަދު 100 މިލިޔަން ރުފިޔާއާ ގާތްކުރާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޒަކާތުގެ ކަންކަން ހަރުދަނާކޮށް ކުރިއެރުވުމަށް ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގާ ޚާއްޞަ އިދާރާއެއްގެ ގޮތުގައި ހަމަޖެހުންކަމަށެވެ. އަދި އިސްލާމީ ފިޤުހުގެ އަލީގައި އެ އިދާރާ ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އެއްބާރުލެއްވުމަކީ ރާއްޖޭގެ ވެރިއެއްގެ ފަރާތުން މިފަދަ ކަމަކަށް ދެއްވާނެ އެންމެ ފުރިހަމަ އެއްބާރުލެއްވުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވިދާޅުވީ ކުރިއާއިއަޅާބަލާއިރު ޒަކާތުގެ ނިޒާމަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާކަމަށެވެ. އެގޮތުން ޒަކާތަށް އާންމުގެ ހޭލުންތެރިކަން އިތުރުވަމުން އަންނަކަމަށާއި، މިހާރު އަހަރެެއްގެ ތެރޭގައި ޒަކާތުގެ ގޮތުގައި ލިބޭ ޢަދަދު 100 މިލިޔަނާ ގާތްކުރާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޒަކާތުގެ ކަންކަން ކުރިއަށްދާނީ އިސްލާމީ ޝާރިޢާއާ އެއްގޮތަށްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ ޒަކާތުގެ ކަންކަން ކުރިއެރުވުމަށް ޤާނޫނޫނީ ގޮތުން ކަންތައްތަކެއް ކުރެވިއްޖެނަމަ އެ ނިޒާމަށް އިތުރު ބަދަލުތަކާއި ކުރިއެރުންތަކެއް އަންނާނެކަމަށެވެ.
"2008 ވަނަ އހަރު ޒަކާތަށް އޭރު ލިބެނީ 14 މިލިޔަން ރުފިޔާ. މިއަދު ޒަކަތަށް ލިބޭ ތަރުޙީބަށް ބަލާއިރު ބޮޑު އަދަދެއް ލިބިގެންދޭ." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.
ޒަކާތުގެ މަހާސިންތާއަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ މި މަހާސިންތާއިން ޒަކާތާއި ގުޅޭ ޢިލްމީ މުހިންމު ވާހަކަތަކެއް ދެކެވި، މުހިންމު ކަންކަމާމެދު މަޝްވަރާކުރެވި ޚިޔާލު ބަދަލުކުރެވިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ޒަކާތުގެ ނިޒާމު ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަމިއްޔަތުކަން ފާހަގަކުރައްވާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.