ޚަބަރު

ބޫޓާން އަތުންވެސް ރާއްޖޭގެ އަންހެން ޓެނިސް ޓީމަށް މޮޅެއް


ބަހްރެއިނުގައި މިހާރު ކުރިއަށްދާ ބިލީ ޖީން ކިންގް ކަޕުގެ އޭޝިއާ އަދި އޯޝޭނިއާ ގުރޫޕް ތިނެއްގައި ބޫޓާން އަތުންވެސް ސީދާ ތިން ގޭމުން ރާއްޖެ އަންހެން ޓެނިސް ޓީމު މޮޅުވެއްޖެއެވެ.

ފުރަތަމަ ގޭމުގައި ވާދަކުރީ ރާއްޖޭގެ ލަަޔާން މުޙައްމަދު ޝާމިން އާއި ބޫޓާންގެ ޓިޝޯކޭ އެވެ. މި މެޗުން ލަޔާން މޮޅުވީ ސީދާ ދެ ސެޓުންނެވެ. އެއީ 6-2 އަދި 6-1 އިންނެވެ. ދެވަނަ ގޭމުގައި ވާދަކުރީ ރާއްޖޭގެ އާރާ އާސަލް އާޒިމް އާއި ބޫޓާންގެ ދޯރްޖީ އެވެ. މި މެޗު އާރާ ކާމިޔާބުކުރީ ދެ ގޭމުންނެވެ. އެއީ 6-3 އަދި 6-0 އިންނެވެ.

ތިންވަނަ ގޭމަކީ ޑަބަލްސް މެޗެކެވެ. ބޫޓާންގެ ދޯރްޖީ އާއި ޓިޝޯކޭ އަތުން ރާއްޖޭގެ ނަޔާރާ އުސާމާ އަލީ އާއި މަންހާ މުޙައްމަދު އަލީގެ ޕެއާ މޮޅުވީ ސީދާ ދެ ގޭމުންނެވެ. އެއީ ހަތެއް ފަހެއް އަދި ހައެއް ދޭކުންނެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މިޔަންމާ އަތުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި އިރާގު އަތުން ފަސޭހަ މޮޅެއް ހޯދާފައެވެ. އިރާގު އަތުންވެސް ރާއްޖެ މޮޅުވީ ތިން ގޭމުންނެވެ.

މި މަހުގެ 25 ވަނަ ދުވަހު ކުޅުނު މި މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖޭގެ ލަޔާން ޝާމިން ވަނީ ޒ.ހަލީލް އަތުން ސީދާ ދެ ސެޓުން މޮޅުވެފައެވެ. އެއީ ހައެއް ސުމެއް އަދި ހައެއް ތިނަކުންނެވެ. އަދި ދެވަނަ ގޭމް ވާދަވެރިކޮށްދިޔައިރު، ރާއްޖޭގެ އާރާ އާސާލް އާޒިމް މިގޭމް ކާމިޔާބުކުރީ ހައެއް ދޭއް އަދި ހައެއް އެކެއްގެ ނަތީޖާއަކުންނެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުގައި ހިމެނެނީ އާރާ އާއި، ލަޔާން ޝާމިންގެ އިތުރުން ނަޔާރާ އުސާމާ އަލީ އަދި މަންހާ މުޙައްމަދެވެ. މިއީ މި މުބާރާތުގައި ރާއްޖެއިން ބައިވެރިވާ 3 ވަނަ ފަހަރެވެ.