ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ބޭނުންވާ ހަތިޔާރާއި އަސްކަރީ އެހީތެރިކަން ހޯދުމަށް ޔޫކްރެއިންގެ ވަފުދެއް ދެކުނު ކޮރެޔާއަށް ދަތުރު ކޮށްފިއެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިނަށް އެންމެ ގިނައިން ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުން ދަނީ އެމެރިކާއާއި ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ންނެވެ. ޔޫކްރެއިންގެ ވަފުދުގައި އިސްކޮށް ހުންނެވީ އެ ޤައުމުގެ ދިފާޢީ ވަޒީރު ރުސްތަމް އުމެރޮވެވެ.
އުމެރޮވާއި ޔޫކްރެއިންގެ ވަފުދެއް ދެކުނު ކޮރެޔާއަށް ދަތުރު ކޮށްފައިވާ ކަން ޔޫކްރެއިނުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ނަމަވެސް، މީޑިޔާ ރިޕޯޓުތައް ބުނީ، ދެކުނު ކޮރެޔާގެ ވެރިރަށް ސޯލަށް ކުރެއްވި ދަތުރުފުޅުގައި އުމެރޮވް އެ ޤައުމުގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޝިން ވޮން-ޝީއާ ބައްދަލު ކުރައްވާފައިވާ ކަމުގައެވެ. އަދި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅޭ ގޮތުން ޚިޔާލު ބަދަލު ކުރައްވާފައިވާ ކަމުގައެވެ.
ޔޫކްރެއިންގެ މަޞްދަރުތަކާ ޙަވާލާދީ މީޑިޔާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އުމެރޮވްގެ ދަތުރުފުޅުގެ މައިގަނޑު މަޤުޞަދަކީ، ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ބޭނުންވާ އިތުރު ހަތިޔާރު ހޯދުމެވެ. ދެކުނު ކޮރެޔާއަކީ އެމެރިކާގެ ގާތް އެކުވެރިއެއް ކަމުގައިވީ ނަމަވެސް، އެ ޤައުމުން ޔޫކްރެއިނަށް ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދީފައެއް ނެތެވެ. އެ ކަމަށް އެމެރިކާއިން ވެސް ދަނީ ބާރުއަޅަމުންނެވެ.
އުމެރޮވްގެ ދަތުރުފުޅުގައި ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް ޔޯލާ ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމުގައި ވެސް މީޑިޔާތަކުން ރިޕޯޓު ކުރިއެވެ. ނަމަވެސް، ޔޫންގެ އޮފީހުން އެ ކަން ކަަށަވަރު ކޮށްދީފައެއް ނެތެވެ. އުމެރޮވާއެކު ޔޫކްރެއިންގެ ވަފުދެއް ދެކުނު ކޮރެޔާއަށް ދަތުރު ކޮށްފައިވާ ކަން ކަށަވަރު ކޮށްދޭން ދެކުނު ކޮރެޔާގެ ދިފާޢީ ވުޒާރާއިން ވެސް ވަނީ ދެކޮޅު ހަދާފައެވެ.
ދެކުނު ކޮރެޔާއިން ހަތިޔާރާއި އަސްކަރީ އެހީތެރިކަން ހޯދަން މަސައްކަތް ކުރަމުންދާ ކަން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ދާދިފަހުން އިޢުލާނު ކުރައްވާފައިވެއެވެ. އަދި، ޔޫކްރެއިންގެ ސިފައިންނަށް ބޭނުންވާ ހަތިޔާރުތަކުގެ ލިސްޓެއް ތައްޔާރުކޮށް ސޯލްގެ ސަރުކާރާ ހިއްސާ ކުރައްވާނެ ކަން އޭނާ ވަނީ އިޢުލާނު ކުރައްވާފައެވެ. އޭގެ ތެރޭގައި އާޓިލަރީ ބަޑިއާއި، އެއަށް ބޭނުންވާނެ ބޮމާއި، ވައިގެ ދިފާޢީ ނިޒާމަށް ބޭނުންވާ ސާމާނު ހިމެނޭނެ ކަމުގައި ވެސް ޒެލެންސްކީ ވިދާޅުވިއެވެ.
ދާދި ފަހުން އުމެރޮވް ވަނީ އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތާއި، ޖަރުމަނުވިލާތާއި، އިޓަލީވިލާތުގެ އިތުރުން ޕޮލެންޑުގެ ވެރިންނާ ވެސް ބައްދަލު ކުރައްވާފައެވެ. ޔޫކްރެއިންގެ މީޑިޔާއިން ބުނީ، އެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައި ވަނީ ޔޫކްރެއިނަށް ބޭނުންވާ ހަތިޔާރާއި އަސްކަރީ އެހީ އިތުރު ކުރުމާ ގުޅޭ ގޮތުން ކަމުގައެވެ. އަދި، ޔޫކްރެއިންގެ ވައިގެ ދިފާޢީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމުގައި ވެސް ޔޫކްރެއިންގެ މީޑިޔާއިން ރިޕޯޓު ކުރިއެވެ.
ދެކުނު ކޮރެޔާއަކީ، އެންމެ ގިނައިން ހަތިޔާރު އުފައްދަމުންދާ ޤައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތް ޤައުމެކެވެ. ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިނަށް ބޭނުންވާ ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅަނގުން ދަނީ ދެކުނު ކޮރެޔާއަށް ބާރު އަޅަމުންނެވެ. މީގެ ކުރިން ދެކުނު ކޮރެޔާއިން ވަނީ އަސްކަރިއްޔާއާ ގުޅުން ނެތް އެހީތެރިކަން ޔޫކްރެއިނަށް ފޯރުކޮށްދީފައެވެ.
ނަމަވެސް، ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމާ މެދު ވިސްނަމުންދާ ކަން ދެކުނު ކޮރެޔާގެ ޚާރިޖީ ވަޒީރު ޗޯ ތޭ-ޔުލް ދާދި ފަހުން ހާމަކުރައްވާފައިވެއެވެ. އޭނާ މި ކަން ހާމަކުރައްވާފައި ވަނީ، ދެކުނު ކޮރެޔާގެ އެންމެ ބޮޑު ދުޝްމަނުގެ ގޮތުގައި ދެކޭ އުތުރު ކޮރެޔާގެ ސިފައިން ރަޝިޔާއަށް ފޮނުވާފައިވާ ކަމުގައި ހުޅަނގުން ތުހުމަތު ކުރަން ފެށުމާ ގުޅިގެންނެވެ.
އެމެރިކާއާއި ނޭޓޯގެ އިތުރުން ޔޫކްރެއިނާއި ދެކުނު ކޮރެޔާއިން ވެސް ތުހުމަތު ކުރާ ގޮތުގައި، އުތުރު ކޮރެޔާގެ 10,000އަށްވުރެ ގިނަ ސިފައިން މި ވަގުތު ދަނީ ރަޝިޔާގައި ހަރަކާތްތެރިވަމުންނެވެ. އުތުރު ކޮރެޔާގެ ގިނަ ސިފައިން ތިބީ، ޔޫކްރެއިންގެ ސިފައިން އަތްގަދަ ކޮށްފައިވާ ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކް ސަރަޙައްދުތަކުގައި ކަމަށް ވެސް އެ ޤައުމުތަކުން ތުހުމަތު ކުރެއެވެ. ޔޫކްރެއިންގެ ރަށްތަކަށް ދެމުންދާ ވައިގެ ޙަމަލާތަކުގައި ރަޝިޔާއިން އުތުރު ކޮރެޔާގައި އުފައްދާފައިވާ ހަތިޔާރު ބޭނުން ކުރަމުންދާ ކަމުގައި ވެސް އެ ޤައުމުތަކުން ތުހުމަތު ކުރެއެވެ. އުތުރު ކޮރެޔާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދިނުމަކީ ހުޅަނގަށް، ޚާއްޞަކޮށް އެމެރިކާއަށް، ހަޖަމުކުރެވޭ ކަމެއް ނޫނެވެ.
2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ފެށި ހަނގުރާމައިގެ ތެރެއިން ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ ބިމުން %18ށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި, އިރުމަތީ ދޮންބާސްގެ %80އާއި, ދެކުނުގައި އޮތް ޒަޕޮރީޜިޔާއާއި ޚަރްސަންގެ %70 ހިމެނެއެވެ. ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަށް ރަޝިޔާއިން އަތްގަދަ ކޮށްފައި ވަނީ 2014ވަނަ އަހަރުއެވެ. ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކް ސަރަޙައްދަށް އަރައިގަނެ، ޔޫކްރެއިންގެ ސިފައިން ވެސް ވަނީ ރަޝިޔާގެ ބިންތަކަށް ވެރިވެގަންނަވަމުންނެވެ.