ޚަބަރު

ނިއުކާސަލް އަތުން ވެސްޓް ހޭމްއަށް މުހިންމު މޮޅެއް


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ވެސްޓް ހޭމް ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

މި މެޗު ކާމިޔާބު ކުރުމާއެކު ވެސްޓް ހޭމް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުން 15 ޕޮއިންޓާއެކު ތާވަލުގެ 14 ވަނަ މަގާމު ލިބިފަ އެވެ. ނިއު ކާސަލް ޔުނައިޓެޑް އޮތީ 18 ޕޮއިންޓައެކު ތާވަލުގެ ދިހަވަނައިގަ އެވެ. މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑް މޮޅުވި ހަތަރުވަނަ މެޗެވެ. ތިން މެޗުން އެއްވަރުވެފައިވާއިރު އެ ޓީމު ވަނީ 5 މެޗުން ބަލިވެފަ އެވެ.

ނިއު ކާސަލްގެ ސެއިންޓް ޖޭމްސް ޕާކުގައި ފަންސާސް ދެހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ދިހަ ވަނަ މިނިޓުގައި ވެސްޓް ހޭމްގެ ތޯމަސް ސޫޗެކް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

މި މެޗުގައި ނިއު ކާސަލް ޔުނައިޓެޑުން ރަގަޅު ކުޅުމެއް ދެއްކި ނަމަވެސް އެ ޓީމަށް ވަނީ ވެސްޓް ހޭމްގެ ގޯލު ހުޅުވާލެވޭނެ ގޮތެއް ނުވެފަ އެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ނިއު ކާސަލްގެ އެލެކްޒެންޑަރ އިސާކް އަށް ލިބުނު ރަނުގެ ފުރުސަތު އޭނާ ވަނީ ނަގާލާފަ އެވެ. އޭރިޔާ ތެރޭގައި ހުހަށް ހުއްޓާ ގުއިމަރޭޒް ދިން ބޯޅައިން އޭނާ ފޮނުވާލި ހަމަލާ ވަނީ ގޯލާއި އަމާޒުވާ ގޮތް ނުވެފަ އެވެ.

ވެސްޓް ހޭމް ޔުނައިޓެޑް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 53 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެރޮން ވެން-ބިސާކާ އެވެ.

މި ލަނޑަށްފަހު 2-0 ގެ ލީޑެއް ވެސްޓް ހޭމް އަށް ލިބުނުއިރު މި ނަތީޖާ އާއިއެކު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދަނީ އެ ޓީމުގެ ކޯޗު ޖޫލެން ލޮޕެޓޭގް އަށެވެ. މި ސީޒަނުގައި އަލަށް ޓީމާއި ހަވާލުވުމަށްފަހު އެ ޓީމަށް ރަގަޅު ނަތީޖާއެއް ހޯދިފައިނުވާތީ ސަޕޯޓަރުންގެ ފާޑުކިއުންތައް ވަނީ އޭނާއަށް އަމާޒުވެފަ އެވެ.

ނަމަވެސް ނިއު ކާސަލް އާއި ދެކޮޅަށް ދެއްކި ކުޅުމާއި އަދި ނަތީޖާއާއިއެކު ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބި ކުރިއަށް ހުރި މެޗުގައި ތަފާތުތަކެއް ފެންނާނެކަމަށް ދިރާސާ ކުރާ ފަރާތްތަކުންވަނީ ބުނެފަ އެވެ.