އޭޝިއާގެ އެންމެ ޝަރަފުވެރި ކުލަބު ފުޓްބޯޅަ މުބާރާތް ކަމުގައިވާ އޭއެފްސީ ޗެމްޕިއަންސް ލީގުގައި ގަތަރުގެ އަލް ގައްފާރާ ދެކޮޅަށް ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ދެ ލަނޑާއެކު 3-1 ގެ ނަތީޖާއަކުން އަލް ނަސްރު މޮޅުވެއްޖެއެވެ.
ގަތަރުގެ ދޯހާގައި ކުޅުނު މި މެޗު އަލް ނަސްރު އިން ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ ވެސްޓް ޒޯނުގައި ވާދަކުރާ 12 ޓީމު ހިމެނޭ ލީގު ތާވަލުގެ ދެވަނަ މަގާމު ލިބިފަ އެވެ. އެ ޓީމަށް 5 މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު އެއްވަނައިގައި އޮތް ސައުދި އަރަބިއްޔާގެ އަލް އަހްލީ އަށް ފަސް މެޗުން ވަނީ 15 ޕޮއިންޓް ލިބިފަ އެވެ. އަދި މި މެޗުން ބަލިވުމާއެކު އަލް ގައްރާފާ އަށް ފަސް މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާއެކު އެ ޓީމު ވަނީ ތާވަލުގެ 8 ވަނައަށް ވެއްޓިފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފުރަތަމަ މިނިޓުގައި ރޮނާލްޑޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އަދި އޭގެ ބާރަ މިނިޓު ފަހުން އަލް ނަސްރުގެ އެންޖެލޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި އަލް ނަސްރު އިން ޖެހި ތިންވަނަ ލަނޑު މެޗުގެ 64 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
އަލް ގައްރާފާ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 75 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކުރިން ރެއާލް މެޑްރިޑަށް ކުޅުނު މަޓޯ ޖޮސެލޯ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް ރެފްރީ ވަނީ އަލް ގައްރާފަގެ ސައެދޫ ސާނޯ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.