ރާއްޖޭގެ އިރުން، ބޭ އޮފް ބޭންގަލް އަދި ރާއްޖޭގެ އިރުދެކުނުގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން އަންނަ ބުދަ ދުވަހުން ފެށިގެން، ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ޢާއްމު، ވައިބާރު ވާނެކަމަށް ލަފާކުރެވޭކަމުގައި މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މީގެ ސަބަބުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމުގައިވެސް މެޓުއޮފީހުން ވިދާޅުވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އިރުން ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް 24 ގަޑިއިރުގެ ތެރޭގައި އިތުރަށް ބާރުގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މިކޮޅިގަނޑު ދަތުރުކުރަމުންދާނެކަމަށް ބެލެވެނީ ހުޅަނގުއުތުރަށް އިންޑިއާގެ ޓެމިލްނާޑޫ އާއި ސްރީލަންކާގެ އައްސޭރިފަށާ ދިމާއަށްކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.
Weather update. pic.twitter.com/IPXv6khtw9
— Maldives Meteorology (@MetMaldives) November 25, 2024
މީގެއިތުރުން، ރާއްޖޭގެ އިރުދެކުނުގައިވެސް ކޮޅިގަނޑެއް އުފެދިފައިވާކަމަށާ، މިދެކޮޅިގަނޑުގެ ސަބަބުން އަންނަ ބުދަ ދުވަހުން ފެށިގެން މުޅި ރާއްޖޭގެ އާންމު ވައި ބާރުވާނެކަމަށް މެޓު އޮފީހުން ލަފާކުރައްވައެވެ. މިގޮތުން ޢާއްމު ގޮތެއްގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލއާއި 25 މޭލާއި ދެމެދުގެ ބާރު މިނުގައި އަދި އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުންވަނީ ލަފާކުރައްވާފައެވެ.
މިއާއެކު މުޅި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑު ދަތުރުކުރާ ފަރާތްތަކާއި މޫދުގެ އެކި ޙަރަކާތްތައް ބާއްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއ ދެއްވުމަށް މެޓު އޮފީހުން އިލްތިމާސްކުރައްވައެވެ. އަދޮ ކަނޑު ގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވެ، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވަނީ އިރުޝާދު ދެއްވާފައެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މިދުވަސްވަރުވެސްދަނީ ވިއްސާރަކުރަމުންނެވެ. މެޓުން ވިދާޅުވީ މިހާރު ކުރަމުންދަނީ ދެމޫސުން ބެދޭ ވިއްސާރަކަމަށެވެ.