ޚަބަރު

އެމެރިކާގެ ބޭނުމަކީ އޭޝިޔާ ބައްރު ކާރިސާއެއްގެ ތެރެއަށް ވައްޓައިލުން: ރަޝިޔާ


ތައިވާނުގެ މިނިވަންކަމާ ގުޅޭ މައްސަލަ އިތުރަށް ހޫނުކޮށް އޭޝިޔާ ބައްރު ކާރިސާއެއްގެ ތެރެއަށް ވައްޓައިލުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމުގައި ރަޝިޔާއިން ތުހުމަތު ކޮށްފިއެވެ. މި މޭރުމުން ތުހުމަތު ކުރައްވާފައި ވަނީ ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު އެންދްރީ ރަދިއެންކާއެވެ. އޭނާ ވިދާޅުވީ ތައިވާނުގެ މިނިވަންކަމާ ގުޅޭ މައްސަލައިގައި ޗައިނާއިން ގެންގުޅޭ ސިޔާސަތަށް ފުރިހަމައަށް ތާޢީދު ކުރުމުގައި ރަޝިޔާއިން ދެމިއޮންނާނެ ކަމުގައެވެ.

ޗައިނާއިން ޤަބޫލު ކުރާ ގޮތުގައި، މިނިވަން ކަމާ އެކު ޑިމޮކްރެޓިކް ނިޒާމެއްގެ ދަށުން ވެރިކަމެއް ކުރަމުން ދިޔަ ނަމަވެސް، ތައިވާނަކީ އެ ޤައުމުގެ ބައެކެވެ. އަދި، ކޮންމެ ވެސް ދުވަހަކުން ތައިވާން ޗައިނާގެ ބާރުގެ ދަށަށް ގެނައުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެއެވެ. ނަމަވެސް، ޗައިނާއާ އޮތް ދެކޮޅުވެރިކަމާ ގުޅިގެން އެމެރިކާއިން ދަނީ ތައިވާނާ އެކު ގާތް ގުޅުންތަކެއް ބާއްވަމުންނެވެ. ތައިވާނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އެމެރިކާއިން ބަލައިގަނެފައި ނެތް ނަމަވެސް، އެމެރިކާއިން ދަނީ ތައިވާނަށް އަސްކަރީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދީ، ހަތިޔާރު ފޯރުކޮށްދެމުންނެވެ.

ތައިވާންގެ ތާރީޚަށް ނަޒަރެއް

ކުރިން ފޮރްމޯޝާގެ ނަން ދީފައިވާ ތައިވާނަކީ 1600ގެ އަހަރުތަކުގެ ތެރޭގައި ނެދަރލެންޑްސް އަދި ސްޕެއިނުން އިސްތިޢުމާރީ ވެރިކަމެއް ހިންގާފައިވާ ސަރަޙައްދެކެވެ. ޗައިނާގައި ވެރިކަން ކުރަމުން ދިޔަ ޗިންގ ޑައިނެސްޓީން ތައިވާނަކީ ފޫޖިޔަން ޕުރޮވިންސުގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1684ވަނަ އަހަރުއެވެ. އަދި، އެއީ ޗައިނާގެ ވަކި ޕުރޮވިންސެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1885ވަނަ އަހަރުއެވެ.
ޖަޕާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ޗިންގ ޑައިނޭސްޓީއަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު، 1895ވަނަ އަހަރު ޖަޕާންގެ އިސްތިޢުމާރީ ބާރުގެ ދަށަށް ތައިވާން ވެއްޓުނެވެ. އެއަށް ފަހު ތައިވާން ޗައިނާއާ ހަވާލު ކޮށްފައި ވަނީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހުއެވެ.

1949ވަނަ އަހަރު މައު ޒަދޮންގގެ ކޮމިޔުނިސްޓުން ވަނީ ޗައިނާގެ ވެރިކަން ވައްޓައިލާފައެވެ. އަދި، އެއިރު ވެރިކަމުގައި ތިބި ފަރާތްތަކުން ވަނީ ތައިވާނަށް ބަދަލުވެ، ތައިވާނުގެ ނަން ރިޕަބްލިކް އޮފް ޗައިނާއަށް ބަދަލުކޮށް، ތައިވާނުގައި އައު ވެރިކަމެއް ފަށާފައެވެ. ޗައިނާގެ މައި ބިމުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ [ޕީއާރްސީ]ގެ ދައުލަތް ޤާއިމުކޮށް ވެރިކަން ކޮށްފައި ވަނީ މައުގެ ކޮމިޔުނިސްޓު ސަރުކާރުންނެވެ. އެ ސަރުކާރުން ދެކުނު ގޮތުގައި، ތައިވާނަކީ ވެސް އެ ދައުލަތުގެ ބަޔެކެވެ.

ޗައިނާއިން މިއަދު ވެސް ޤަބޫލު ކުރަމުން ދަނީ އެ ގޮތަށެވެ. ބެއިޖިންގގައި ވެރިކަން ކުރަމުން ދިޔަ ސަރުކާރަކީ ޗައިނާގެ ޝަރުޢީ ސަރުކާރުގެ ގޮތުގައި ބަލައިގަނެ، އދން ވެސް ވަނީ 1971ވަނަ އަހަރު ތައިވާން އދން ބޭރުކޮށްފައެވެ. މި ވަގުތު، ތައިވާނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަނީ 12 ވަރަކަށް ޤައުމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ކުދި އަދި ފަގީރު ޤައުމުތަކެވެ.

ނަމަވެސް، ހުޅަނގުގެ ޤައުމުތަކުން ދިޔައީ ތައިވާނާ ގާތް ގުޅުންތަކެއް ބާއްވަމުންނެވެ. އެމެރިކާ ފަދަ ބައެއް ޤައުމުތަކުގެ އެމްބަސީތައް ތައިވާނުގައި ހުޅުވާފައިވެއެވެ. 1979ވަނަ އަހަރު އެމެރިކާއިން ރަސްމީކޮށް ތައިވާނާ އޮތް ގުޅުންތައް ކަނޑައިލި ނަމަވެސް، ތައިވާނުގެ ދިފާޢު ކަށަވަރު ކުރަން އެމެރިކާގެ ޤާނޫނުން ވަނީ ސަރުކާރަށް މަތިކޮށްފައެވެ. ޗައިނާގެ "އެއް ޗައިނާ" ސިޔާސަތުގެ ދަށުން ބެއިޖިންގގެ ސަރުކާރަކީ ޗައިނާގެ ޝަރުޢީ ސަރުކާރުގެ ގޮތުގައި އެމެރިކާއިން ބަލައިގަތް ނަމަވެސް، ތައިވާނުގެ މިނިވަން ކަމާ ގުޅޭ ގޮތުން ވޮޝިންގޓަނުން ރަސްމީ ހައިސިއްޔަތެއްގައި ވަކި އަތަކަށް ބުރަވެފައެއް ނެތެވެ.

އޭޝިޔާ ބައްރު ކާރިސާއެއްގެ ތެރެއަށް ވައްޓައިލުމުގެ ހީލަތްތެރި ނިޔަތް

ނަމަވެސް، އެމެރިކާއިން މިހާރު އެ ސިޔާސަތާ ޚިލާފަށް އަމަލު ކުރަމުންދާ ކަމުގައި ރަޝިޔާއިން ތުހުމަތު ކުރެއެވެ. "އެމެރިކާއިން ބަލައިގަނެފައިވާ 'އެއް ޗައިނާ' ސިޔާސަތާ ދެކޮޅަށް ވޮޝިންގޓަނުން މަސައްކަތް ކުރަމުންދާ މަންޒަރު އަޅުގަނޑުމެންނަށް ދަނީ ފެންނަމުން، ސިޔާސީ އަދި އަސްކަރީ ދާއިރާއިން ތައިވާނާ ގުޅުންތައް ހަރުދަނާ ކުރަމުންދާ މަންޒަރު، އަދި ހަތިޔާރު ފޯރުކޮށްދިނުން އިތުރު ކުރަމުންދާ މަންޒަރު ދަނީ ފެންނަމުން،" ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ރަދިއެންކާ ވިދާޅުވިއެވެ.

މިއީ، ތައިވާނުގެ ދާޚިލީ ކަންކަމަށް ބާރާއި ނުފޫޒު ފޯރުވަން ޕީއާރްސީއަށް [ޗައިނާއަށް] ބާރު އެޅުމުގެ ގޮތުން ވޮޝިންގޓަނުން ހިންގަމުންދާ އަމަލެއް ކަމަށާއި، އެމެރިކާގެ ބޭނުމަކީ އޭޝިޔާ ބައްރު ކާރިސާއެއްގެ ތެރެއަށް ވައްޓައިލުން ކަމުގައި ރަދިއެންކާ ވިދާޅުވިއެވެ. މިއީ، އެމެރިކާގެ އަމިއްލަ އެދުން ކުރިއަރުވަން ހިންގަމުންދާ ހީލަތްތެރި އަމަލުތަކެއްގެ ގޮތުގައި ވެސް އޭނާ ސިފަ ކުރެއްވިއެވެ. ރަދިއަންކާގެ ތުހުމަތުތަކަށް އެމެރިކާއިން ރައްދު ދީފައެއް ނެތެވެ.

އެތައެއް މިލިޔަން ޑޮލަރެއްގެ އަސްކަރީ އެހީ

އެމެރިކާއިން މިހާރު ވެސް ދަނީ ތައިވާނަށް ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ގޮތުން، ސެޕްޓެންބަރު މަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ 567 މިލިޔަން އެމެރިކާ ޑޮލަރުގެ އިތުރު ހަތިޔާރު ތައިވާނަށް ފޯރުކޮށްދޭން ނިންމަވާފައެވެ. އެ ކަމާ ގުޅިގެން ރަޝިޔާއިން ވަނީ ޗައިނާއާ އެކު ދެމިއޮންނާނެ ކަން ހާމަކޮށްފައެެވެ. އެއީ، ތައިވާން ބޭނުންކޮށް އޭޝިޔާ ބައްރުގެ މަސްލަހަތު ނަގައިލަން އެމެރިކާއިން ގަސްދުގައި ހިންގަމުންދާ އަމަލުތަކެއްގެ ގޮތުގައި ސިފަކޮށް، ރަޝިޔާއިން ވަނީ އެ ކަން ކުށްވެރި ކޮށްފައެވެ.

ޗައިނާއާއި ރަޝިޔާއާ ދެމެދު ވެސް ދަނީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރަމުންނެވެ. 2022ވަނަ އަހަރުގެ ފެބުރުވަރީ މަހު ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ ބެއިޖިންގއަށް ވަޑައިގަންނަވައި، ދެ ޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުމެއް އެކުލަވައިލާފައެވެ. އެއީ "އެއްވެސް ހައްދެއް ނެތް" ގުޅުމެއްގެ ގޮތުގައި ދެ ޤައުމުން ސިފަ ކުރެއެވެ. ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ފަށާފައި ވަނީ ޕުޓިންގެ ދަތުރުފުޅަށް ފަހުއެވެ.

ޕްރޮކްސީއެއްގެ ގޮތުގައި ޔޫކްރެއިން ބޭނުން ކުރުން

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ހުޅަނގުން ދަނީ ޔޫކްރެއިނަށް ހާތިޔާރު ފޯރުކޮށްދީ، އަސްކަރީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިއީ، ޕްރޮކްސީއެއް ނުވަތަ މެދުވެރިއެއްގެ ގޮތުގައި ޔޫކްރެއިން ބޭނުންކޮށް، އެމެރިކާއާއި ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ން ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރެއެވެ.

ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް ޔޫކްރެއިނުން ބޭނުން ކުރަމުންދާ ގިނަ ހަތިޔާރު ފޯރުކޮށްދެމުން ދަނީ އެމެރިކާއިންނެވެ. އަދި، އެ ހަތިޔާރުތައް ބޭނުންކޮށްގެން ރަޝިޔާގެ ރަށްތަކަށް އަމާޒުކޮށް ޙަމަލާ ދިނުމުގެ ހުއްދަ ވެސް ބައިޑަން ހުސްވި ހަފުތާގައި ވަނީ ޔޫކްރެއިނަށް ދެއްވާފައެވެ. އެ ނިންމުމާ އެކު، ތިންވަނަ ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އެތަކެއް ގުނައަކަށް އިތުރުވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.