ޚަބަރު

ޕެންޝަން ފައިސާ ދިގު މުއްދަތަކަށް ބަހާލައިގެން ލިބޭނެގޮތް ހަދަނީ


ޕެންޝަން ފަންޑުގައި ހުރި ފައިސާ، އެފަންޑުގެ ބައިވެރިންނަށް ދިގު މުއްދަތަކަށް ބަހާލައިގެން ލިބެނޭ ގޮތް މިއަހަރު ނިމުމުގެ ކުރިން ތަޢާރަފްކުރައްވާނެކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކުރައްވައިފިއެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ސްކީމެއްވެސް މިއަހަރުގެ ތެރޭގައި ތަޢާރަފްކުރައްވާނެކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ.

ޕެންޝަން ފަންޑުގައި ހުރި ފައިސާއިން، ގެދޮރު ގަތުމަށް ރަހުނުކުރުމުގެ ސްކީމް މިހާރު ވަނީ ތަޢާރަފް ކުރައްވާފައެވެ. މޯލްޑިވްސްޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ވިދާޅުވާ ގޮތުގައި ޕެންޝަން ފަންޑްގައި ހުރި ފައިސާއިން ބައިވެރިންނަށް ފައިދާލިބޭނެ 2 ސްކީމެއް މިއަހަރު ނިމުމުގެ ކުރިން ތަޢާރފްކުރެވިގެންދާނެއެވެ. އެއީ އެނިއުޓީ ސްކީމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ސްކީމެވެ. އެނިއުޓީ ސްކީމަކީ ޕެންޝަން ފަންޑްގައި ހުރި ފައިސާ ޕެންޝަން ފަންޑްގެ ބައިވެރިންނަށް ދިގު މުއްދަތަކަށް ބަހާލައިގެން ލިބޭނެ ގޮތް ހަމަޖައްސައިދޭ ސްކީމެކެވެ. މި ސްކީމްތަޢާރަފްކުރެއްވުމުގެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ.

ޕެންޝަން އޮފީހުގެ ޑިރެކްޓަރ ސްޓޭކްހޯލްޑަރ ރިލޭޝަންސް އިސްމާޢީލް ޝުޖާޢު ވިދާޅުވީ، މި ސްކީމް ތަޢާރަފް ކުރެއްވުމަށް ބޭނުންވާ އިދާރީ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި، އެ މަސައްކަތް ނިމުމުން މި ސްކީމް މިއަހަރު ނިމުމުގެ ކުރިން ތަޢާރަފް ކުރައްވާނެކަމަށެވެ.

މި ސްކީމްގެ ދަށުން ފަންޑުގެ ބައިވެރިންނަށް ބައިބައަށް އަދި ގަނޑުކޮށްވެސް ފައިސާ ލިބެނޭ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. މި ގޮތަށް ފައިސާ ލިބޭގޮތް ހަމަޖެހުމުން ޙައްޖަށް ނުވަތަ ބޭރަށް ކިޔަވަން ދިއުންފަދަކަންކަމުގެ ފައިދާ ބައިވެރިންނަށް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ދެވަނައަށް މިއަހަރު ތަޢާރަފްކުރައްވާ ސްކީމަކީ މަސައްކަތުގެ މާހައުލުގައި އުޅެނިކޮށް ދިމާވާ ކަމެއްގެ ސަބަބުން ނުކުޅެދުންތެރިކަމާ ކުރިމަތިވެއްޖެނަމަ ޕެންޝަން ފައިސާއިން އެމީހަކަށް ފައިސާ ލިބޭނެ ގޮތް ހަމަޖެއްސާ ސްކީމެކެވެ. މި ސްކީމްގެ ސަބަބުން ޕެންޝަން ފަންޑުގެ ބައިވެރިންނަށް ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް ލިބިގެންދާނެކަމަށް ޤަބޫލްކުރައްވާކަމަށް އިސްމާޢީލް ސުޖާޢު ވިދާޅުވިއެވެ.

ޕެންޝަން އޮފީހުން ވިދާޅުވީ، އަދިވެސް ތަފާތު ސްކީމްތަކާއި އިނާޔަޔްތައް ޕެންޝަން ފަންޑުގެ ބައިވެރިންނަށް ލިބޭނެ އިންތިޒާމް ތައާރަފްކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.