އިންޑިއާއި ރާއްޖެއާއި ދެމެދު މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު ސޮއިކުރެވުނު ކަރަންސީ ސެޓްލްމަންޓް އެއްބަސްވުމަކީ، އިންވެސްޓްމަންޓުތައް އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިމަހުގެ 21 ވަނަ ދުވަހު މި އެއްބަސްވުމުގައި ރާއްޖޭގެފަރާތުން ސޮއިކުރެއްވީ އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އާރުބީއައިގެ ގަވަރުނަރު ޝްރީ ޝަކްތިކަންތާ ދާސްއެވެ.
މިއެއްބަސްވުމުގައި ސޮއިކުރުމާއި ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށާއި ބައިނަލްއަޤްވާމީ މުހިންމު ބައިވެރިންނާއެކު ގުޅުން ވަރުގަދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ދުރުވިސްނޭ ސިޔާސަތުގެ ދަށުން އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެވުޒާރާއިން ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު 500 މިލިޔަން ޑޮލަރުގެ ވިޔަފާރި އަހަރެއްގެ މައްޗަށް ކުރެވޭ ކަމަށެވެ. މިއާއެކު މިއީ ވިޔަފާރީގެ ފުރުސަތުތަކާއި އިންވެސްޓްމަންޓު ފުރުސަތުތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
ކަރަންސީ ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ވިޔަފާރިތަކުން މުދަލާއި ޚިދުމަތް އެތެރެކުރުމާއި ބޭރުކުރުމުގައި އެބައެއްގެ އަމިއްލަ ފައިސާއިން ބިލްކޮށް އަދި އެ ބިލްތަކުގެ ސެޓްލްމަންޓް ހެދޭނެއެވެ. އަދި މިކަމުގެ ސަބަބުން ފޮރިން އެކްސްޗޭންޖް މާކެޓުގައި ދިވެހި ރުފިޔާއާއި އިންޑިއާ ރުޕީސް އިން ވިޔަފާރިކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. އަދި އެގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރެވޭ ގޮތްވުމުން ޚަރަދުކުޑަވެ ސެޓްލްމަންޓަށް ހިނގާ ވަގުތުވެސް އަވަސް ވާނެއެވެ.
މިއާއެކު ދިވެހި ވިޔަފާރިވެރިންނަށް އިންޑިއާއިން މުދާ ގެނައުމަށް ފަސޭހަވެ، އިންޑިއާ އާއި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދެ ޤައުމުގައި މުދަލާއި ޚިދުމަތް ހޯދުމުގައި ފަސޭހަވާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މިއެއްބަސްވުމާއި ގުޅޭގޮތުން އިޤްތިސާދީ ތަރައްޤީއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ މިއީ ތާރީޚީ އެއްބަސްވުމެއްކަން ފާހަގަކޮށް މިކަމުގެ ސަބަބުން ދެ ޤައުމުގެ ވިޔަފާރިތަކަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރެވޭ ފައިސާގެ މުއާމަލާތްތަކުގައި ކޮންމެ ޤައުމަކުން އެ ގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވަވާ އިންޑިއާގެ ރުޕޭ ކާޑު ރާއްޖެއަށް ތަޢާރަފްކޮށްފައެވެ.
މީގެއިތުރުން އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް، ޔޫ.ޕީ.އައި ރާއްޖެއަށް ތަޢާރަފުކުރުމަށް ކުރަންޖެހޭ ކަންކަން ކުރިއަށްގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުވަނީ ނިންމަވާފައެވެ.