ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އެތެރޭގެ އިންތިޚާބު ކާމިޔާބުކުރެއްވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ. ޕީއެންސީގެ އެތެރޭގެ އިންތިޚާބު ކާމިޔާބު ކުރެއްވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ވިދާޅުވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތައް ވަޑައިގެން އުޅުއްވަމުން އެމަނިކުފާނު މީސް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓުގައިވަނީ ޕީއެންސީގެ އެތެރޭގެ އިންތިޚާބު ކާމިޔާބުކުރެއްވި އެންމެހާ ފަރާތްތަކަށް ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި މި އިންތިޚާބުގައި އެކި މަގާމުތަކަށް ވާދަކުރެއްވި ކެންޑިޑޭޓުންނާއި، އިންތިޚާބުގެ އިންތިޒާމްތަކުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށްވެސް އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ. މީގެ އިތުރުން އިންތިޚާބުގައި ވޯޓުލީ ހުރިހާ މެމްބަރުންނަށްވެސް ރައީސުލްޖުމްހޫރިއްޔާވަނީ ޝުކުރުއަދާކުރައްވާފައެވެ.
— Dr Mohamed Muizzu (@MMuizzu) November 23, 2024
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ޕީއެންސީގެ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ޕީ.އެން.ސީގެ އެތެރޭ އިންތިޚާބުގައި ވާދަކޮށް ކާމިޔާބު ކުރެއްވި ހުރިހާ ފަރާތްތަކަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވާފައެވެ.
މިއަދު ބޭއްވުނު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީ.އެން.ސީގެ އެތެރޭ އިންތިޚާބުގައި ވާދަކޮށް ކާމިޔާބު ކުރެއްވި ހުރިހާ ފަރާތްތަކަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވަން. pic.twitter.com/yXHyya4Lvr
— Hussain Mohamed Latheef (@HucenSembe) November 23, 2024
ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ވޯޓުލާފައެވެ. ވޯޓުލުން 4 ގަޑިއިރަށް ކުރިއަށް ދިޔައިރު، ވޯޓުލުމަށް ޖުމްލަ 143 ފޮށި ވަނީ ބަހައްޓާފައެވެ. މީގެތެރެއިން 53 ފޮށި ބަހައްޓާފައިވަނީ މާލޭގައެވެ.
667 ކެންޑިޑޭޓުން ވާދަކުރެއްވި މިއިންތިޚާބުގައި މާލެ ހިމެނޭހެން 90 ރަށެއްގައި ވޯޓުލުމުގެ ކަންކަން ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިއިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 34904 ލިބިފައިވާ ކަމަށް ޕީއެންސީންވަނީ ހާމަކޮށްފައެވެ. މިއާއެކު މި އިންތިޚާބު ވެގެންގޮސްފައިވަނީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ބޮޑު އެއް އިންތިޚާބަށެވެ.