ޚަބަރު

އިންތިޚާބަށް ލިބުނު ތަރުހީބުން ފެނިގެންދިޔައީ ރައްޔިތުން ސަރުކާރު ބަލައިގަނެފައިވާ މިންވަރު: ޕީއެންސީ


  • މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 10:00 އިން މެނދުރުފަހު 2:00 އަށް

  • އިންތިޚާބު 106 ރަށެއްގައި ކުރިއަށް ގެންދިޔަ

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ އިންތިޚާބަށް ރައްޔިތުންގެ ފަރާތުން ލިބުނު ތަރުހީބުން ފެނިގެންދިޔައީ ރައްޔިތުން ސަރުކާރުން ބަލައިގަނެފައިވާ މިންވަރު ކަމަށް ޕީއެންސީން ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ އެތެރޭގައި އިންތިޚާބުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދިޔަ ގޮތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އިންތިޚާބު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު ޢިސްމާޢީލް ވިދާޅުވީ، އިންތިޚާބުގެ ކަންކަން ނިމިގެން ދިޔައީ އޮމާންކަމާއެކު ކަމަށެވެ. އޭނާ ވިދާޅުވީ، މި އިންތިޚާބުން ފެނިގެންދިޔައީ ރައްޔިތުން ސަރުކާރު ބަލައިގަނެފައިވާ މިންވަރު ކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރަނީ ސަރުކާރާއި ދޭތެރޭގައި ވިސްނުންފުޅު ރަންގަޅީއޭ. ރައްޔިތުންގެ އުއްމީދުތައް ވަރަށް އެބަހުއްޓޭ. ޑިމޮކްރެސީގެ ރިވެތި އުސޫލުން (އިންތިޚާބުގެ) ކަންކަން ހިންގާކަން. ސަރުކާރު މިހާހިސާބަށް އައިރު ވަޢުދުތައް ފުއްދަމުންދާކަން ރައްޔިތުންގެ އެބަ ޤަބޫލްކުރޭ. ރައްޔިތުންނަށް އެބަފެނޭ ރައްޔިތުންނަށްޓަކައި ރައީސުލްޖުމްހޫރިިއްޔާ ޑރ. މުހައްމަދު މުޢިއްޒު މަސައްކަތް ކުރައްވާތަން. އެހެންވެ މިވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން މިދިޔައީ" މުހައްމަދު ޢިސްމާޢީލް ވިދާޅުވިއެވެ.

މިއިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔައީ ހެނދުނު 10:00އިން މެންދުރުފަހު 2:00އާ ހަމައަށެވެ. މިއިންތިޚާބުގައި ކޮންމެ ދާއިރާއަކުން ހޮވުނު މީހުން ވަކިން ވަކިން ވަނީ އިޢުލާންކޮށްފައެވެ.

ޕީއެންސީގެ އިންތިޚާބަކީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް އިންތިޚާބު ކަމަށް އެޕާޓީން ވިދާޅުވެއެވެ. އަދި މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ޕާޓީ ދަފްތަރުގައި ހިމެނޭ ކޮންމެ ފަރާތަކަށް ދީފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު އިންތިޚާބުގައި ވޯޓުލުމަށް ވަނީ ނިކުމެފައެވެ.