ޚަބަރު

ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކާ އެކު ބައިރޫތު ގުޑުވާލައިފި


ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާގެ ދަށުން ވެރިރަށް ބައިރޫތަށް ނިރުބަވެރި ޙަމަލާތަކެއްދީ، ހަތަރު މީހުން ޝަހީދު ކޮށްލައިފިއެވެ. ބައިރޫތުގެ ދެކުނުގައި އޮތް ބަސްޠާއަށް ދިން ޙަމަލާތަކުގައި މުޅި ބައިރޫތު ގުޑުވާލާފައިވާއިރު، އެ ޙަމަލާތަކުގައި ޒަޚަމުކޮށްލި މީހުންގެ އަދަދު ވަނީ 23އަށް އުފުލިފައެވެ. ޔަހޫދީންގެ ޙަމަލާތައް ބައިރޫތުގެ ޙަދަޘަށާއި އަލް-ޝުވަޔިފާތަށް ވެސް އަމާޒު ކުރިއެވެ. އަދި، އިޠާރަށް ބޮންއަޅައި ދެ މަސްވެރިން ޝަހީދުކޮށްލިއެވެ.

ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއާއި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ މީގެ 13 މަސް ކުރިން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެންނެވެ. ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކަށް ޙިޒްބުاللهން ޙަމަލާ ދޭން ފަށާފައި ވަނީ ފަލަސްޠީނުގެ ރައްޔިތުންނާއި، އެ ޤައުމުގެ މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުންނަށް ވާގިވެރިވުމުގެ ގޮތުންނެވެ. އެ ޖަމާޢަތުގެ އަމާޒަކީ ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ޔަހޫދީންނަށް ބާރު އެޅުމެވެ.

ނަމަވެސް، ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ދަނީ ލުބްނާންގެ ޢާންމުން ދިރިއުޅޭ ރަށްތަކަށް ބޮންއަޅަމުންނެވެ. އެންމެ ނުރައްކާތެރި ޙަމަލާތައް އަމާޒު ކުރަމުން ގޮސްފައި ވަނީ ވެރިރަށް ބައިރޫތާއި ދެކުނުގެ ރަށްތަކުގެ އިތުރުން އަލް-ބިޤާޢު ވާދީގެ ސަރަޙައްދުތަކަށެވެ. އެއަށްފަހު، އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން، ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރާ އެކު ލުބްނާންގެ ދެކުނުގެ ރަށްތަކަށް އަރައިގަނެ، ޤަތުލުޢާންމު އިތުރަށް ފުޅާކުރިއެވެ.

ބައިރޫތުގެ ބަސްޠާއަށް ދީފައިވާ ނިރުބަވެރި ޙަމަލާތައް އަމާޒު ކޮށްފައި ވަނީ 8 ބުރިއަށް ބިނާކޮށްފައިވާ އިމާރާތަކަށެވެ. ލުބްނާންގެ ދައުލަތުގެ މީޑިޔާ، ނޭޝަނަލް ނިއުސް އޭޖެންސީ (އެންއޭއޭ)ން ބުނީ، އެ ޙަމަލާގައި އެ އިމާރާތް ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ކަމުގައެވެ. ބެލެވޭ ގޮތުގައި، އެ ޙަމަލާގައި ޔަހޫދީ ފައުޖުން ބޭނުން ކޮށްފައި ވަނީ ބިންގަރާސް ފަދަ ތަންތަނަށް ޙަމަލާ ދިނުމަށް ބޭނުން ކުރާ ނުރައްކާތެރި އަދި ފަނާކުރަނިވި ބޮންތަކެވެ.

މިއީ، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބައިރޫތަށް ދީފައިވާ މި ފަދަ ހަތަރުވަނަ ޙަމަލާތަކެވެ. ޔަހޫދީ ފައުޖުގެ ގިނަ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ބައިރޫތުގެ ދެކުނުގެ ސަރަޙައްދުތަކަށެވެ. ނޮވެންބަރު 17 ވަނަ ދުވަހު ރައުސު އަލް-ނަބަޢަށް ދިން ނިރުބަވެރި ޙަމަލާތަކެއްގައި ޙިޒްބުاللهގެ މީޑިޔާ އޮފީހުގެ އިސް އޮފިޝަލެއް ޝަހީދުކޮށްލާފައިވެއެވެ.

ޔަހޫދީ ފައުޖުން ލުބްނާނަށް ދެމުންދާ ޙަމަލާތައް އިތުރުކޮށް ފުޅާ ކުރަމުން މި ދަނީ، ޢުދުވާންތައް ހުއްޓުވުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. މަޝްވަރާތަކުގައި އެމެރިކާ ތަމްސީލު ކުރައްވާ، އެ ޤައުމުގެ ރައީސް ޖޯ ބައިޑަންގެ ޚާއްޞަ މަންދޫބު އަމޮސް ހޮކްޝަތެއިން ހުސްވި ހަފުތާގައި ވަނީ ލުބްނާންގެ ވެރިރަށް ބައިރޫތަށް ވަޑައިގަންނަވައި، ލުބްނާން ސަރުކާރުގެ އިސްވެރިންނާ މަޝްވަރާތައް ބާއްވަވާފައެވެ.

އެއަށްފަހު އޭނާ ވަނީ ޒަޔަނިސްޓު އިސްރާއީލަށް ވަޑައިގަންނަވައި، އެ ޤައުމުގެ ހައްދުފަހަނަ އެޅި ބޮޑު ބަޒީރު ބެންޖަމިން ނަތަންޔާހޫއާއި ނިރުބަވެރި ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒާ ބައްދަލު ކުރައްވާފައެވެ. ހޮކްޝަތެއިނަކީ ވެސް ޔަހޫދީއެކެވެ. އަދި، ޔަހޫދީ ފައުޖުގައި ޚިދުމަތް ކޮށްފައިވާ މީހެކެވެ. އޭނާ ވިދާޅުވީ، ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލައި، ޙަމަލާ ބަދަލު ކުރުން ހުއްޓައިލުމުގެ ފުރުޞަތު ބޮޑު ކަމުގައެވެ.

ލުބްނާން ސަރުކާރުގެ މަޞްދަރަކުން ބުނީ، އެމެރިކާގެ ހުށަހެޅުމަށް ބައެއް އިސްލާހުތައް ގެނައުމަށް ހުށަހަޅާފައިވާނެ ކަމުގައެވެ. އޭގެ ތެރޭގައި، ލުބްނާންގެ ރަށްތަކަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެ ޤައުމުން ފޭބުމަށް އެކުލަވައިލާފައިވާ ތާވަލަށް ބަދަލުގެނެސް، ވީ އެންމެ އަވަހަކަށް ޔަހޫދީ ސިފައިން ބޭލުން ހިމެނެއެވެ.

ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 3,645އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 15,355އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.