މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއެކު ރާއްޖޭގައި މަސް ޕްރޮސެސްކުރުމުގެ ޤާބިލްކަން ކުރިއަށް އޮތް ތިން އަހަރުތެރޭގައި 9 ގުނައަށް ވުރެ އިތުރުވެގެންދާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝިޔާމު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ހަފްތާ 52 ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސަރުކާރުން ދަނީ ރާއްޖޭގައި މަސް ރައްކާކުރުމުގެ ގާބިލްކަން އިތުރުކުރުމަށް ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އަދި މިމަސައްކަތްތާއެކު މަސް ޕްރޮސެސްކުރުމުގެ ޤާބިލްކަން އިތުރުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވީ ރާއްޖޭގައި މަސް ޕްރޮސެސްކުރުމުގެ ޤާބިލްކަން ނުވަތަ އަގު އެއްކުރުމުގެ ޤާބިލްކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުން، 35 ޓަނުން 300 ޓަނަށް އިތުރުވެގެންދާނެ ކަމަށެވެ.
"ފުރަތަމަ ދައުރުގެ ފުރަތަމަ 3 އަހަރު ޕްރޮސެސިންގ ކެޕޭސިޓީ ހުންނާނީ 300 ޓަނުގައި، އެއީ ދެކުނުގައި ޤާއިމްކުރާ ފެސިލިޓީއާއި، ނިލަންދޫގައި ގާއިމްކުރާ ފެސިލިޓީ އަދި ފެލިވަރު ފެސިލިޓީވެސް 100 ޓަނަށް އިތުރުކުރުމުގެ މަސައްކަތްދަނީ ކުރެވެމުން،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުންދަނީ މަސްވެރިންނަށް ފަސޭހައިން މަސް ކިރޭނެ އިންތިޒާމްތައްވެސް ހަމަޖެއްސުމަށް ކަމަށެވެ. އަދި އައިސް ހޯދުމުގައި މަސްވެރިންނަށް ކުރިމަތިވާ ދަތިތަކަށްވެސް ހައްލު ހޯދާދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް ވަޒީރު ޝިޔާމު ފާހަގަކުރެއްވިއެވެ.
"11 އައިސްޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތްވަނީ ފެށިފައި، މިއަހަރު 3 އައިސްޕްލާންޓެއްގެ އަމަލީ މަސައްކަތް ފެށޭނެ، އިތުރު 5 އައިސްޕްލާންޓު ސައުދީ ފަންޑުން، އަދި 3 އައިސްޕްލާންޓު ބަޖެޓުގައި ހިމެނިގެން ކުރިއަށްދާނެ،" ވަޒީރު ޝިޔާމު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މަސްވެރިންނަށް ޒަމާނީ ވަސީލަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައްވެސް ހަމަޖެއްސުމަށް ސަރުކާރުން އިސްކަންދެއްވާކަމަށެވެ. އެގޮތުން ލޮނު ފެނުން މަސް ފިނިކުރާ ނިޒާމުތައް މަސް ދޯނިތަކުގައި ގާއިމްކުރުމުގެ މަސައްކަތަށް ޚާއްސަ ލޯނެއް ދޫކުރުމަށް ހުޅުވާލާފައިވާކަމަށެވެ.
އަދި މިފެސިލީޓީގެ ދަށުން 35 ފަރާތަށްވުރެ ގިނަ ފަރާތަށް މިއަހަރު ލޯނު ހަމަޖެހޭނެ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.