ޚަބަރު

ފާނަބަސަންދު ޖެހިގެން 2900 އަށްވުރެ ގިނަ ކޭސް!


  • މިއީ ވައިރަހެއްގެ ޒަރީއާއިން ގައިންގަޔަށް އަރާ ބައްޔެއް

  • އާންމުކޮށް ބަލި ޖެހެނީ ކުޑަކުދިންނަށް

މިއަހަރުގެ މިހާތަނަށް ފާނަބަސަންދު ޖެހިގެން 2900 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެ އިދާރާއިން މިކަން ހާމަކޮށްފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާނަބަސަންދުގެ ކޭސްތައް ރިޕޯޓް ކުރަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެޗްޕީއޭއިން ހާމަކުރެއްވި ގޮތުގައި މިއަހަރުގެ ނޮވެމްބަރު މަހާ ހަމައަށް މުޅި ރާއްޖެއިން 2977 މީހުން ވަނީ ފާނަބަސަންދު ޖެހިގެން ރިޕޯޓްކޮށްފައެވެ. މީގެ ތެރެއިން 1506 ކޭސް ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި 1471 ކޭސް ރިޕޯޓްކޮށްފައިވަނީ އަތޮޅުތަކުންނެވެ.

މި މަހުގެ ތެރޭގައި ކ. ގުޅިން ފާނަބަސަންދުގެ 11 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. މީގެ ތެރެއިން ދެ މީހަކަށް އައިޖީއެމްއެޗްގައި އިތުރު ފަރުވާ ދެމުންދާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

ފާނަބަސަންދަކީ ވައިރަހަކުން ޖެހޭ ބައްޔަކެވެ. މިބަލި އާންމުކޮށް ކުޑަކުދިންނަށް ޖެހުނު ނަމަވެސް ބޮޑެތި މީހުންނަށްވެސް މި ބަލި ޖެހެއެވެ. އަދި ބަލި އެއްފަހަރު ޖެހިފައިވާ މީހަކަށް ދެވަނަ ފަހަރަށް ބަލި ޖެހުމުގެ ފުރުސަތުކުޑައެވެ.

ބަލީގެ އަލާމާތްތައް

  • ހުންއައުން
  • ވަރުދެރަވުން
  • ނޭފަތުން ފެންއައުން
  • ހަމުގައި ބިހިތަކެއް ނެގުން (މި ބިތަށް ފެންފޮޅުތަކަކަށް ބަދަލުވޭ. މިއީ ވަރަށް ހިރުވާ، ފަސޭހައިން ފަޅައިގެންދާ ބިހިތަކެއް. އަދި ދެތިން ދުވަހުގެ ތެރޭގައި މުޅި ހަށިގަނޑުގެ އެކި ތަންތަނުގައި ބިހިނަގާ)

ބަލި ފެތުރޭ ގޮތްތައް

  • ބަލި ޖެހިފައި ހުރި މީހަކު ކެއްސާ ކިނބިހި އަޅާއިރު ނޭވާލާ ނިޒާމުގެ ޒަރީއާއިން
  • ބިހި ނަގާފައި ހުރި މީހެއްގެ ގައިގައި ބީހުމުން ނުވަތަ އޭނާ ބޭނުންކޮށްފައިވާ ތުވާލި، އަންނައުނުފަދަ ތަކެތި ބޭނުންކުރުން
  • ގައި ހުރި ބިހިތައް އެއްކޮށް ކުރަމަގާލިިލަންދެން ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ

ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް

  • ބަލި ޖެހިފައިވާ މޫހުން ގާތަށް ޒިޔާރަތްނުކުރުން
  • ބަލިޖެހިފައިވާ މީހާ އޭނާގެ ގައިގައި ނަގާފައިވާ ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން ބޭރަށް ނުނިކުތުން
  • ބަލިޖެހިފައިވާ މީހާ ގޭގައި ދިރިއުޅޭ އެހެން މީހުންނާ އެކަހެރިވުން
  • ބަލި ފަސޭހަވަންދެން އަންނައުނާއި ތުވާލިފަދަ ހިފާ ގެންގުޅޭ ތަކެތި ވަކި ކުރުން
  • ވެކްސިން ޖެހުން