ޚަބަރު

އެމެރިކާ ބަލިކޮށް ޑޭވިސް ކަޕުގެ ސެމީއަށް އޮސްޓްރޭލިއާ


ޑޭވިސް ކަޕް ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ވަރުގަދަ އެމެރިކާ ބަލިކުރުމަށްފަހު އޮސްޓްރޭލިއާ އިން ހޯދައިފި އެވެ.

ސްޕެއިންގެ މަލާގާގައި ކުރިއަށްދާ މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް އޮސްޓްރޭލިއާ އިން ހޯދާފައިވަނީ ފުރަތަމަ ކުޅުނު ސިންގަލްސް ދެ މެޗުން ދެ ޓީމު އެއްވަރުވެފައިވަނިކޮށް އިއްޔެ ކުޅުނު ޑަބަލްސް މެޗު ކަމިޔާބުކޮށްގެންނެވެ. އޮސްޓްރޭލިއާގެ މެތިއު އެބްޑެން އާއި ޖޯޑަން ތޮމްޕްސަން ކުޅުނު މެޗު ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުންނެވެ.

ސިންގަލްސް ފުރަތަމަ މެޗުގައި އޮސްޓްރޭލިއާގެ ތަނަސީ ވަނީ އެމެރިކާގެ ޝެލްޓަން ހައެއް އެކެއް ހަތަރެއް ހަތެއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ. ނަމަވެސް ޓޭލާ ފްރިޓްޒް ވަނީ އެލެކްސް ޑިމިނޯ އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް ތިނެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުން ކާމިޔާބުކޮށް ދެ ޓީމު އެއްވަރުކޮށްފަ އެވެ.

މިއީ ޑޭވިސް ކަޕްގެ ފިރިހެން ޓީމު އިވެންޓުގެ ސެމީ ފައިނަލުގެ ޖާގައެއް އޮސްޓްރޭލިއާއިން ޖެހިޖެހިގެން ހޯދި ތިންވަނަ ފަހަރެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި އޮސްޓްރޭލިއާ އާއި ދެކޮޅަށް ނިކުންނަ އިޓަލީ ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ ފަހަތުން އަރާ އާޖެންޓީނާ ދެ ސެޓު އެއް ސެޓުން ބަލިކުރުމަށްފަހުގަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން އިޓަލީން ވަނީ ފުރަތަމަ މެޗު އާޖެންޓީނާއިން ކާމިޔާބު ކޮށްފައިވަނިކޮށް ފަހު ދެ މެޗު ކާމިޔާބުކޮށްފަ އެވެ. ސިންގަލްސް ފުރަތަމަ މެޗުގައި އާޖެންޓީނާގެ ފްރެންސިސްކޯ ޗެރުންޑޯލޯ ވަނީ ލޮރެންޒޯ މުސޭޓީ ހައެއް ހަތަރެއް އަދި ހައެއް އެކެއްގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ.

ފަހު މެޗުގައި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ޔަނިކް ސިނާ ވަނީ މަޓިއޯ ބެރެންޓީނީ އާއިއެކު ކުޅުނު ޑަބަލްސް މެޗު ހައެއް ހަތަރެއް އަދި ހަތެއް ފަހެއްގެ ނަތީޖާ އަކުން ކާމިޔާބުކޮށް އިޓަލީ އަށް ސެމީގެ ފުރުސަތު ހޯދަދީފަ އެވެ.

ޑޭވިސް ކަޕުގެ އެންމެ ފަހުގެ މުބާރާތުގެ ޗެމްޕިއަންކަން އިޓަލީ އިން ހޯދާފައިވަނީ ފައިނަލުގައި އޮސްޓްރޭލިއާ ބަލިކުރުމަށްފަހުގަ އެވެ. އެހެންކަމުން މި މުބާރާތުގެ ސެމީ ފައިނަލް މެޗަކީ ނިމިދިޔަ އަހަރުގެ ފައިނަލުން އޮސްޓްރޭލިއާ ބަލިވި ބަލިވުމަށް ބަދަލު ހިފުމަށް ރަގަޅު ފުރުސަތެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.