ލުބްނާނުގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓާލުމަށް ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު އެމެރިކާއިން އެކުލަވާލައި ހުށަހެޅި އެއްބަސްވުން މުރާޖާކޮށް އެޖަމާއަތުން ބޭނުންވާ ކަންތައްތަކާއެކު އެއްބަސްވުން މިހާރު ހުށަހަޅާފައިވާނެ ކަމަށް ޙިޒްބުﷲގެ ލީޑަރު ނައީމް ޤާސިމް ވިދާޅުވެއްޖެއެވެ. އޭނާ ވަނީ މި ހަނގުރާމަ ހުއްޓުމުގެ އިހުތިޔާރު މިހާރު އެއޮތީ ޔަހޫދީންނަށް ދީފައި ކަމަށްވެސް ވިދާޅުވެފައެވެ.
ބުދަ ދުވަހު، އާންމުންނާ މުހާތުބެކޮށް ދެއްވި ތަގުރީރުގައި ޙިޒްބުﷲގެ ލީޑަރު ވަނީ މި މަޝްވަރާތަކުގެ ސަބަބުން ހަނގުރާމަ އަވަހަށް ހުއްޓޭނެ ކަމުގެ ޔަގީންކަން ދެއްވަން ދަތިކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ހަނގުރާމަ ހުއްޓާލުން ގުޅިފައި ވަނީ ޔަހޫދީ ދައުލަތުން ދެމުންދާ ރައްދުތަކާއި އެ ދައުލަތުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސިޔާސަތުތަކުގެ މައްޗަށް ކަމަށް ނައީމް ޤާސިމް ވިދާޅުވިއެވެ.
ނައީމް ޤާސިމް އިތުރަށް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެ ޖަމާއަތުން މަސައްކަތްކުރަމުންދާ ކަމަށާއި އެ ވާހަކަތަކުން ނަތީޖާ ނެރެވޭތޯ ބަލަމުން އަންނަ ކަމަށެވެ.
2006ވަނަ އަހަރު އދގެ ސަލާމަތީ މަޖިލީހުން ފާސްކުރި 1701 ނަންބަރު ޤަރާރުވާ ގޮތުން، އިސްރާއީލާއި ލުބްނާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި، ލުބްނާންގެ ފަޅީގައި ހަތިޔާރު ގެންގުޅުން މަނާވާނެއެވެ. އަދި، ސަރަޙައްދީ ރޮނގާއި ލައިޠާނީ ކޯރާ ދެމެދުގައިވާ ސަރަޙައްދުގައި އަސްކަރީ ހަރަކާތްތައް ހިންގުން ޙިޒްބުاللهއަށް ވެސް މަނާވާނެއެވެ. ސަލާމަތީ މަޖިލީހުގެ ޤަރާރު ތަންފީޒު ކުރުމުގެ ބާރު ދީފައި އޮތީ ލުބްނާންގެ އަސްކަރިއްޔާއަށެވެ. ނަމަވެސް، ޒަޔަނިސްޓު އިސްރާއީލުގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ ސިފައިންނަށް ހަތިޔާރު ގެންގުޅުމާއި ބޭނުން ކުރުން ހުއްދަވާނެއެވެ.
ލުބްނާނުގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުމަކަށް ގެނައުމަށް އެމެރިކާއިން ހުށަހަޅާފައިވާ ސުލްޙައިގެ އެއްބަސްވުމުގައިވާ ގިނަ ކަންކަމަށް ލުބްނާން ސަރުކާރާއި ޙިޒްބުاللهން އެއްބަސްވެފައިވާއިރު، މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި، އެމެރިކާގެ ހުށަހެޅުމަށް، އަދި ސަލާމަތީ މަޖިލީހުގެ ޤަރާރު ތަންފީޒު ކުރުމަށް ޔަހޫދީން ދެކޮޅު ހަދާނެއެވެ. ސަބަބަކީ، ޙިޒްބުاللهގެ މުޖާހިދުންނަށް ޙަމަލާ ދިނުމުގެ ނަމުގައި ލުބްނާންގެ ޢާންމު ރައްުޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިިންގުން ހުއްޓަައިލަން ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެކޮޅު ހެދުމެވެ. އޭނާ ރުއްސަން އޭނާ ބޭނުންވާ ގޮތަކަށް އެމެރިކާއިން އެއްބަސްވުން ބަދަލު ކުރާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.