ޚަބަރު

އަސްކަރީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ރާއްޖޭން ޕާކިސްތާނާއެކު މަޝްވަރާކުރައްވައިފި


  • ދިފާޢީ ވަޒީރު ޣައްސާން މިހާރު ގެންދަވަނީ ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވަމުން

އަސްކަރީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ދިވެހިރާއްޖޭން ޕާކިސްތާނާއެކު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ ޕާކިސްތާންގައި މިހާރު ކުރިއަށްދާ 12 ވަނަ އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ސެމިނަރ، އައިޑީއީއޭއެސް 2024 ގައި ބައިވެރިވެވަޑައިގަތުމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގެ ތެރެއިން ޕާކިސްތާނުގެ އަސްކަރިއްޔާގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލްއާ ބައްދަލުކުރައްވައެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ސައީދު އާސިމް މުނިރްއާއެކު ބޭއްވެވި މިބައްދަލުކުރެއްވުމުގައި އަސްކަރީ ދާއިރާއިން ދެ ޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވާފައިވާކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވިއެވެ.

ޕާކިސްތާނުގައި މިހާރު ކުރިއަށްދާ އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ސެމިނަރއަކީ ސަރަހައްދީ ޤައުމުތަކުގެ މެދުގައި އަސްކަރީ ދާއިރާއިން ގުޅުންބަދަހިކޮށް، ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތައް ދެނެގަތުމެވެ. މިއަހަރުގެ ސެމިނަރގައި 38 ޤައުމަކުން ބައިވެރިވެއެވެ.