ޚަބަރު

ކުންމިންގ ފެއަރ ވަރަށް ކާމިޔާބު- އިކޮނޮމިކް މިނިސްޓްރީ


ޗައިނާ ސައުތު އޭޝިއާ އެކްސްޕޯއަށް ގެންދިޔަ ދިވެހި އުފެއްދުންތަކުގެ ތެރެއިން ގިނަ އަދަދެއްގެ ތަކެތި ވިކިފައިވާކަމަށާއި ފެއަރ ވަރަށް ކާމިޔާބުކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

4 ވަނަ ސައުތު އޭޝިއާ އެކްސްޕޯ އިއްޔެ ނިމިފައިވާއިރު، މި އަހަރުގެ އެކްސްޕޯގެ އެންމެ ގިނަ އަދަދަކަށް މީހުން ޒިޔާރަތްކޮށްފައިވަނީ ރާއްޖޭގެ ވެވިލިއޮންނަށެވެ. މި އަަހަރުގެ އެކްސްޕޯއަށް ރާއްޖެއިން 11000 އަށް ވުރެއް ގިނަ ތަކެތި ބައިވެރިކޮށްފައިވާއިރު، މިއަހަރުގެ އެކްސްޕޯގެ ކަންޓްރީ އޮފް އޮނަރއަކީ ރާއްޖެ ކަމަށްވުމުން އެކްސްޕޯގައި ރާއްޖޭގެ ތަކެތި ދައްކާލުމަށް ބޮޑު ޖާގައެއް ވަނީ ލިބިފައެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤު ވިދާޅުވީ މިއަހަރުގެ އެކްސްޕޯ ވަރަށްވެސް ކާމިޔާބު ކަމަށާއި އެކްސްޕޯ އިންތިޒާމްކުރާ ފަރާތުންވެސް ރާއްޖެއާއި މެދު ތިބީ ވަރަށް ހިތްހަމަ ޖެހިފައިކަމަށެވެ. ރާއްޖޭގެ ޕެވިލިއޮންގައި އެންމެ މަޤްބޫލް އެއްޗެއްގެ ގޮތުގައި ފާހަގަކުރެވިގެން ދިޔައީ ދިވެހި މަހުގެ އުފެއްދުންތަކެވެ. އެގޮތުން ދިވެހި 4 މަސް ކުންފުންޏަކުން މި އެކްސްޕޯގައި ބައިވެރިވެފައިވާ އިރު އެ ފަރާތްތަކުން ފެއަރއަށް ގެންދިޔަ ހުރިހާ އެއްޗެއްވަނީ ވިކި ހުސްވެފައެވެ.

މީގެ އިތުރުންވެސް މި ފެއަރގައި ބައިވެރިކުރި އަތްތެރި މަސައްކަތްތަކުގެ އުފެއްދުންތަކަށްވެސް ރަނގަޅު ޑިމާންޑެއް އެކްސްޕޯގައި ލިބިގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. އެކްސްޕޯގެ ބައިވެރިން ބުނީ އަންނަ އަހަރުވެސް އެކްސްޕޯގައި ބައިވެރިވާނެކަމަށާއި މި އެކްސްޕޯގެ ސަބަބުން ޗައިނާގައި ރާއްޖޭގެ އުފެއްދުންތަކަށް މާރކެޓެއް އުފެދިގެން ހިނގައްޖެކަމަށް ޤަބޫލްކުރާކަމަށެވެ.

ކުންމިންގ ފެއަރ ނިމިގެން ދިޔަ އިރު ރާއްޖޭގެ ޕެވިލިއޮންއަށް 2 ލައްކައަށް ވުރެއް ގިނަ މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. އެކްސްޕޯގެ ފަހު ދެ ދުވަހުވަނީ ރާއްޖޭގެ ޕެވިލިއޮންގައި ޚާއްޞަ ލަކީ ޑްރޯ އެއް ކުރިއަށް ގެންގޮސްފަައެވެ. މި ލަކީ ޑްރޯގެ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 2 މީހަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުޞަތެވެ.