މިހާރު ވެސްޓް އިންޑީޒްއާ ދެކޮޅަށް އެ ގައުމުގައި ކުޅެމުންދާ ޓީ20 ސީރީޒްގެ ތިންވަނަ މެޗުން މޮޅުވެ، ބާކީ ދެ މެޗު އޮއްވާ އިންގްލެންޑުން ސީރީޒް ކާމިޔާބުކޮށްފިއެވެ.
މި ސީރީޒްގެ ފުރަތަމަ މެޗުން އިންގްލެންޑް މޮޅުވީ އަށް ވިކެޓުންނެވެ. އެއަށްފަހު، މި މަހުގެ 10 ވަނަ ދުވަހު ކުޅެވުނު ދެވަނަ ޓީ20 މެޗު އެ ޓީމުން ކާމިޔާބުކުރީ ހަތް ވިކެޓުންނެވެ. އޭގެފަހުން، ދެން ކުޅެވުނު ޓީ20 ތިންވަނަ މެޗުން އިންގްލެންޑް މޮޅުވީ ތިން ވިކެޓުންނެވެ.
ސެއިންޓް ލޫޝިއާގައި ހުންނަ ޑަރެން ސެމީ ނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން އިންގްލެންޑުން ގަސްދުކުރީ ހޮވަން އަރާށެވެ. ވެސްޓް އިންޑީޒުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 145 ލަނޑުހެދިއެވެ.
ވެސްޓް އިންޑީޒްގެ އިނިންގްސްގައި އެންމެ ރަނގަޅަށް ކުޅުނީ ކެޕްޓަން، ރޮވްމަން ޕަވެލް އެވެ. އޭނާ ވަނީ 41 ބޯޅައިން 54 ލަނޑުހަދައިފައެވެ. ޕަވެލްގެ އިނިންގްސްގައި ވަނީ ހަތަރު ފަހަރު ހަޔަކަށް، އަދި ތިން ފަހަރު ހަތަރަކަށް ޖަހައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ރޮމާރިއޯ ޝެޕާޑް 30 ލަނޑުހެދިއިރު، އަލްޒާރީ ޖޯސެފް ނުބައިނުވެ 21 ލަނޑުހެދިއެވެ.
އިންގްލެންޑުން އެންމެ ރަނގަޅަށް އުކީ ސާގިބް މަހްމޫދު އާއި ޖޭމީ އޮވާޓަން ކުރެން ކޮންމެ ކުޅުންތެރިއަކު ތިން ވިކެޓްނެގިއެވެ. އެ ޓީމުގެ އަނެއް ވިކެޓްނަގައިދިނީ ޖޮފްރާ އާޗާ އެވެ.
ޖަވާބުގައި ކުޅެން އަރައި، އިންގްލެންޑުން ވަނީ ބާކީ ހަތަރު ބޯޅަ އޮއްވާ، ހަތް ވިކެޓަށް 149 ލަނޑުހަދައި މެޗު ކާމިޔާބުކޮށްފައެވެ. އިންގްލެންޑުން އެންމެ ރަނގަޅަށް ކުޅުނީ 26 ބޯޅައިން 41 ލަނޑުހެދި ސޭމް ކުރަން އާއި 28 ބޯޅައިން 39 ލަނޑުހެދި ލިއާމް ލިވިންގސްޓޯން އެވެ. މީގެއިތުރުން، އޯޕަނިންގ ބެޓްސްމަން ވިލް ޖެކްސްގެ ކުޅުން ފާހަގަކޮށްލެވުނެވެ. އޭނާ ވަނީ 32 ލަނޑުހަދައިފައެވެ.
މި އިނިންގްސްގައި ވެސްޓް އިންޑީޒުން އެންމެ ރަނގަޅަށް އުކީ އަކީލް ހޮސެއިން އެވެ. އޭނާ ވަނީ ހަތަރު ވިކެޓް ނަގައިފައެވެ. އެ ޓީމުގެ އުކުންތެރިން ކަމަށްވާ؛ އަލްޒާރީ ޖޯސެފް، ގުޑަކޭޝް މޯޓީ އަދި ޓެރެންސް ހިންޑްސް ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއްނެގިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިންގްލެންޑްގެ ސާގިބް މަހްމޫދު އެވެ.
މި ދެ ޓީމުގެ ދެމެދުގައި ކުޅުމަށް ހަމަޖެހިފައިވާ ހަތަރުވަނަ މެޗު އޮތީ މި މަހުގެ 17 ވާ އާދީއްތަ ދުވަހު އެވެ.