ޚަބަރު

ސްރީ ލަންކާގެ ޢާންމު އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދަނީ


ސްރީ ލަންކާގެ ޢާންމު އިންތިޚާބުގެ ވޯޓުލުން ފެށިއްޖެއެވެ. އެ ޤައުމުގައި ޢާންމު އިންތިޚާބު މި ބާއްވަނީ، ސެޕްޓެންބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވި ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް އުވައިލެއްވުމާ ގުޅިގެންނެވެ. ޤާނޫނު ހަދާ މަޖިލިސް އުވައިލާފައި ވަނީ ސެޕްޓެންބަރު 25ވަނަ ދުވަހުއެވެ. މި އިންތިޚާބާ އެކު، ފަގީރުކަން ނައްތައިލެއްވުމަށް ދިސާނަޔަކަ ހުށަހަޅުއްވާފައިވާ ސިޔާސަތުތަކަށް ޢާންމުންގެ ތާޢީދު އޮތް މިންވަރު ހާމަވެގެންދާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ އަދަދު 17 މިލިޔަނަށް އަރާ ޢާންމު އިންތިޚާބުގައި 225 ގޮނޑީގެ ޤާނޫނު ހަދާ މަޖިލީހަށް، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ދައުރަކަށް މެންބަރުން އިންތިޚާބު ކުރެވޭނެއެވެ. މި އިންތިޚާބުގައި 690 ސިޔާސީ ޕާޓީއަކާއި މިނިވަން ޖަމުޢިއްޔާތަކުން ވާދަކުރާއިރު، 22 އިލެކްޓޯރަލް ޑިސްޓްރިކްޓެއްގައި ވޯޓުލުން ކުރިއަށްދާނެއެވެ.

ސެޕްޓެންބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވައަތު ފިޔައިގެ މާކްސިސްޓް ސިޔާސަތުތަކަށް ތާޢީދު ކުރައްވާ 55 އަހަރުގެ ދިސާނަޔަކަ ކާމިޔާބީ ހޯއްދަވާފައިވީ ނަމަވެސް، އެއިރު އޮތް ޤާނޫނު ހަދާ މަޖިލީހުގައި އޭނާގެ ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ޕާޓީ ތަމްސީލު ކުރައްވަމުން ގެންދަވާފައި ވަނީ އެންމެ ތިން މެންބަރުންނެވެ. ރައީސް ކަމުގެ މަޤާމުގެ ހުވަ ކުރެއްވުމަށް ފަހު، ޤާނޫނު ހަދާ މަޖިލިސް އުވައިލައްވަން ދިސާނަޔަކަ ނިންމަވާފައި ވަނީ، އޭނާގެ އައު ސިޔާސަތުތައް ކުރިއެރުވުމަށް ފުރުޞަތު ހޯއްދެވުމުގެ މަޤުޞަދުގައެވެ. މަަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އޭނާގެ އިއްތިޙާދުން ޢާންމު އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތެއް ހޯދާނެ ކަމަށް ބެލެވޭ ކަމުގައެެވެ.

އިންތިޚާބުގައި ދިސާނަޔަކަގެ އެންޕީޕީގެ އިއްތިޙާދުގެ ކެނޑިޑޭޓުންނަށް އެންމެ ބޮޑު ވާދަވެރިކަމަކާ ކުރިމަތިލާން ޖެހޭނީ އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސަގެ ސަމަގި ޖަނަ ބަލަވޭގެޔަ ޕާޓީގެ ކެނޑިޑޭޓުންގެ ފަރާތުންނެވެ. އެއީ، ސަރުކާރުގެ ބާރާއި ނުފޫޒު އިތުރުކޮށް، މިނިވަން ވިޔަފާރީގެ އިޤުތިޞާދެއް ޤާއިމު ކުރުމަށް ތާޢީދު ކުރާ ޕާޓީއެކެވެ. މީގެ އިތުރުން، ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަގެ ނިއު ޑިމޮކްރެޓިކް ފްރަންޓުގެ ކެނޑިޑޭޓުންގެ ފަރާތުން ވެސް އެންޕީޕީ އިއްތިޙާދަށް ވާދަވެރިކަމާ ކުރިމަތިލާން ޖެހޭނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

"މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ބޭނުންވާނެ ހުރިހާ އިންތިޒާމެއް ވާނީ ފުރިހަމަ ކޮށްފައި،" ވޯޓުލުން ފެށުމުގެ ކުރިން އިންތިޚާބުތަކާ ބެހޭ އިދާރާގެ ވެރިޔާ އާރްއެމްއެލް ރަތުނާޔަކަ ވިދާޅުވިއެވެ. މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ ފުރުޞަތު ދިނުމަށް އޭނާ ވަނީ ވޯޓުލާ މީހުންގެ ކިބައިން އިލްތިމާސް ކުރައްވާފައެވެ. ވޯޓުލާ މަރުކަޒުތައް ބަންދު ކުރުމާ އެކު، ވޯޓު ގުނައި، ނަތީޖާ އިޢުލާނު ކުރަން ފަށާނެ ކަމުގައި އިންތިޚާބާ ބެހޭ އިދާރާއިން ހާމަކުރިއެވެ.

ސްރީ ލަންކާގައި ޢާންމު އިންތިޚާބު ބާއްވަމުން މި ދަނީ، އެ ޤައުމަށް މާލީ އަދި އިޤުތިޞާދީ ކާރިސާއެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. 2022ވަނަ އަހަރު ކުރިމަތިވި ކާރިސާއާ އެކު ބޭރު ފައިސާގެ ރިޒަރވް ހުސްވެ، ޒަރޫރީ މުދާ އެތެރެ ކުރުން ހުއްޓުނެވެ. އަދި، އިޤުތިޞާދު %7.3 އިންސައްތައިން ދަށަށް ދިޔައެވެ. ހުސްވި 2023ވަނަ އަހަރު ވެސް އެ ޤައުމުގެ އިޤުތިޞާދު ވަނީ %2.3 އިންސައްތައިން ދަށަށް ގޮސްފައެވެ.

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ 2.9 ބިލިޔަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓް ލޯނަކާ އެކު، ސްރީ ލަންކާގެ އިޤުތިޞާދީ ހާލަތު ރަނގަޅުވާން ފަށާފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ނަމަވެސް، ތަކެތީގެ އަގުތަކާއި އިންފްލޭޝަން، އަދި ދިރިއުޅުމުގެ ޚަރަދުތައް އުފުލިފައި އޮތުމަކީ ސްރީ ލަންކާގެ ޢާންމު ރައްޔިތުންގެ މެދުގައި މި ވަގުތު ވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ. އެ ކަމުގެ ސަބަބުން އެންމެ ބޮޑު ނިކަމެތިކަމަކާ ކުރިމަތިލާން ޖެހިފައި ވަނީ ފަގީރު ޢާއިލާތަކެވެ.

ދިސާނަޔަކަގެ ޕާޓީން ވަނީ ފަގީރު ކަން ނައްތައިލުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ވަޢުދުވެފައެވެ. އޭގެ ތެރޭގައި، ފަގީރު ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެލްފެއަރ ޕުރޮގުރާމުތައް ހިންގުމުގެ އިތުރުން ކޮރަޕްޝަނާއި ފަސާދަ ނައްތައިލުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރުން ހިމެނެއެވެ. މީގެ އިތުރުން، އައިއެމްއެފްގެ ޕުރޮގުރާމު މުރާޖާކޮށް، ފަގީރުންނަށް ނޭދެވޭ އަސަރު ކުރާ މިންވަރު ކުޑަކުރަން ވެސް އޭނާ ވަނީ ހުށަހަޅުއްވާފައެވެ. ދިސާނަޔަކައަކީ، ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާފައިވާ ގިނަ ކެނޑިޑޭޓުންނާ އަޅައިބަލާއިރު، އެއްވެސް ސިޔާސީ ޢާއިލާއަކަށް ނިސްބަތްވާ ބޭފުޅެއް ނޫން ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

އައިއެމްއެފްގެ ޕުރޮގުރާމުގެ ދަށުން ދިސާނަޔަކަގެ ސަރުކާރަށް ހާސިލު ކުރަން ޖެހޭނެ ބައެއް ލަނޑުދަނޑިތަކުގެ ތެރޭގައި 2025ވަނަ އަހަރު ޤައުމީ އުފެއްދުންތެރިކަން %2.3 އިންސައްތައަށް ކުރިއެރުވޭނެ ބަޖެޓެއް ހުށަހެޅުމާއި، ފަގީރުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ސިޔާސަތުތަކެއް ތަޢާރުފު ކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުތަކެއް ތަންފީޒު ކުރުން ހިމެނެއެވެ. ނަމަވެސް، އައިއެމްއެފްގެ ޕުރޮގުރާމު މުރާޖާ ކުރުމަށް ދިސާނަޔަކަ ހުށަހެޅުއްވުމުން، އައިއެމްއެފުން ފައިސާ ދޫކުރުމުގެ ތާވަލަށް ލަސްތަކެއް ކުރިމަތިވާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

"ކުރިން ބާއްވާފައިވާ އިންތިޚާބުތަކުގައި، އަޅުގަނޑުމެންނަށް ޢާންމުންގެ އިތުބާރެއް ނުލިބޭ، ނަމަވެސް ސެޕްޓެންބަރުގައި ބޭއްވި އިންތިޚާބުގައި ޢާންމުން ވަނީ އަޅުގަނޑުމެންނަށް ކާމިޔާބީ ހޯދައިދީ، ސަރުކާރެއް އެކުލަވައިލެވޭނެ ކަން ސާބިތު ކޮށްދީފައި،" ދިސާނަޔަކަ ވިދާޅުވިއެވެ. "ކުރިއަށް އޮތް ޒިންމާއަކީ ޤައުމުގެ ހަތަރު ކަނުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން އެއްބައިވަންތަކޮށް، ރައްޔިތުންގެ ހަރަކާތެއް ބިނާ ކުރުމުގެ ޒިންމާ."