ކޮންކާކަފް ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލްގައި އެމެރިކާ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށް ނެގި ސްކޮޑުގައި އެ ޓީމުގެ ކެޕްޓަން، ކްރިސްޓިއަން ޕުލިސިޗް އާއި ވެސްޓަން މެކެނީ ހިމެނިއްޖެއެވެ.
އިޓަލީގެ އޭސީ މިލާނާއި، ޔުވެންޓަސް އަށް ކުޅެމުންއަންނަ މި ދެ ކުޅުންތެރިން މިދިޔަ މަހުގައި މެކްސިކޯ އަތުން 2-0 އިން އެމެރިކާ ބަލިވި މެޗުގައި ނުކުޅެއެވެ.
މި ފަހަރުގެ ކޮންކާކަފް ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލްގައި ޖެމެއިކާއާ ދެކޮޅަށް އެމެރިކާ ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗަކީ އައު ކޯޗު، މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅޭ ފުރަތަމަ ވާދަވެރި މެޗުތަކެވެ.
އެ މުބާރާތުގެ ކުއާޓާ ފައިނަލްގައި އެމެރިކާ ކުޅޭ މެޗުތަކަށް ނެގި ސްކޮޑާ ފޯވާޑް، ޓިމޮތީ ވެއާ ވެސް ވަނީ ގުޅިފައެވެ. އެކަމަކު، މިދިޔަ ޖޫން މަހު ކުރިއަށްދިޔަ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ޕެނަމާއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން ދެ މެޗުގެ ސަސްޕެންޝަނެއް ފުރިހަމަކުރަމުން އަންނަ ވެއާ އަށް ޖެމެއިކާއާ ވާދަކުރާ ފުރަތަމަ ލެގުގެ މެޗުގައި ނުކުޅެވޭނެ އެވެ.
އެމެރިކާގެ ސްކޮޑުން ޖާގަ ނުލިބުނު ކުޅުންތެރިންގެ ތެރޭގައި، އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ މިޑްފީލްޑަރު، ޓައިލާ އެޑަމްސް ހިމެނެއެވެ. އެކަމަކު، ޕޮޗެޓީނޯ ވަނީ، ޓައިލާ އެޑަމްސް އަކީ އެމެރިކާގެ މުސްތަގުބަލަށް ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށް ބުނެފައެވެ.
ކޮންކާކަފް ނޭޝަންސް ލީގުގެ ތަށި ވިދިވިދިގެން ތިން ފަހަރު ކާމިޔާބުކޮށްފައިވާ އެމެރިކާ އިން އެ މުބާރާތް ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ކާމިޔާބުކުރުމަށް އަމާޒުހިފާފައިވާއިރު، ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުގައި ޖެމެއިކާއާ ދެކޮޅަށް ނިކުންނާނީ އަންނަ ހުކުރު ދުވަހުއެވެ. އެއަށްފަހު، ކުއާޓާގެ ދެވަނަ ލެގުގައި މި މަހުގެ 19 ވަނަ ދުވަހު ޖެމެއިކާއާ ދެކޮޅަށް ނިކުންނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިސޫރީގެ ސެއިންޓް ލުއިސްގައެވެ.
އެމެރިކާގެ ސްކޮޑު:
ގޯލްކީޕަރުން: ޑިއެގޯ ކޮޗެން، ޕެޓްރިކް ޝުލްޓޭ، ޒެކް ސްޓެފެން، މެޓް ޓާނާ.
ޑިފެންޑަރުން: މާކް މެކެންޒީ، ޓިމް ރީމް، ކްރިސް ރިޗަޑްސް، އެންޓޮނީ ރޮބިންސަން، މައިލްސް ރޮބިންސަން، ޖޯ ސްކަލީ، އޮސްޓިން ޓްރަސްޓީ.
މިޑްފީލްޑަރުން: ބްރެންޑަން އާރޮންސަން، ޖިއަންލޫކާ ބުސިއޯ، ޖޮނީ ކާޑޯސޯ، ވެސްޓަން މެކެނީ، އެއިޑަން މޮރިސް، ޔޫނުސް މުސާ، ޓެނާ ޓެސްމަން، މާލިކް ޓިލްމަން.
ފޯވާޑުން: ކޭޑް ކޮވެލް، ރިކާޑޯ ޕެޕީ، ކްރިސްޓިއަން ޕުލިސިޗް، ބްރެންޑަން ވަޒްކޭޒް، ޓިމް ވެއާ، އަލެކްސް ޒެންޑެޖާސް.