ޚަބަރު

ޙާލު ކިހިނެއް ޕްރޮގްރާމުގެ ތެރެއިން 8000 އަށްވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކޮށްފި


  • ޙާލު ކިހިނެއް ޕްރޮގުރާމް ފެށީ މެއި 30 ގައި

  • ޕްރޮގުރާމްގެ ދަށުން ޢާންމުނަށް ދިމާވާ ދަތިތައް ފާހަގަވި

  • ދަތިތަކަށް ޙައްލު ހޯދައިދިނުމަށް ދަނީ މަސައްކަތްކުރަމުން

ގޭބިސީތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް ކުރިއަށްގެންދާ "ޙާލު ކިހިނެއް؟" ޕްރޮގުރާމްގެ ދަށުން މިހާތަނަށް 8000 އަށްވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކޮށްފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ޙާލު ކިހިނެއް ޕްރޮގުރާމް ފަށާފައިވަނީ މިއަހަރުގެ މެއިމަހުގެ 30 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޚާއްސަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ މީހުން ދެނެގަނެ، އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ޕީއެސްއެމް ނިއުސްގެ ރިޔާސީ ތަޤުރީރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢައިޝަތު ޒުހުރުބާން ވިދާޅުވީ މި ޕްރޮގްރާމުގެ ތެރެއިން މިދިޔަ 5 މަސް ދުވަހުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން މިހާރު 8027 ގޭބިސީއަށް ޒިޔާރަތްކޮށްފައިވާކަމަށް ޒުހުރުބާން ވިދާޅުވިއެވެ.

"ޙާލު ކިހިނެއް ޕްރޮގުރާމްގެ ބޭނުމަކީ ރައްޔިތުންނާ ގައިތުން މަސައްކަތްކުރާ އޯގާތެރި ވެރިކަމެއްކުރުން. މި ޕްރޮގުރާމްގެ ދަށުން ރައްޔިތުންނަށް ދިމާވާ ވަރަށް ގިނަ މައްސަލަތަކެއް ދެނެގަނެވިއްޖެ." ޒުހުރުބާން ވިދާޅުވިއެވެ.

ޒުހުރުބާން ވިދާޅުވީ ގިނަ ވުޒާރާތަކަކުން ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް ލިބުމުގައި ދަތިތައް ހުރިކަން ދެނެގަނެވިފައިވާ ކަމަށާއި އެހެންކަމުން މި ޕްރޮގްރާމް ކުރިއަށްގެންދަނީ ދައުލަތުގެ ވުޒާރަތަކާވެސް ގުޅިގެން ކަމަށެވެ. އަދި ރަށްރަށުގައި ހިންގާ ޕްރޮގުރާމްތަކުގައި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ބޮޑު އެއްބާރުލުމެއް ލިބޭކަން ޒުހުރުބާން ފާހަގަކުރެއްވިއެވެ.

ޙާލު ކިހިނެއް ޕްރޮގުރާމް ފަށާފައިވަނީ ހިޔާ ފްލެޓުތަކުންނެވެ. މިހާތަނަށް އައިރު ހުޅުމާލޭގެ އިތުރުން މާލެއާއި ވިލިމާލެއާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައިވެސް ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން އާއްމުން އެންމެ ގިނައިން ހުށައަޅާފައިވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަތަކެވެ.

މީގެ އިތުރުން ބޭސްފަރުވާއަށް އޭހީތެރިކަން ބޭނުންވުމާއި އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެތެރެއިން މާލީ އެހީ ހޯދުމުގެ މައްސަލަތަކާއި ޑޮކްޓަރަށް ދެއްކުމާއި ރާއްޖެއިން ބޭރުން ބޭސް ގެނައުންފަދަ ކަންކަމުގައި ދިމާވާ ދަތިތަށް، އާންމުން ފާހަގަކުރާކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

މިކަންކަމާ ގުޅިގެން އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ދަނީ މައްސަލަތައް ބަލައި، އެކަންކަމުގައި އެހީތެރިވެދީ ޙައްލުތައް ހޯދައިދެމުންނެވެ. މިގޮތުން ބައެއް ޢާއިލާތަކަށް ކެއަރ ޕެކޭޖު ފޯރުކޮށްދެމުން ގެންދާކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.