އިޓާލިއަން ލީގުގައި ރޭ އަމިއްލަ ދަނޑުގައި ނާޕޮލީއާ 1-1 އިން އިންޓަ މިލާން އެއްވަރުވިއިރު، އެ މެޗުގައި އެ ޓީމުގެ ތުރުކީ މިޑްފީލްޑަރު، ހަކަން ޗަޅަނޮގްލޫގެ ޕެނަލްޓީ ރެކޯޑް ނިމުމަކަށް އަތުވެއްޖެއެވެ.
މި ނަތީޖާއާއެކު ނާޕޮލީ އަދިވެސް އުޅެނީ ތާވަލްގެ އެއްވަނައިގައެވެ. އެ ޓީމަށް 12 މެޗުން 26 ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއްޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އެޓަލާންޓާ އެވެ. ތިނެއްގައި އޮތް ފިއޮރެންޓީނާ އާއި ހަތަރުވަނައިގައި އޮތް އިންޓައަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، އެޓަލާންޓާ އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ.
ސެން ސީރޯގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް ނާޕޮލީ އިންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ ސްކޮޓް މެކްޓޮމިނޭ އެވެ. މިއީ އެ ޓީމުގެ ކޮސޮވޯ ޑިފެންޑަރު، އާމިރް ރަހްމާނީ ދިން ބޯޅައަކުން މެކްޓޮމިނޭ ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް އިންޓަ އަށް އެއްވަރުކޮށްދިނީ އަލެސެންދްރޯ ބަސްޓޯނީ ދިން ބޯޅައަކުން ޗަނޮނޮގްލޫ އެވެ. މިއީ ޕެނަލްޓީއޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ޗަނޮނޮގްލޫ ކާމިޔާބުކުރި ރީތި ގޯލެކެވެ. މި ގޯލާއެކު ދެ ޓީމުން މި ހާފު ނިންމާލީ 1-1 އިން އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގައި އިންޓަ އިން މެޗުގެ ކޮންޓްރޯލް އަތުލައި، ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކޮށްފައިވާއިރު، އޭގެތެރެއިން އެ ޓީމުގެ އިޓަލީ ޑިފެންޑަރު، ފެޑެރީކޯ ޑިމާކޯ ފޮނުވާލި ބޯޅައެއް ގޯލްގެ އަރިމަތީދަނޑިއަށް އަމާޒުވެފައިވެއެވެ.
މި މެޗުން އިންޓަ މޮޅުކޮށްދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި 74 ވަނަ މިނެޓުގައި ޗަނޮނޮގްލޫ ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން އިންޓަގެ ޑެންޒެލް ޑަމްފްރީސް އަށް ނާޕޮލީގެ އަންދްރޭ-ފްރޭންކް އަންގީސާ ކުރި ފައުލަކަށް ރެފްރީ ދިން މި ޕެނަލްޓީ ޗަނޮނޮގްލޫ ފޮނުވާލުމުން އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.
މިއީ އެންމެ ފަހުން ފޮނުވާލި 19 ޕެނަލްޓީ ކާމިޔާބުކޮށްދީފައިވާ ޗަނޮނޮގްލޫ އަށް އިންޓަގެ ޖާޒީގައި ޕެނަލްޓީއެއް ވައްދާނުލެވުނު ފުރަތަމަ ފަހަރެވެ. ޗަނޮނޮގްލޫ އަތުން އެންމެ ފަހުން ޕެނަލްޓީއެއް ނާކާމިޔާބުވީ 2016 ވަނަ އަހަރުއެވެ. އޭރު އޭނާ ކުޅެމުންދިޔައީ ޖަރުމަނުގެ ބަޔާ ލެވަކޫސަން އަށެވެ.
މެޗު ނިމެންދަނިކޮށް، ނާޕޮލީ މޮޅުކޮށްދޭން ޖިއޮވާނީ ސިމިއޯނީއަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އެޓަލާންޓާގެ ދަނޑުގައި އެ ޓީމުން 2-1 އިން އުދިނޭޒީ އަތުން ވަނީ މޮޅުވެފައެވެ. ފިއޮރެންޓީނާގެ ދަނޑުގައި ހެލާސް ވެރޯނާ އަތުން އެ ޓީމު މޮޅުވީ 3-1 އިންނެވެ. ރަށުން ބޭރުގައި މޮންޒާ އަތުން ލާޒިއޯ މޮޅުވީ 0-1 އިންނެވެ.