ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) ކަޕް ކާމިޔާބުކުރެވުނީ ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންގެ ސަބަބުން ކަމަށާއި، އެއީ ލިބިގެންދާ އެންމެ ބޮޑު އިތުބާރު ކަމަށް ކުލަބު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކޯޗު ހުސެއިން ޝަރީފް ބުނެފިއެވެ.
ވީއޭއެމް ކަޕިގެ ތަށި އެޗްޑީސީއަށް ކާމިޔާބުކޮށްދިނުމަށްފަހު "ޕީއެސްއެމް ސްޕޯޓްސް" އާ ވާހަކަދައްކަމުން ހުސެއިން ބުނީ ތަށި ހޯދުނީ ކުޅުންތެރިންގެ ހިތްވަރުން ކަމަށެވެ. އަދި ފައިނަލް މެޗު ވެގެންދިޔައީ ހުރިހާ ގޮތަކުންވެސް ބެލުންތެރިން ބަލާހިތްވާ ކަހަލަ ކުޅުމެއް ފެނިގެންދިޔަ މެޗަކަށް ކަމަށާއި، މި ކާމިޔާބީ އާއެކު އެޗްޑީސީގެ ވެރިންނާ ސަޕޯޓަރުންނަށް ޝުކުރުއަދާކުރާ ކަމަށްވެސް ބުންޏެވެ.
ހުސެއިން ބުނީ އެކުގައި ޓީމެއްގެ ގޮތުގައި އެޗްޑީސީ ފެނިގެންދާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށާއި، އަދިވެސް ޓީމު އޮތީ އެގޮތުގައި ކަމަށެވެ.
"ޓީމު ޓީމެއް ގޮތުގައި ވަރަށް ރަނގަޅަށް ކުޅެފި. މި ޓީމު މިހެން އޮވެއްޖިއްޔާ އިރާދަކުރެއްވިޔާ ވަރަށް ރަނގަޅު ކާމިޔާބުތަކެއް ކުރިއަށް އޮތްތާނގައިވެސް ހޯދާނެ." ޓީމުގައި އޮތް ރޫހާ ގުޅޭގޮތުން ހުސެއިން ބުންޏެވެ.
ހުސެއިން ބުނީ މި ފަހަރުގެ މުބާރާތުގެ ފަނަލުގެ ކުރިން ގްރޫޕް ސްޓޭޖުގައި ސިފައިން އަތުން ބަލިވުން ނެގީ ރަނގަޅު ކަމެއްގެ ގޮތުގައި ކަމަށާއި، ފައިނަލުގެ ކުރިން އެންމެ ފަހުން ހެދި ތަމްރީންތަކުގައި އަމަލީ ގޮތުން ޓީމުގެ އެސިސްޓަންޓް ކޯޗު މުޙައްމަދު ސާޖިދު (ބޮޑުކާއްޓޭ) ގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންދިޔަ ކަމަށެވެ.
އަދި މުބާރާތުގައި ޓީމާ ތަންކޮޅެއް ދުރުގައި މަސައްކަތްކުރަން ޖެހުނު ކަމަށާއި، މުޅި މުބާރާތުގައި ޓީމު ތައްޔާރުކުރުމުގައި ކާއްޓޭގެ ދައުރު ބޮޑުކަން ހުސެއިންވަނީ ފާހަގަކޮށްފައެވެ.
ވީއޭއެމް ކަޕުގެ ފައިނަލުގައި ސިފައިންގެ މައްޗަށް އެޗްޑީސީ ކުރިހޯދީ ތިން ސެޓު ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-20, 29-31, 20-25, 25-17 އަދި 13-15 އިންނެވެ.