ޚަބަރު

ސީ-ޓު-އެއަރ: އިންޑިއާއިން ގެނައި މުދާތަކެއް ޔޫރަޕަށް


  • މިއީ އިންޑިއާއިން ގެނައި މުދާތަކެއް މި ޙިދުމަތް މެދުވެރިކޮށް ފޮނުވި ފުރަތަމަ ފަހަރު

ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް އިންޑިއާއިން ރާއްޖެއަށް ގެނައި މުދާތަކެއް ޔޫރަޕަށް ފޮނުވައިފިއެވެ.

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ، ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމުތަކަށް ފޮނުވުމެވެ. މިމަސައްކަތަކީ، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ކުރަމުން އަންނަ، އަދި މިމަސައްކަތުން އެގައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބެމުން އަންނަ މަސައްކަތެކެވެ.

ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް މިހާތަނަށް ރާއްޖޭން ބޭރުކޮށްފައިވަނީ، ބަންގްލަދޭޝްގައި އުފައްދާ އަންނައުނުގެ ބާވަތްތަކެވެ. މި ޚިދުމަތަށް އޮންނަ ޑިމާންޑު އިތުރުވަމުންދާއިރު، މިހާރު މިވަނީ އިންޑިއާއިން ގެނައި މުދާތަކެއް ޔޫރަޕަށް ފޮނުވާލާފައެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމް.އޭ.ސީ.އެލުން ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ގެނައި މުދާތަކެއް ޖަރުމަންވިލާތަށް ފޮނުވާފައިވާކަމަށެވެ. މި މުދާތައް ފޮނުވާފައިވަނީ ކޮންޑޯ އެއަރލައިން މެދުވެރިކޮށެވެ.

ރާއްޖޭގައި މި ޚިދުމަތްދެމުންދަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓު، އެމްއޭސީއެލުން، މޯލްޑިވްސް ޕޯޓްސް ލިމިޑެޓު، އެމްޕީއެލް އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެންނެވެ. ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ރާއްޖޭގައި ފަށާފައިވަނީ މިއަހަރުގެ މެއިމަހުއެވެ. މިމަސައްކަތުގައި މިވަގުތު ރާއްޖެއަށް ދަތުރުކުރާ 7 އެއަރ ލައިނަކުން ވަނީ ބައިވެރިވެފައެވެ.

މި ޚިދުމަތަށް އޮތް ޑިމާންޑު އިތުރުވަމުންދާއިރު، ނިމިދިޔަ އޮކްޓޫބަރ މަހު އެކަނިވެސް، 96 ކޮންޓެއިނަރ (418 ޓަނުގެ މުދާ / 34946 ދާގީނާ) ގެ މުދާ ވައިގެ މަގުން ރާއްޖޭން ބޭރަށް ފޮނުވާފައިވާކަމަށް އެމްޕީއެލުން މައުލޫމާތުދެއެވެ.


ސޯޝަލް މީޑިއާގައި ދާދިފަހުން ކުރެއްވި ޕޯސްޓެއްގައި އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީޙް ވަނީ ރާއްޖޭގެ ނާޒުކު އިޤްތިޞާދު ހަރުދަނާކޮށް، އިޤްތިޞާދަށް ދިރުން ގެނެސްދޭނެ އިތުރު ސިނާޢަތްތައް އުފެއްދެވުމަކީ، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެށްޓެވުމާއެކު އެންމެ އިސްކަން ދެއްވި އެއް މަސައްކަތްޕުޅުކަން ފާހަގަކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނުގެ ވެރިކަމަށް 1 އަހަރު ނުވަނީސް، "ސީ-ޓު-އެއަރ ކާގޯ" ނަމުގައި އިޤްތިޞާދަށް ދިރުން ގެނެސްދޭނެ އިތުރު ދާއިރާއަކުން މަސައްކަތް ފެށި، އެމަސައްކަތް ތަރައްގީވާން ފަށާފައިވާކަންވެސް ސީއީއޯ ވަޖީޙް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މި ޚިދުމަތް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންގެ އިތުބާރު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދާދި ފަހުން އެމްޕީއެލުން ވަނީ ބަންގްލަދޭޝްގެ ޗިޓަގޮންގއަށް ޒިޔާރަތްކޮށް އެ ޤައުމުގެ ގާމެންޓު ފެކްޓަރީތަކުގެ ވެރިންނާއެކު މަޝްވަރާކޮށްފައެވެ.

ވަޖީޙް ވިދާޅުވީ، މި މަޝްވަރާތަކުން އެނގިގެންދިޔަ މުހިންމު އެއްކަމަކީ، މިކަން ރަނގަޅަށް ކުރެވޭ ގޮތް ވެއްޖެނަމަ، މަހެއްގެ މައްޗަށް 400 އަށްވުރެގިނަ ކޮންޓެއިނަރުގެ މުދާ ކަނޑުމަގުން ރާއްޖެ ގެނެސް، ވައިގެ މަގުން ދުނިޔޭގެ އެކި ޤައުމުތަކަށް ފޮނުވުމުގެ ފުރުޞަތު އޮތްކަން ކަމަށެވެ.

މިކަމަށްޓަކައި ރާއްޖެއަށް ދަތުރު ކުރާ ޝިޕިންގ ލައިންތަކާއެކު ވާހަކަ ދެކެވެމުންދާ ކަމަށާއި، މިމަސައްކަތަށް ބޭނުންވާ، މެޝިނަރީތަކާއި އިކުއިޕްމަންޓުތައް ހަމަކޮށް، ކަސްޓަމަރުން ހިތްހަމަ ޖެހޭފަދަ ޚިދުމަތްތަކެއް ފޯރު ކޮށްދެވޭތޯ މަސައްކަތްކުރަމުންދާ ކަމަށް ވަޖީޙް ވިދާޅުވިއެވެ.

ވަޖީޙް ވިދާޅުވީ، ކައިރި މުސްތަޤުބަލެއްގައި ރާއްޖޭގެ އިޤްތިޞާދަށް އިތުރަށް ދިރުން ގެނެސްދޭނެ ސިނާޢަތަކަށް މި ސިނާޢަތްވެގެން ދިޔުމަކީ އުއްމީދެއް ކަމަށެވެ.