ޚަބަރު

މާލީ ސެކިއުރިޓީޒްގެ ޤާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފި


ކެޕިޓަލް މާކެޓް ޑިވޮލޮފްމެންޓް އޮތޯރިޓީ، ސީއެމްޑީއޭގެ ބޯޑަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރީއްޔާއަށް ލިބިދޭގޮތަށް ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒުގެ ޤާނޫނަށް ހުށައެޅުއްވި އިޞްލާޙު މަޖިލީހަށް ބަލައިގެންފިއެވެ. ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ރިފާޢު ހުށައެޅުއްވި އިޞްލާޙު ވަނީ ދިރާސާކުރެއްވުމަށް އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވަވާފައެވެ. ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީ ޤާނޫނުގައި މިހާރު ބަޔާންކޮށްފައިވަނީ، ސީއެމްޑީއޭއަށް މެމްބަރުން އައްޔަން ކުރާނީ ވަޒީރުންގެ މަޖިލީހުގެ އިރުޝާދުގެ ދަށުން ރައީސުލްޖުމްހޫރިއްޔާކަމަށެވެ. ނަމަވެސް އެ ޤާނޫނަށް ޢަބްދުﷲ ރިފާޢު ހޫށައެޅުއްވި އިޞްލާޙުގައި ވަނީ، ސީއެމްޑީގެ ބޯޑަށް މެމްބަރުން އައްޔަން ކުރާނީ ސީދާ ރައީސުލްޖުމްހޫރީއްޔާ ކަމަށެވެ. 

މި އިޞްލާޙުގައި ބޯޑު މެމްބަރުކަމުގައި ހުންނަވާ ބޭފުޅަކު މެމްބަރު ކަމުން ވަކި ކުރެވޭނީ، ޖިނާއީ ކުށެއްކުރިކަން ޝަރުއީ ކޯޓަކުން ސާބިތުވެ އޭނާގެ މައްޗަށް ޙުކުމެއް އައުމުންނާއި މެމްބަރުކަމުގެ މަޤާމުގައި ހުރެ ކޮށްގެން ނުވާނެ ފަދަ ކަމެއް ކުރުމުން ކަމަށް ބުނެފައިވެއެވެ. އަދި އަމިއްލަ އަށް ބޯޑު މެމްބަރުން ކަމުންވަކިވާން ބޭނުންފުޅުވެއްޖެ ހިނދެއްގައި ސަބަބު ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާ އަށް ސިޓީއެއް ހުށަހަޅައި އެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަތުމުން އެބޭފުޅަކު އެ މެމްބަރު ކަމުން ވަކިވާނެ ކަމަށްވެސް ބުނެފައިވެއެވެ. 

މި އިޞްލާޙު ހުށައެޅުއްވީ، އިސްލާމިކް ފައިނޭންސްގެ އެކި ބާވަތުގެ އުފެއްދުންތައް ރާއްޖޭގެ މާކެޓަށް ތަޢާރަފްކޮށް، ވިޔަފާރިތަކަށް ޒަމާނީ ވަޞީލަތްތައް މެދުވެރިކޮށް ފަންޑު ހޯދުމުގެ މަޤްޞަދުގައިކަމަށް ރިފާޢު ވިދާޅުވިއެވެ. މިބިލް ހުށައަޅުއްވާފައިވަނީ މިހާރަށްވުރެ ރާއްޖޭގެ މާލީ ސެކިއުރިޓީގެ ނިޒާމް ހަރުދަނާކޮށް ތަރައްޤީކޮށް، އިސްލާމިކް ފައިނޭންސްގެ އެކި ބާވަތުގެ ޕްރޮޑަކްޓްތައް ރާއްޖޭގެ މާކެޓަށް ތަޢާރަފްކުރުމަށް ވީހިނދު މީގެތެރޭގައި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދެއްގައި ޤާއިމްކުރެވޭ ޒަމާނީ ޚިދުމަތްތައް ތަޢާރަފްކޮށް ތަންފީޒްކުރުމަށް މަގުފަހިކޮށްދިނުންވެސް ހިމެނެއެވެ.