ޚަބަރު

އިސްލާމީ ޢަޤީދާއާ ޚިލާފު ހަރަކާތްތަކުގައި ބައިވެރިވުން ބަލައިނުގަނެވޭ: ޒުވާނުންގެ ވުޒާރާ


  • އިސްލާމީ ޢަޤީދާއާ ޚިލާފު ހަރަކާތެއްގައި ދިވެއްސަކު ބައިވެރިވާންއުޅޭކަމުގެ އަޑު ފެތުރިފައިވޭ

  • އެފަދަ ހަރަކާތްތަކުގައި ދިވެއްސަކު ބައިވެރިވުން ސަރުކާރުން ވަނީ ކުށްވެރިކޮށްފައި

އިސްލާމީ ޢަޤީދާއާ ޚިލާފު ހަރަކާތްތަކާއި މުބަރާތްތަކުގައި ދިވެހިން ބައިވެރިވުން ސަރުކާރުން ބަލައިނުގަންނަ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޒުވާނުން ބާރުވެރިކުރުވުމާބެހޭ ވުޒާރާއިން މިހެން ވިދާޅުވެފައިމިވަނީ މިއަހަރު މެކްޒިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ރީތީގެ މުބާރާތެއްގައި ރާއްޖެ ތަމްސީލްކޮށް އެ މުބާރާތުގައި ބައިވެރިވުމަށް ދިވެއްސަކު މަސައްކަތް ކުރަމުންދާކަމަށް މީޑިޔާގައި އަޑުފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

ޒުވާނުން ބާރުވެރިކުރުވުމާބެހޭ ވުޒާރާއިން ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ރީތީގެ މުބާރާތެއްގައި ދިވެއްސަކު ބައިވެރިވުމަކީ އެކަމުގައި ސަރުކާރުގެ ބައިވެރިވުމެއް އޮތްކަމެއްކަމަށް ދޭހަވާގޮތަށް ޚަބަރުތަކެއް ފަތުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެފަދަ އެއްވެސް މުބާރާތެއްގައި ދިވެއްސަކު ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނަ ކަމެއްނޫންކަމަށް ޒުވާނުން ބާރުވެރިކުރުވުމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ދިވެހިންގެ ދީނާއި ޢަޤީދާއާއި ސަގާފަތާ ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުމާއި އަދި އެކިއެކި ފަރާތްތަކުން ބާއްވާ އެފަދަ މުބާރާތްތަކާއި ހަރަކާތްތަކުގައި ދިވެހިން ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި އެފަދަ ކަންކަމަކީ ދިވެހިން ޤަބޫލުކުރާ ޢާންމު އަޚުލާޤީ މިންގަނޑުތަކާއި އުޞޫލުތަކާވެސް ޚިލާފު ކަމެއްކަން އެބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

އެ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވަނީ ރާއްޖެ ތަމްސީލުކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތަކަށް ދިޔުމަށް މަސައްކަތްކުރުން ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށާއި އަދި ވަގުތުން އެކަން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

ޒުވާނުން ބާރުވެރިކުރުވުމާބެހޭ ވުޒާރާއިން ވިދާޅުވީ ރާއްޖެ ތަމްސީލްކުރުމުގެ ނަމުގައި އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުވުމަކީ ސަރުކާރުން ކުރާނޭ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަމުގައި ދިވެހިން ބައިވެރިނުވުމަށް އެންމެހާ ރައްޔިތުންނަށް ގޮވާލާކަމަށްވެސް ޒުވާނުން ބާރުވެރިކުރުވުމާބެހޭ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވެއެވެ.