ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު މަހުގެ ރައްކާކުރާ ޖާގަ 25،000 ޓަނަށްވުރެ މަތި ކުރެވޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސް ރައްކާ ކުރުމަށާއި އަގު އެއްކުރުމަށް ކެޕޭސިޓީ ނެތުން ކަމަށެވެ. ފެލިވަރު އޮޕަރޭޝަނަށް އައިފަހުން 47 އަހަރުވެފައިވާއިރު ރާއްޖޭގައި މަސް ގަންނަ ވަސީލަތްތައް މިހާތަނަށް ތަރައްގީ ކުރެވިފައިވާ ނެތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޝިޔާމް ވިދާޅުވީ މިހާރު ރާއްޖޭގެ މަސް ސްޓޯރޭޖު ނުވަތަ ރައްކާކުރާ ކެޕޭސިޓީއަކީ 8500 ޓަނު ކަމަށާއި، މި ސަރުކާރުން މަސް ރައްކާކުރާ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށެވެ. އެގޮތުން،މި ދައުރު ނިމޭއިރު މަސް ރައްކާކުރެވޭ ކެޕޭސިޓީ 25،000 ޓަނަށް އިތުރު ކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއުޅެނީ އިރާދަކުރެއްވިއްޔާ 250 މިލިޔަން ރުފިޔާގެ މަސް ހުރެއްޖެކަމަށްވަންޏާ އެ މަސްވެސް ސްޓޯރ ކުރެވޭނެ ކެޕޭސިޓީ އިތުރުކުރުމަށް. ދިވެހިރާއްޖޭގެ ސްޓޯރެޖް ކެޕޭސިޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރު ނިމޭއިރު ހުންނާނީ 25000 ޓަނަށްވުރެ މަތީގައި،" މަސްވެރިކަމާބެހޭ ވަޒީރު ވިދާޅުވިއެވެ.
މަސްވެރިކަމާބެހޭ ވަޒީރު ވިދާޅުވީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ އިތުރުކުރުމުގެ ވާހަކަތައް ކުރީ ސަރުކާރުން ދެއްކި ނަމަވެސް އަމަލީގޮތުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށެވެ. މިފްކޯގެ ތަރައްގީއަށް އައިއެސްޑީބީގެ ފަންޑިން ހަމަޖެހިފައިވާ ކަމަށާއި، އެ ފަންޑިންގެ ތެރެއިން އަންނަ އަހަރުގެ ކުރީކޮޅު އެ ފެސިލިޓީގެ ކެޕޭސިޓީ 2500 ޓަނަށް އިތުރު ކުރުމުގެ މަސައްކަތް ފަށްޓަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅު ނުވަތަ 2026ވަނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އައިއެެސްޑީބީން ފަންޑު ހަމަޖެހިފައިވަނީ 70 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް ޤާއިމްކުރުމަށްކަމަށް މަސްވެރިކަމާބެހޭ ވަޒީރު ވިދާޅުވިއެވެ،
މީގެ އިތުރުން ގދ ތިނަދޫގައި ޤާއިމުކުރާ ފެސިލީޓިއަކީ ހުވަދޫގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ފެސިލިޓީއެއްކަން ފާހަގަކުރައްވައި މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ އަންނަ އަހަރުގެ ޖޫން ނުވަތަ ޖުލައި މަހު އެތަންވެސް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ.