މުދާ ކްލިއަރކުރުންފަދަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކުރަމުންދާ މުހިންމު މަސައްކަތްތައް އަވަސްކުރުމަށް އެ އިދާރާއިން މިހާރު ފަށާފައިވާ ސިމްޕޯޒިއަމް މުހިންމު ދައުރެއް އަދާކުރާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން ވިދާޅުވީ، ކަސްޓަމްސް ސަރވިސްގެ ކުރިއަށް އޮތް 5 އަހަރުގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމާބެހޭ ސިމްޕޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.
ކަސްޓަމްސް ސަރވިސްގެ ކުރިއަށް އޮތް 5 އަހަރުގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމާބެހޭ ސިމްޕޯޒިއަމް ކުރިއަށްގެންދަނީ ކަސްޓަމްސްއިންކުރާ މަސައްކަތްތަކުގައި ބައިވެރިވާ އެހެން މުއައްސަސާތަކާއެކުއެވެ. މި ސިމްޕޯޒިއަމްގައި ކަސްޓަމްސްއާއެކު އެހެން މުއައްސަސާތަކުން ގުޅިގެންކުރާ މަސައްކަތްތައް އަވަސްކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރާނެއެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، މުދާ ކްލިއަރ ކުރުމާއި ރާއްޖޭގެ ބޯޑަރުގެ ސަލާމަތް ކަސްޓަމްސްއިން ބަލަހައްޓަމުންދާއިރު އެ އިދާރާއިން އެކަންކުރަނީ ގިނަ މުއައްސަސާތަކެއްގެ އެހީތެރިކަމާއެކު ގުޅިގެން ކަމަށެވެ. އެހެންކަމުން މަސައްކަތްތައް އަވަސްކުރަން ގުޅިގެން މަޝްވަރާކޮށް ޕްލޭންތައް އެކުލަވާލުން މުހިންމުކަން ޝަރީފް ފާހަގަކުރެއްވިއެވެ.
"ކަސްޓަމްސްއަކީ ބޯޑަރުގައި އެއްޗެހި ލަސްވިޔަ ނުދީ ދޫކުރާ ބައެއް. ކަސްޓަމްސްއިން މުދާ ކްލިއަރ ކުރުމުގެ މަސައްކަތްކުރާއިރު، އެ މުއައްސަސާއާއެކީ މަސައްކަތްކުރާ އަނެއް މުއައްސަސާއިންވެސް އެބަޖެހޭ ކަސްޓަމްސްއާ އެއް ހަމަކުރަން. އޭރުން މަސައްކަތް އަވަސްވާނީ." ޝަރީފް ވިދާޅުވިއެވެ.
ސިމްޕޯޒިއަމް އޮން ސްޓްރެޓީޖިކް ޕްލޭން ފޯމިޔުލޭޝަންގެ ނަމުގައި ކުރިއަށްދާ މި ސިމްޕޯޒިއަމްގައި ކަސްޓަމްސްއިންކުރާ މަސައްކަތްތަކުގައި އެއްބާރުލުން ފޯރުކޮށްދޭ ގިނަ މުއައްސަސާއާއެކު މަޝްވަރާކުރާނެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސުޕްރިޓެންޑެންޓް އޮފް ކަސްޓަމްސް ސަރވިސް މިންނާ ރަޝީދު ވިދާޅުވީ މި ސިމްޕޯޒިއަމްގައި ކުރެވޭ މަޝްވަރާތައް ކަސްޓަމްސްގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭނެ ކަމަށެވެ.
"މި ސިމްޕޯޒިއަމްގައި ވިޔަފާރިވެރިންނާއި ކަސްޓަމްސްއާ ގުޅިގެން މަސައްކަތްކުރާ ހުރިހާ މުއައްސަސާތަކެއް ބައިވެރިވޭ. އަޅުގަނޑުމެން އުންމީދުކުރަނީ 2025 އިން 2029 އަށް ހަދާ ސްޓްރެޓީޖިކް ޕްލޭނަށް ރަނގަޅު ޚިޔާލުތަކެއް އެބޭފުޅުންގެ ފަރާތުން ލިބޭނެކަމަށް." މިންނާ ރަޝީދު ވިދާޅުވިއެވެ.
ކަސްޓަމްސްގެ ސިމްޕޯޒިއަމްގައި އެމްއެންޑީއެފާއި ދިވެހި ފުލުހުންގެ ޚިދުމަތްފަދަ މުއައްސަސާތައް ބައިވެރިވެއެވެ. މި ސިމްޕޯޒިއަމް ކުރިއަށްދާނީ 3 ދުވަހުގެ މުއްދަތަކަށެވެ.