ޚަބަރު

ދުންފަތް ކޮންޓްރޯލްކުރުމަށް ޤާނޫނު އިސްލާހުކުރުމުގެ އިތުރުން ތަންފީޒުކޮށް، ހޭލުންތެރިކުރަންޖެހޭ: މެންބަރުން


  • ދުންފަތް ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތް ސިޔާސީ ނުކުރުމަށް އެދިވަޑައިގަންނަވާ

  • ތަންފީޒީ އިދާރާތަކުން ޒިންމާ އަދާކުރުމަށް ގޮވާލެއްވި

ދުންފަތް ކޮންޓްރޯލްކުރުމަށް ޤާނޫނު އިސްލާހުކުރުމުގެ އިތުރުން އެ ޤާނޫނުތައް ތަންފީޒުކުރުމަށާއި ރައްޔިތުން ހޭލުންތެރިކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.

މެންބަރުން މިހެން ވިދާޅުވެފައިވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ދުންފަތް ކޮންޓްރޯލްކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނެވެ.

ބިލު ހުށަހަޅުއްވައި ވާހަކަފުޅު ދައްކަވަމުން ހެންވޭރު އުތުރުދާއިރާގެ މެންބަރު އަހުމަދު އައިފާން ވިދާޅުވީ އިލެކްޓްރޯނިކް އާލާތްތައް ބޭނުންކޮށްގެން ދުންފަތުގެ އިސްތިއުމާލުކުރުން ދުނިޔޭގައި ޓްރެންޑަކަށްވެފައިވާއިރު އެ ވަބާގައި މިއަދު ރާއްޖޭގެ ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން ޖެހިފައިވާ ކަމަށެވެ. ސްކޫލްތަކާއި ބެލެނިވެރިންގެ ފަރާތުންވެސް އެ ޝަކުވާތައް ލިބެމުންދާއިރު ޖީލެއް އެ ވަބާގައި ޖެހިގެން ދިޔަނުދިނުމަށް ހަރުކަށި ފިޔަވަޅުތައް އެޅުން ކޮންމެހެން މުހިންމު ކަމަށް އައިފާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހަރުކަށި ފިޔަވަޅުއަޅައިގެންވެސް މިއަކީ ހައްލު ހޯދަންޖެހޭ ކަމެއް. އާންމު ތަންތާނގައި ދުންފަތުގެ އިސްތިއުމާލް ކުރާކުރުން މިއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިންތިހާއަށް ބޮޑުވެފައިވާ މައްސަލައެއް. ހޮސްޕިޓަލްކަހަލަ ތަންތަނުގައިވެސް ދުންފަތުގެ އިސްތިއުމާލުކުރަން އެކި އާލާތްތައް ބޭނުންކުރަން އެބަތިބޭ،" އައިފާން ވިދާޅުވިއެވެ.

ބިލަށް ބަހުސްކުރައްވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވީ ދުންފަތް ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަކީ ސިޔާސީ ކަމަކަށް ނުހަދައި އެކަމަށް މަޖިލީހުގެ ތެރެއިން އެއްބާރުލުން ދޭންޖެހޭ ކަމަށެވެ. ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ އިސްލާހަކީ މަސްތުވާތަކެތި ބޭނުންކުރާ ޓޫލެއްގެ ގޮތުގައި ވޭޕް ބޭނުން ކުރާ ކުރުން ހުއްޓުވުމަށް އެޅޭ ފިޔަވަޅެއް ކަމަށާއި ރާއްޖެއަކީ ދުންފަތުން ސަލާމަތްވެފައިވާ ތަނަކަށް ހަދަން ތަންފީޒީ އިދާރާތަކުގެ ދައުރު މުހިންމު ކަމަށް ވިދާޅުވިއެވެ.

"ކެފޭ ރެސްޓޯރެންޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެއް ކަމަށް ބޯޑެއް ޖެހުމަކުން މިކަން ނިމިގެން ނުދޭ. މީގެ ކުރިންވެސް އިސްލާހުތައް ފާސްކުރެވިފައި ހުރި. ދުވަސްކޮޅެއް ދިޔަ ފުލުހުން ވަދެ އެތަންތަން ރެއިޑުކޮށް ހުއްދަ ބާތިލުކޮށް ނަމަވެސް ދެ ދުވަހު އެކަންކޮށްފައި އެކަން ނިމުމަކަށް އައިތަން ފެނުނީ. ޤާނުނެއް ހެދިދާނެ، އިސްލާހު ކުރެވިދާނެ ތަންފީޒުކުރާ ވުޒާރާތަކުން ކެރިގެން ގަޓުގައި މިކަން ކުރެވިގެން ނޫނިއްޔާ މިކަންކަމަށް ހައްލެއް އަންނާނެ ކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" ޝުޖާޢު ވިދާޅުވިއެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ތާޢީދު ކުރައްވާ ކަމަށާއި އެކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ހާާއްސަ މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ތައާރަފުކުރަން މިޖެހެނީ މިކަމުން ސަލާމަތްވާން ބޭނުންވާާކަމަށްވާނަމަ އެޑިކްޝަނުން ސަލާމަތްވާނެ ޕްރޮވެންޓިވް މެކޭނިޒަމެއް. އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ ހޭލުންތެރިކަން އިތުރުކުރމާއި އަމިއްލަ ނަފްސަށް ސިނގިރޭޓާއި އަދި މިބާވަތުގެ ތަކެތި ބޭނުންކުރުމަކީ ގެއްލުން ހުރި އެއްޗެއްކަން ގަބޫލުކުރެވި،" މައުރޫފް ވިދާޅުވިއެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވީ ދުންފަތާ ގުޅިގެން މިހާރަށްވުރެ ހަރުކަށި ފިޔަވަޅު އަޅައި ދުންފަތް ރާއްޖޭން ހުއްޓުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި މިކަމާ ގުޅޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކަމާގުޅުންހުރި އިދާާރާތަކުން ކުރިއަގެންދަންޖެހޭ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

"ހަމައެކަނި ހައްލަކީ ޖޫރިމަނާ ކުރުމެއް ނޫން. ހަރުކަށި އަދަބު ދިނުމެއްވެސް ނޫން. ޖަލުގެ ތޭރިތަކަށްލުމެއްވެސް ނޫން. މީގަ ހުރި ގެއްލުމާއި ހުރި ނުރައްކަލާއި ދައުލަތުގެ ކަމާގުޅުންހުރި އެންމެހާ މުއައްސަސާތަކުން އެވެއަރނަސް ޕްރޮގްރާމެއްގެ ގޮތުގައި ކޮންމެ ހިކިފަސް ބިމެއްގައި ކުރިއަށްގެންދަންޖެހޭ،" އައްބާސް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯކް ކުރުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވަނީ އީ-ސިނގިރޭޓާއި ވޭޕުގެ ބާވަތްތައް ރާއްޖެ އެތެރެކުރުމާއި ބޭނުންކުރުން މަނާކޮށްފައެވެ. އަދި ދުންފަތުގެ ބާވަތްތައް ގަނެވޭނެ އުމުރުގެ ގޮތުގައި 21 އަހަރު ކަނޑައެޅުމަށްވެސް މި ބިލުގައި ވަނީ ހިމަނުއްވާފައެވެ.

މި ބިލު މަޖިލީހަށް ބަލައިގަތުމަށްފަހު މިހާރު ވަނީ ކޮމިޓީއަށް ފޮނުވާފައެވެ.