ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޓެކްސް އެޑްމިނިސްޓްރޭޓަރސް (ކާޓާ)ގެ މެނޭޖްމަންޓް ކޮމިޓީއަށާއި ކާޓާގައި އޭޝިއާ ސަރަޙައްދު ތަމްސީލު ކުރާ ރީޖަނަލް ޑައިރެކްޓަރގެ މަޤާމަށް ދިވެހިރާއްޖެ އިންތިޚާބުވެއްޖެއެވެ.
މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ، މީރާއިން ވިދާޅުވީ މި ކޮމިޓީއަށް ދިވެހިރާއްޖެ އިންތިޚާބުކުރެވުނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު 21 އިން 25 އަށް މޮރިޝަސްގައި ބޭއްވި ކާޓާގެ 23 ވަނަ އެނުއަލް ޖެނެރަލް މީޓިންގައިކަމަށެވެ.
ކާޓާގެ މެނޭޖްމަންޓް ކޮމިޓީގައި މީގެ ކުރިންވެސް 2 ދައުރެއްގައި ދިވެހިރާއްޖެ ވަނީ ތަމްސީލުކޮށްފައެވެ. އަދި ރީޖަނަލް ޑިރެކްޓަރުގެ މަޤާމުވެސް ފާއިތުވި ދައުރު މީރާއިން ވަނީ އަދާކޮށްފައެވެ. ކާޓާގެ މެނޭޖްމަންޓް ކޮމިޓީއަށް ދިވެހިރާއްޖެ ފުރަތަމަ އިންތިޚާބުވެފައިވަނީ 2012 ވަނަ އަހަރުއެވެ.
ކާޓާއަކީ 1978 ވަނަ އަހަރު ކޮމަންވެލްތް ފިނޭންސް މިނިސްޓަރުންގެ ނިންމުމުގެ ދަށުން، މެންބަރު ޤައުމުތަކަށް އެހީތެރިވެދީ ކޮންފަރެންސްތަކާއި ތަމްރީނު ޕްރޮގްރާމްތަކާއި ޕަބްލިކޭޝަންތަކާއި ޢިލްމު ހިއްސާކުރުމުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްޤީއާއި ރަނގަޅު ވެރިކަމެއް ކުރިއެރުވުމަށް ފައިދާހުރި ޓެކްސް އެޑްމިނިސްޓްރޭޝަންތައް ތަރައްޤީކުރުމަށް އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ.
ކާޓާއަކީ އެކި ޤައުމުތަކުގެ ޓެކްސް އިދާރާތަކުގެ މެދުގައި އުފައްދާފައިވާ ޖަމްޢިއްޔާތަކުގެ ތެރެއިން މިހާރު ދުނިޔޭގައި އޮތް އެންމެ ބޮޑު ޖަމްޢިއްޔާއެވެ. މި ކޮންފަރެންސް 2023 ވަނަ އަހަރު ބާއްވާފައިވަނީ ދިވެހިރާއްޖޭގައެވެ.
މިއަހަރުގެ ކާޓާ ޓެކްނިކަލް ކޮންފަރެންސްގައި އާންމު ވޯޓުތަކުގެ އިތުރުން، ކާޓާގެ ޗެއަރމަން އަދި ރައީސްގެ މަޤާމަށްވެސް ވޯޓުލުންވަނީ ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ކާޓާގެ ރައީސްކަމުގެ މަޤާމަށް މެލޭޝިއާ ހޮވިފައިވާއިރު، ޗެއަރމަންގެ މަޤާމަށް ހޮވިފައިވަނީ މޮރިޝަސްއެވެ.