ތެލެސީމިއާ ކުދިންގެ ތެރެއިން މިއަހަރު ބޯންމެރޯއަށް ފޮނުވި 3 ކުދިންގެ ބޯންމެރޯ ފަރުވާ މުޅިން ފުރިހަމަކޮށްފައިވާކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ވިދާޅުވެއްޖެއެވެ. ބޯންމެރޯ ހަދަނީ ކޮންމެ އަހަރަކު ވަކި ޢަދަދަކަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވައިގެންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއަޓްރިކް ޑރ.އަޙުމަދު ޢުމަރު ވިދާޅުވީ ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯހެދުމަށް މިއަހަރަށް ކަނޑައެޅި ހުރިހާ ކުދިން ފަރުވާއަށް ގޮސްފައިވާކަމަށެވެ.
މިއަހަރުގެ އެކި ދުވަސްވަރު ޖުމްލަ 14 ކުދިން ވަނީ ފޮނުވާފައެވެ. ޑރ.ޢުމަރު ވިދާޅުވީ ފަރުވާ މުޅިން ފުރިހަމަކޮށް ތެލަސީމިއާއިން ފަސޭހަވެ ދެ ކުއްޖަކު މިހާރު ރާއްޖެ އައިސްފައިވާކަމަށެވެ. އަދި އިތުރު ކުއްޖަކުވެސް ފަރުވާ ފުރިހަމަކޮށް، ކުރިއަށް އޮތް ދެ ހަފާތްތާގެ ތެރޭގައި ރާއްޖެ އަންނާނެކަމަށް ޑރ. ޢުމަރު ވިދާޅުވިއެވެ.
ބޯންމެރޯ ހެދުމަށް މިއަހަރު ފޮނުވި 1 ކުއްޖަކު ވަނީ ނިޔާވެފައެވެ. ދެން ހިމެނޭ 10 ކުދިން ބޯންމެރޯ އޮޕަރޭޝަނަށްފަހު އިތުރު ފަރުވާ ފުރިހަމަކުރަމުންދާކަމަށް ޑރ.ޢުމަރު ވަނީ ވިދާޅުވެފައެވެ. ބޯންމެރޯއަށްފަހު ތިން މަހާ ހަ މަހުގެ މުއްދަތެއް އެ ކުދިން ފަރުވާގައި ރާއްޖެއިން ބޭރުގައި ހޭދަކުރެއެވެ.
"ހިތާމައާއެކު ފާހަގަކުރަން، ބޯންމެރޯއަށް ފޮނުވި 1 ކުއްޖަކު މިދިޔަ ހަފްތާގައި ނިޔާވީ. ދެން ތިބި ހުރިހާ ކުދިންވެސް ފަރުވާ މުޅިން ފުރިހަމަކޮށް ކުރިއަށް އޮތް ނޮވެމްބަރު-ޑިސެމްބަރު މަސްތެރޭ ރާއްޖެ އަންނާނެ." މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއަޓްރިކް ޑރ.އަޙުމަދު ޢުމަރު ވިދާޅުވިއެވެ.
ޒަކާތު ފަންޑުގެ އެހީގައި ކޮންމެ އަހަރަކު 10 ކުދިން، ބޯންމެރޯ ހެދުމަށް ފޮނުވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މީގެތެރެއިއް އަންނަ އަހަރު ފޮނުވާ 10 ކުދިން ކަނޑައެޅުމުގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. އެގޮތުން ބޯންމެރޯ ހަދަން ހުށައެޅި ކުދިންގެ ތެރެއިން، ސިއްޙީ ޙާލަތު ތަންދޭ ކުދިން ދެނެގަތުމަށް ބޭނުންވާ ޓެސްޓްތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.
"ބޯންމެރޯއަށް ކުދިން ކަނޑައެޅުމުގައި ބަލާ ސިޔާސަތެއް އޮވޭ. ލޭގެ ޓެސްޓްތައް، ހިތުގެ، ލިވަރގެ އަދިވެސް ބައިވަރު ޓެސްޓްތައް ހަދާ. އެއަށްފަހު ބޯންމެރޯ ހަދަން ފޮނުވާ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމް ރާއްޖެ އައިސް، އެ ކުދިން ބަލާފަ ނިންމާނީ އެ ކުދިންނަށް ބޯންމެރޯ ހެދިދާނެތޯ. އެ މަސައްކަތް މިހާރު ކުރަމުން މިދަނީ." މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއަޓްރިކް ޑރ. އަޙުމަދު ޢުމަރު ވިދާޅުވިއެވެ.
ރާއްޖެއަކީ އާބާދީގެ ނިސްބަތުން ތެލަސީމިއާ އާބާދީ އެންމެ ބޮޑު އެއް ޤައުމެވެ. ރާއްޖޭގެ ތެލަސީމިއާ ދަފްތަރުގައި 959 މީހުން ރެޖިސްޓަރކޮށްފައިވާއިރު، 666 މީހުން މިވަގުތު ދުނިޔޭގައި އެބަތިއްބެވެ. ރާއްޖޭގެ މުޅި އާބާދީގެ %16.6 މީހުންނަކީ ތެލަސީމިއާ ވާރުތަކުރާގޮތް ހުންނަ މީހުންނެވެ.
ތެލަސީމިއާ މީހުންގެ ދެބައިކުޅަ އެއްބައި އާބާދީ ދިރިއުޅެނީ މާލެ ސަރަޙައްދުގައެވެ.