އިނގިރޭސިވިލާތް މޮޅުވާން ދަނިކޮށް ފަހު ވަގުތު ބެރެޒުޓްސްކީ ކާމިޔާބުކޮށްދިން ގޯލުން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރަޝިޔާ ކުޅުނު ފުރަތަމަ މެޗުން ޕޮއިންޓެއް ހޯދައިފިއެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ރޭ ދަންވަރު ބާރަޖެހިއިރު އިނގިރޭސިވިލާތާއި ރަޝިޔާ ބައްދަލުކުރި މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން އެއްވަރުވެގެނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ އިނގިރޭސިވިލާތުންނެވެ. މި ލަނޑު ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ޑިފެންޑަރ އެރިކް ޑިއަރއެވެ.
މި ނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް މެޗްގެ ނުވަދިހަ ވަނަ މިނެޓްގައި ރަޝިޔާއަށް މެޗުން ޕޮއިންޓެއް ހޯދައިދިނީ ކެޕްޓަން ބެރެޒުޓްސްކީއެވެ. މި މުބާރާތުގައި މިރޭ ދަންވަރު ބާރަ ޖަހާއިރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ޖަރުމަންއާ ޔޫކްރެއިންނެވެ. މި މެޗްވެސް ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ.