ހެޔޮވެރިކަމެއް ކުރިއެރުވުމަށާއި ޑިމޮކްރެޓިކް އުސޫލުތައް ހަރުދަނާ ކުރުމަށް ރާއްޖޭން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގ، ޗޮގަމްގެ އެގްޒެކެޓިވް ސެޝަންގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.
ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގ، ޗޮގަމްގެ އެގްޒެކެޓިވް ސެޝަންގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ ޑިމޮކްރަސީއާއި، އިންސާނީ ޙައްޤުތަކާއި، ޞުލްޙަ މަސަލަސްކަމާއި، ތަފާތު ފިކުރުތަކަށް އިޙްތިރާމްކުރުމަކީ، މުޖުތަމަޢުތައް ކުރިއަރައި ދިއުމުގެ މައިގަނޑު ތަނބުތައްކަމަށެވެ. މިއަސާސްތަކުގެ ސަބަބުން، ޤާނޫނީ ވެރިކަން ދެމެހެއްޓުމާއި، ހެޔޮވެރިކަމުގެ މަގަށް މަގުފަހިވެގެންދާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އަދި މިނިވަންކަމާއި އިންސާފުވެރިކަމާއެކު، ދިވެހިރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ހަތަރު ބުރެއް ކާމިޔާބުކަމާއެކު ރާއްޖޭގައި ބޭއްވިފައިވާކަމީ، ހަރުދަނާ ޑިމޮކްރެޓިކް ނިޒާމެއް ބިނާކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރާކަން ދަލީލުކޮށްދޭ ކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިއިންތިޚާބުތައް އޮބްޒާވްކުރެއްވުމުގައި ކޮމަންވެލްތުގެ ސެކްރެޓޭރިއެޓުން އަދާކުރައްވާފައިވާ މުހިންމު ދައުރަށް ނައިބުރައީސްވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކޮމަންވެލްތުގެ އިންތިޚާބީ އެހީތެރިކަން އިތުރަށް ހަރުދަނާކުރެއްވުމަށާއި، އިންތިޚާބާބެހޭ އޮފިޝަލުންނާއި މުއައްސަސާތައް ތަމްރީނުކުރެއްވުމާއި، މުޅި އިންތިޚާބާބެހޭ ނިޒާމުގެ ފުރިހަމަ ޕްލޭނެއް އެކުލަވާލެއްވުމާއި، އިންތިޚާބާބެހޭ އޮބްޒަރވޭޝަން ރިޕޯޓްތަކުގެ ދުވެލި ހަލުވިކުރެއްވުމާއި، ރިކޮމެންޑޭޝަންތައް ތަންފީޒުކުރުމަށް އޮބްޒަރވޭޝަން ގުރޫޕުތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ލަފާދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރެއްވުމަށް، ކޮމަންވެލްތާއެކު ދިވެހި ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
ސަމޯއާގައި ބާއްވާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ މިއަހަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ ވަފުދުގެ އިސް ލީޑަރެއްގެ ގޮތުގައި، މިފަހަރު ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.