ޚަބަރު

ދެ ޤައުމު ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން ގެމްބިއާއާއެކު ރާއްޖެއިން މަޝްވަރާކޮށްފި


  • ޑރ. ޚަލީލް ވަނީ ގާނާ، މޯލްޓާ، ޒެމްބިއާގެ ޚާރިޖީ ވަޒީރާވެސް ބައްދަލުކުރައްވާފައި

ދެ ޤައުމު ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން ގެމްބިއާއާއެކު ދިވެހިރާއްޖެއިން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ސަމޯއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ގެމްބިއާގެ ޚާރިޖީ ވަޒީރު މަމަޑޫ ޓަންގާރާއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދޭދޭ ގުޅުން ވަރުގަދަކުރުމަށް މަޝްވަރާކޮށްފައެވެ. އަދި ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމަށްވެސް މަޝްވަރާކުރެއްވިއެވެ.

ގެމްބިއާގެ ޚާރިޖީ ވަޒީރުގެ އިތުރުން ގާނާގެ ޚާރިޖީ ވަޒީރު ޝާލީ އެޔޯކޯ ބޯޗްވޭއާވެސް ޑރ. ޚަލީލް ބައްދަލުކުރެއްވިއެވެ.

ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ގާނާގެ ޚާރިޖީ ވަޒީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ކޮމަންވެލްތުގެ ޤައުމުތަކަށް ދިމާވާ ދަތިތަކަށް ވިލުންތެރިވުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވި ކަމަށެވެ. އަދި އެކި ދާއިރާތަކުން ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރެއްވިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ޒެމްބިއާގެ ޚާރިޖީ ވަޒީރު މޮލަމްބޯ ހީމްއާވެސް ވަޒީރު ޑރ. ޚަލީލް ބައްދަލުކުރެއްވިއެވެ.

ވަޒީރު ޑރ. ޚަލީލް ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ދެ ޤައުމަށްވެސް އެއްގޮތް ގިނަ ދަތިތައް ހުރިކަން ފާހަގަވިކަމަށެވެ. އަދި މި ދަތިތަކުން އަރައިގަތުމަށް ކޮމަންވެލްތާއި އދ. ގައި ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ މޯލްޓާގެ ޑެޕިޔުޓީ ޕްރައިމް މިނިސްޓަރ އަދި ޚާރިޖީ ވަޒީރު އިއަން ބޯގްއާވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމަށާއި ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ކުދި ޤައުމުތަކަށް މޯލްޓާއިން ވެދެއްވާ އެހީތެރިކަމަށް ވަޒީރު ޝުކުރުއަދާކުރެއްވިއެވެ.

ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއިން ވަޑައިގެންނެވި ވަފްދުގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފެވެ. މި ވަފްދުގައި ނައިބު ރައީސާއި ޚާރިޖީ ވަޒީރުގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުވެސް ބައިވެރިވެވަޑައިގަންނަވައެވެ. ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ކުރިއަށްދަނީ މިމަހުގެ 21 އިން 26 އަށެވެ.