ޚަބަރު

ރައީސުލްޖުމްހޫރިއްޔާއަށް އެއްބާރުލުން ދެއްވުމުގެ ގޮތުން މަޖިލީހުގެ ރައީސް ނަންގަވާނީ މުސާރައިގެ %50


  • ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން %10 ކުޑަ ކުރުމަށް ނިންމަވާފައި

ސަރުކާރުން އަޅުއްވަމުން ގެންދަވާ ޚަރަދު ކުޑަކުރެއްވުމުގެ ސިޔާސަތަށް އެއްބާރުލުން ދެއްވުމުގެ ގޮތުން މުސާރައިގެ 50 އިންސައްތަ ނެންގެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲރަހީމް ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲރަހީމް މިގޮތަށް ނިންމަވާފައި މިވަނީ އަންނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅުއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ދިވެހި ދަޢުލަތުގެ އިޤްތިސާދީ ހާލަތު ރަނގަޅު ކުރެއްވުމަށްޓަކައި ރައީސް ޑރ.މުހައްމަދު މުއިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން %10 ކުޑަ ކުރެއްވުމަށް ނިންމެވި ނިއްމެވުމަށް އެއްބާރުލުން ދެއްވާނެކަމަށެވެ. އެގޮތުން އެމަނިކުފާނުގެ މުސާރައިން %50 ނުނަންގަވާ ގޮތަށް ނިންމާވާފައިވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ވަނީ ނިންމަވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތައް ހިމެނޭ ގޮތަށް ބައެއް މަޤާމުތަކުގެ މުސާރައިން 10 އިންސައްތަ އުނިކުރެއްވުން ހިމެނެއެވެ. ނަމަވެސް އޭގެތެރޭގައި ސިވިލް ސަރވިސްއާއި 12،000 ރުފިޔާއިން ދަށުގެ މުސާރަ ލިބޭ ފަރާތްތައް ނުހިމެނެއެވެ.