ޚަބަރު

ސޯލާ ހަރުކުރުމަށް، ކަރަންޓު ނެޓްވަރކުތައް ދަނީ އިތުރަށް ތަރައްޤީކުރަމުން: ތިމާވެށްޓާބެހޭ ވަޒީރު


  • ރަށުގެ ސޯލާ ކަރަންޓު ވިއުގައަށް ގުޅޭލެވޭނެ އެންމެ މަތީ ޢަދަދަކީ %40

ނެޓު މީޓަރިން ގަވާއިދުގެ ދަށުން ރަށްރަށުގައި އާންމުންނަށް ސޯލާ ޕީވީ ނިޒާމުތައް ހަރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި އެރަށުގައި ކަރަންޓު ނެޓްވާރކްތައް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ވަޒީރު ވަނީ، ގޭބިސީތަކުގައި ސޯލާ ޕީވީ ނިޒާމުތައް ހަރުކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވަނީ ގޭބިސީތަކުގެ ކަރަންޓު ބިލު ކުޑަކުރުމުގެ ބޭނުމުގައިކަމަށް ވިދާޅުވެފައެވެ.

ށ. ކަނޑިތީމުގައި ބައެއް ގޭބިސީތަކަށް ސޯލާ ޕީވީ ނިޒާމު ހަރުކުރުމުގެ ހުއްދަ ދީފައިނުވާކަމަށް ތުހުމަތުކުރައްވާ އެ ދާއިރާގެ މެންބަރު އަމީން ފައިސަލް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ "ނެޓް މީޓަރިން" އުސޫލުގެ ދަށުން ފެނަކަ ކޯޕަރޭޝަނުން އެ ކުންފުނީގެ ކަރަންޓު ވިއުގައަށް ގުޅޭލެވޭނެ އެންމެ މަތީ ޢަދަދަކީ 40 އިންސައްތަކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެއަށްވުރެ އިތުރަށް ކޮށްފިނަމަ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރަށުގެ ގްރިޑް ސްޓެބިލިޓީ ގެއްލި، މުޅި ރަށުން ކަރަންޓު ކެނޑި ޖަނަރޭޓަރު ސެޓުތަކާއި އާންމުން ގެންގުޅޭ ކަރަންޓު ސާމާނަށް ލިބޭ ގެއްލުން ބޮޑުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާރުވެސް އެ ރަށުގައި ޕީކް ލޯޑުގެ 43 އިންސައްތައާއެއްވަރަށް ސޯލާ ޕީވީ ނިޒާމުތައް ގާއިމްކޮށްފައިވާ ކަމަށެވެ. އެހެންކަމުން، އިތުރު ސޯލާ ޕީވީ ނިޒާމުތައް އިންސްޓޯލް ކުރެވޭނީ އިތުރުވާ ސޯލާ ކެޕޭސިޓީއާ އެއް ހަމައަށް ރަށުގެ ބެޓަރީ އެނާޖީ ސްޓޯރެޖް ކެޕޭސިޓީއާއި، ކަރަންޓު ނެޓްވޯކް އިތުރުކޮށްގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރަށްރަށުގެ ރައްޔިތުންނަށް ގޭބިސީތަކުގައި ސޯލާ ޕީވީ ނިޒާމުތައް ހަރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން ރަށްރަށުގައި ފުރުސަތު ހޯދައިދިނުމުގެ ގޮތުން ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރަމުން އެބަގެންދަން. އޭގެ ތެރޭގައި ހާއްސަކޮށް ރަށުގެ ބެޓަރީ ސިސްޓަމް އިތުރަށް ތަރައްގީކޮށް، ރަށުގެ ނެޓްވޯކް ސިސްޓަމް އިތުރަށް ތަރައްގީކުރަމުން މިހާރު މިދަނީ ސޯލާ ޖަހާ ކޮންމެ ރަށެއްގައި." ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.

ތިމާވެށްޓާ ގުޅުންހުރި އެހެން ބައެއް ދާއިރާތަކުންވެސް މެންބަރުން ވަނީ ވަޒީރާ ސުވާލުކުރައްވާފައެވެ. އެގޮތުން، ރާއްޖޭގައި މިވަގުތު ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާ ގުޅޭގޮތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ޠާރިޤު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި 96 ސަރަހައްދެއް ހިމާޔަތްކޮށްފައިވާއިރު ރަނގަޅުގޮތުގައި ބެލެހެއްޓެމުންދަނީ އެންމެ ފަސް ތަނެއް ކަމަށެވެ.

މި ސަރުކާރުގެ އަމާޒަކީ މިހާރު ބަލަހައްޓާ ފަސް ތަނުގެ އިތުރުން ވީހާވެސް ގިނަ ތަންތަން މެނޭޖްކޮށް އެތަންތަނުން ނަފާ ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް އެކަމަށް ބޭނުންވާ މީހުން ތަމްރީންކުރުމާއި، އެކަމަށް ފައިސާ ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.