މިއަހަރުގެ ކޮޕް ސަމިޓްވެގެންދާނީ ރާއްޖޭން އެންމެ ގިނަ ސައިޑް އިވެންޓްތައް އިންތިޒާމުކުރާ ސަމިޓަށްކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބާއްވާ ބައިނަލްއަޤްވާމީ އެންމެ ބޮޑު ކޮންފަރެންސް، ކޮޕްގެ 29ވަނަ ސަމިޓް އޮންނާމީ އަންނަ މަހުގެ 11އިން 22އަށް، އަޒަރުބައިޖާންގެ ބާކޫގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވީ މިފަހަރުގެ ކޮޕް ސަމިޓުގައި ރާއްޖޭން މުހިންމު ދައުރެއް އަދާކުރާނެކަމަށާއި، 4 ސައިޑް އިވެންޓެއް ރާއްޖޭން އިންތިޒާމުކުރާނެކަމަށެވެ. މި އިވެންޓްތަކުގެ ތައްޔާރީތައް މިހާރު ވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭން އިންތިޒާމުކުރާ ސައިޑް އިވެންޓުތަކުގެ ތެރޭގައި އޭޑީބީއާއި ގުޅިގެން އިއާދަކުރަނިވި ހަކަތައާއި ގުޅޭ އިވެންޓަކާއި، ކޮޕްގެ އެޓޯލްސް ނޭޝަންގެ ޗެއަރގެ ހައިސިއްޔަތުން ފަރުތައް ޙިމާޔަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން "ސަސްޓެއިނަބަލް ކޮރަލް ރީފް މެނޭޖްމަންޓް" ސައިޑް އިވެންޓެއް ހިމެނެއެވެ.
"ކުދި ޖަޒީރާ ޤައުމުތަކުގެ ކްލައިމެޓް އެޑަޕްޓޭޝަން މިނިސްޓީރިއަލް ޗެމްޕިއަނެއްގެ ގޮތުގައި ހަރަކާތެއް އިންތިޒާމުކުރާނެ އަދި ލޮސް އެންޑް ޑެމޭޖް ފަންޑަށް ފައިސާ ހޯދުމަށް ވަކާލާތުކުރާނެ. އަދި ރާއްޖޭގެ ބައި-އެނުއަލް ޓްރާންސްޕޭރެންސީ ރިޕޯޓް ލޯންޗްކުރާނެ. މިއަހަރު ވާނީ ކޮޕްގައި ރާއްޖެއިން އެންމެ ގިނަ ސައިޑް އިވެންޓް ބާއްވާ ކޮންފަރެންސަށް." ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ކޮޕަށް ދިއުމުގެ ކުރިން، ތިމާވެއްޓާ ގުޅޭ މައްސަލަތަކާއި ގުޅޭގޮތުން ރާއްޖޭގެ ޒުވާނުންގެ ޚިޔާލު ބެލުމަށް ޚާއްސަ އިވެންޓެއްވެސް ބާއްވާފައިވާކަމަށެވެ. މި ބައްދަލުވުމާއި ޚިޔާލުތަކަށް ބިނާކޮށް، ކޮޕަށް ގެންދިއުމަށް ރާއްޖޭގެ ޒުވާނުންގެ ފަރާތުން ޚާއްސަ ސްޓޭޓްމަންޓެއްވެސް ހުށައަޅާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ކޮޕް ސަމިޓުގައި ރާއްޖޭހެ އިސް ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ. އޭގެ ތަފްސީލް އަދި ސަރުކާރުން ހާމަކުރައްވާފައެއް ނުވެއެވެ.
މިދިޔަ އަހަރު ދުބާއީގައި ކުރިއަށްދިޔަ ކޮޕް-28ގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އާއި ރާއްޖޭން އިސް ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.