ޚަބަރު

ހުރިހާ ޚަރަދަކާއެކު ދި ނޯޓިލިސް ފައުންޑޭޝަނުން މުހިއްމު 4 ދާއިރާއަކުން ސްކޮލަރޝިޕް


  • މި ސްކޮލަރޝިޕްތަކުގެ ބޭނުމަކީ ޤައުމަށް ފައިދާހުރި ދާއިރާތަކުން މީހުން ބިނާކުރުން

  • އަންނަ މަހުގެ 30ގެ ކުރިން ސްކޮލަރޝިޕަށް އެދި ހުށައަޅަންޖެހޭނެ

  • 4 ނުވަތަ 6 ދަރިވަރަކަށް ސްކޮލަރޝިޕް ދޭނެ

ރާއްޖެއަށް އެންމެ ބޭނުންވާ 4 ދާއިރާއަކުން ހުރިހާ ޚަރަދެއް ކުރާގޮތަށް ސްކޮލަރޝިޕްތަކެއް ދޭން ނިންމާފައިވާކަމަށް، މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު ފަހި ކޮށްދޭ ރާއްޖޭގެ ޖަމިއްޔާއެއްކަމުގައިވާ ދި ނޯޓިލިސް ފައުންޑޭޝަނުން ބުނެފިއެވެ.

ނޯޓިލިސް ފައުންޑޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ފައުންޑޭޝަންގެ ސެކެޓްރީ ޖެނެރަލް މުޙައްމަދު ޚަލީލް ވިދާޅުވީ ދި ނޯޓިލިސް ފައުންޑޭޝަނަކީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުން ދަރިވަރުން ތަމްރީންކުރުމަށް އެހީދޭ ޖަމިއްޔާއެއް ކަމަށެވެ. މިގޮތުން މިހާރުވެސް 12 ދަރިވަރަކު ފައުންޑޭޝަންގެ ފައިސާގެ އެހީގައި ބޭރު ޤައުމުތަކުގައި ކިޔަވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ސްކޮލަރޝިޕް ދިނުމުގެ ބޭނުމަކީ ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވާ ހުނަރުތައް އެކުދިންގެ މެދުގައި ތަރައްޤީކުރަން. ވަކި ކޮންޓްރެކްޓެއް ހެދޭނެ ވަކި މުއްދަތަކަށް އެކުދިން ރާއްޖޭގައި މަސައްކަތްކުރަންޖެހޭ ގޮތަށް. އަޅުގަނޑުމެން ބޭނުންވަނީ ޤައުމަށް ފައިދާހުރި ބަޔަކު އުފައްދަން" ޚަލީލް ވިދާޅުވިއެވެ.

ދި ނޯޓިލިސް ފައުންޑޭޝަނުން ވަނީ 4 ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެއީ ކޮމާޝަލް ކުކަރީއިން ސެޓްފިކެޓް ލެވެލް 3 ޙާސިލްކުރުމަށާއި އީއޭއެސްއޭ 66 ލައިސަންސް ލިބޭ އެއަރކްރާފްޓް މެއިންޓެނެންސް ޕްރޮގުރާމެއް ހެދުމަށާއި މާސް ކޮމިޔުނިކޭޝަންގެ ދާއިރާއިން އަނޑަރ ގްރެޖުއޭޓް ޑިގްރީއެއް ޙާސިލްކުރުމަށާއި މެޑިކަލް ސްޕެޝަލައިޒޭޝަނެއް ޙާސިލްކުރުމަށެވެ. ނޯޓިލިސް ފައުންޑޭޝަނުން ބުނީ ސްކޮލަރޝިޕް ދޭނީ 4 އާއި 6 އާ ދެމެދުގެ އަދަދަކަށް ކަމަށެވެ.

މި ސްކޮލަރޝިޕްތަކަށް ނޯޓިލިސް ފައުންޑޭޝަންގެ ވެބްސައިޓުން އެޕްލައިކުރެވޭނެއެވެ. އަދި ސްކޮލަރޝިޕްތަކާބެހޭ އިތުރު މަޢުލޫމާތުވެސް ވެބްސައިޓުން ލިބޭނެއެވެ. މި ސްކޮލަރޝިޕްތަކަށް އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ހުށައަޅަންޖެހޭނެއެވެ. މިއީ އަންނަ އަހަރު ކިޔެވުން ފެށުމަށް ދޭ ސްކޮލަރޝިޕްތަކެކެވެ.

ދި ނޯޓިލިސް ފައުންޑޭޝަނުން ތަފާތު ދާއިރާތަކުން މީހުން ތަމްރީންކޮށްފައިވެއެވެ. އެގޮތުން ޕައިލެޓުކަމާއި ސިއްޙީ ދާއިރާއިން ކިޔެވުމަށް މީގެ ކުރިން ނޯޓިލިސް ފައުންޑޭޝަނުން އެހީ ދީފައިވެއެވެ.

ނޯޓިލިސް ފައުންޑޭޝަން އުފެދިފައިވަނީ ޓޫރިޒަމް ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އަލްމަރުހޫމް ޑރ. އިބްރާހިމް ޢުމަރު މަނިކުގެ ހަނދާނުގައެވެ. މި ޖަމިއްޔާއަކީ ރާއްޖޭގެ ބައެއް ރިސޯޓުތަކާއި ކުންފުނިތަކުގެ ހިއްސާދާރުން ގުޅިގެން އުފައްދާފައިވާ ޖަމއިްޔާއެކެވެ.