ޚަބަރު

މާލެ ސަރަޙައްދުގެ ކަރަންޓު ވިއުގަ ގުޅުވާލުމަށް 150 މެގަވޮޓުގެ ކަރަންޓު އުފައްދާ އިންޖީނުގެއެއް އަޅަނީ


  • އިންޖީނުގެ އެޅުމުގެ ކުރިން ޕްރިލިމިނަރީ ސްޓަޑީތައް ހަދަން ވަނީ ޙަވާލުކޮށްފައި

  • ހައި ކެޕޭސިޓީ ޕަވަރ ލައިން އެޅުމަށްވެސް ދިރާސާކުރާނެ

ސަތޭކަ ފަންސާސް މެގަވޮޓުގެ ކަރަންޓު އުފައްދާ އިންޖީނުގެއެއް އެޅުމުގެ ކުރިން ހަދަންޖެހޭ ޕްރިލިމިނަރީ ސްޓަޑީތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ޓީބީއީއޭ ގުރޫޕާއެވެ. އެކަމުގެ އެއްބަސްވުމުގައި އެކުންފުންޏާއެކު އެއްބަސްވުމެއްގައި ސްޓެލްކޯއިންވަނީ ސޮއިކޮށްފައެވެ.

އިންޖީނުގެ އެޅުމުގެ ކުރިން ހަދަންޖެހޭ ޕްލިމިނަރީ ސްޓަޑީތައް ހެދުން ޓީބީއީއޭ ކުންފުންޏާ ހަވާލުކުރުމަށް މާލެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދޭ ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް، ސްޓެލްކޯއާއި ޓީބީއީއޭ ގުރޫޕާއެކު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. ޓީބީއީއޭ ކުންފުންޏަކީ ކަރަންޓާ ގުޅުންހުރި އެކި އާލާތްތަކާއި ކަރަންޓް ޓްރާންސްފޯމަރުވެސް އުފައްދާ ކުންފުންޏެކެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ސޮއިކުރެވުނު އެއްބަސްވުމަކީ ރާއްޖޭގައި ހަކަތަ އުފެއްދުމުގެ ދާއިރާގެ ކުރިއެރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން މާލެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށްކުރާ މަސައްކަތަށް ބޮޑު ލުޔެއް ލިބޭނެކަން މެނޭޖިން ޑިރެކްޓަރ ފާހަގަކުރެއްވިއެވެ.

ސްޓެލްކޯއިން ވިދާޅުވީ، އެއްބަސްވުމުގެ ދަށުން މައިގަނޑު 2 ކަމެއް ކުރާނެކަމަށެވެ. އެއީ 150 މެގަވޮޓުގެ އިންޖީނުގެ އެޅުމަށް ހަދަންޖެހޭ ޕްރިލިމިނަރީ ސްޓަޑީތައް ނުވަތަ ދިރާސާތައް ހެދުމާއި ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް އެޅުމެވެ.

ސްޓެލްކޯއިން ވިދާޅުވީ 150 މެގަވޮޓުގެ އިންޖީނުގެ އަޅާނީ ތިލަފުށީގައި ކަމަށާއި، ޢަމަލީ މަސައްކަތް ކުރާނީވެސް ޗައިނާގެ ޓީބީއީއޭ ކުންފުނިން ކަމަށެވެ. އަދި މި އިންޖީނުގެތަކުގައި ބޭނުންކުރާނީ ތެލާއި ގޭސް ބޭނުންކޮށްގެން ކަރަންޓު އުފައްދާ ޖެނެރޭޓަރުތަކެއްކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ. މި އިންޖީނުގެއިން މާލެއާއި ހުޅުމާލެއާއި ވިލިމާލެއާއި ތިލަފުށީގެ އިތުރުން ގުޅީފަޅަށްވެސް ކަރަންޓު ފޯރުކޮށްދޭނެކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

ސްޓެލްކޯއިން ވިދާޅުވީ ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިން އެޅުމަށް ހަމަޖެހިފައިވަނީ ތިލަމާލޭ ބުރިޖާއެކުކަމަށެވެ. އަދި މި ލައިނާއެކު ކަރަންޓު ފޯރުކޮށްދޭ ނިޒާމުގެ ތެރެއިން މާލެއާއި ހުޅުމާލެއާއި ވިލިމާލެއާއި ތިލަފުށީ އަދި ގުޅީފަޅު ގުޅާލެވޭނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

އިންޖީނުގެ އެޅުމުގެ ކުރިން ހަދަންޖެހޭ ޕްލިމިނަރީ ސްޓަޑީތައް ހެދުން ޓީބީއީއޭ ކުންފުންޏާ ހަވާލުކުރުމަށް ސޮއިކުރި ފަހުމުނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. ޓީބީއީއޭ ގުރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ވައިސް ޕްރެޒިޑެންޓް ޒާންގް ހޮންގް ޒޮންގްއެވެ.

މާލެއާއި ހުޅުމާލެއަށް ސްޓެލްކޯއިން މިހާރު ކަރަންޓު ފޯރުކޮށްދެވެނީ ޖުމްލަ 120 އެއްހާ މެގަވޮޓުގެ ކަރަންޓެވެ.