ޚަބަރު

އިންޑިއާއަށް ކަނޑައަޅުއްވާ ސަފީރަކަށް ޢަޒީމާ އައްޔަންކުރަން ކޮމިޓީން ރުހުންދީފި


  • އަޒީމާއަށް ރުހުން ދީފައިވަނީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާ ސަފީރަކަށް އާއިޝަތު އަޒީމާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ރުހުންދީފިއެވެ. އެ ކޮމިޓީން މިގޮތަށް ފާސްކޮށްފައިވަނީ އިންޑިއާއަށް ކަނޑައަޅުއްވާ ސަފީރަކަށް އަޒީމާ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވުމާ ގުޅިގެންނެވެ.

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި، ޢާއިޝަތު ޢަޒީމާއާ އިންޓަވިއު ކުރުމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހަޅުއްވިއެވެ. ނަމަވެސް ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ވަނީ އަޒީމާގެ ވަނަވަރަށް ބަލާއިރު، ތަޢުލީމާއި ތަޖުރިބާގެ އަލީގައި ގާބިލު ބޭފުޅެއްކަން ސާފުވާތީ އިންޓަވިއު ކުރުމެއްނެތި ކޮމިޓީން ރުހުން ދިނުމަށް ހުށަހަޅުއްވާފައެވެ.

މެންބަރު ދާއޫދުގެ އެ ހުށަހެޅުމަށް އެހެން މެންބަރުން ތާއީދުކުރެއްވުމުން އިންޑިއާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް ޢަޒީމާ އައްޔަންކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފައިވަނީީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަށް މެމްބަރުންގެ އިއްތިފާގުންނެވެ.

ޢަޒީމާއަކީ ޚާރިޖިއްޔާގެ އެކި މަގާމުތަކުގައި ގިނަ އަހަރުތަކެއް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.

ޢަޒީމާ މިހާރު ހުންނެވީ ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައެވެ.

އިންޑިއާގައި ހުންނަވާ ސަފީރުކަމަށް ޢަޒީމާ އައްޔަން ކުރަން ފޮނުއްވީ، އެ މަގާމުގައި މިހާރު ހުންނެވި އިބްރާހިމް ޝަހީބުގެ ސަފީރުކަމުގެ ދައުރު ހަމަވުމުންނެވެ.