ޚަބަރު

އަންރުއާގެ މައި އޮފީސް އަތުލައިގަތް މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި


  • ދިވެހި ސަރުކާރުން ވަނީ ޔަހޫދީ ދައުލަތް ޖަވާބުދާރީ ކުރުވުމަށް ގޮވާލައްވާފައި

ފަލަސްޠީނަށް އެހީވުމަށް އުފައްދާފައިވާ އދ.ގެ އިދާރާ، އަންރުވާގެ މައި އޮފީސް އަތުލައިގަތް މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކުރައްވައިފިއެވެ. ފަލަސްތީނަށް އެހީވުމަށް އުފައްދާފައިވާ ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ފަލަސްތީން ރެފިއުޖީސް "އަންރުވާ" އަކީ އދ މަޖިލީހުން 1948 ވަނަ އަހަރު ފާސްކުރި ޤަރާރަކުން ވުޖޫދަށް ގެނައި އިދާރާއެކެވެ.

ފަލަސްޠީނަށް އެހީވުމަށް އުފައްދާފައިވާ ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ފަލަސްތީން ރެފިއުޖީސް "އަންރުވާ" ގެ އިރުމަތީ ޤުދުސްގައި ހުންނަ އިމާރާތް ވަޒަންވެރިވުމުގެ ބޭނުމުގައި ޔަހޫދީން ވަނީ އެތަން އަތުލާގަނެފައެވެ. އެ ޢަމަލާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައިވަނީ ފަލަސްޠީނުގެ ބިންތަކަށް ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ހައްޤުތަކުގެ ޤާނޫނުތަކާއި ޚިލާފަށް ވެރިވެގަނެ، ވަޒަންވެރިކަން ފަތުރަން މަސައްކަތްކުރުން ކުށްވެރި ކުރާކަމަށެވެ.

ދިވެހި ސަރުކާރުންވަނީ މި ހާލަތުގައިވެސް އަންރުއާއިން ފުރާނައިގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތަށް ހިއްވަރު ދެއްވައި ތަޢުރީފް ކޮށްފައެވެ.

މީގެ އިތުރުން ފަލަސްޠީނުގައި ހަރަކާތްތެރިވާ އދ.ގެ ގުނަންތަކާއި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ހަމަލާދެމުންދާއިރު ޔަހޫދީ ދައުލަތާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅޭކަން ދިވެހި ޚަރިޖީއްޔާއިން ފާހަގަކުރައްވައެވެ. އަދި މިއަނިޔާވެރި ޢަމަލުތަކަކީ އިންސާނީ އެހީ ހުއްޓުވުމަށާއި، ފަލަސްޠީނުގެ ރައްޔިތުންނަށް އޮތް ސުލްޙައިގެ މަގު ބަނދުކުރުމަށް ކުރެވޭކަމެއްކަމަށް ދިވެހި ޚަރިޖީއްޔާއިން ވިދާޅުވެއެވެ. އަދި ސަރަހައްދުގައި ސުލްޙަ ޤާއިމް ކުރެވޭނެ ހަމައެކަނި ގޮތަކީ، 1967 ކުރީގެ ބޯޑަރުތަކަށް ތަބާވެ، އިރުމަތީ ޤުދުސް ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުން ކަމަށް ދިވެހި ސަރުކާރުން ތަކުރާރުކުރެއްވިއެވެ.

ދިވެހި ޚާރިޖީއްޔާއިން ވިދާޅުވީ، ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާއެކުގައި ކަމަށާއި، ދުނިޔޭގެ ޤައުމުތަކުން މިމައްސަލަ ހައްލުކުރުމަށް ތަންފީޒީ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށެވެ. އަދި ޔަހޫދީ ދައުލަތުގެ ޢަމަލުތަށް ހުއްޓުވައި އެކަމަށް ޖަވާބުދާރި ކުރުވުމަށް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ ގޮވާލައްވާފައެވެ.