ޚަބަރު

75އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކޮންމެ ތަނެއްގައި ހެލްތު އޮފިސަރެއް ހުރުން ލާޒިމްކޮށްފި


  • ޞިއްޙަތާއި ރައްކާތެރިކަމުގެ ސިޔާސަތެއްވެސް ވަޒީފާދޭ ތަންތަނުން ހަދަންޖެހޭނެ

އެއްވެސް ތަނެއްގައި 75 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާނަމަ ޞިއްހަތާއި ރައްކާތެރިކަމުގެ ނުވަތަ ހެލްތު އެންޑް ސޭފްޓީ އޮފިސަރެއް އެތަނެއްގައި ހުރުން ލާޒިމްކުރާ ގަވާއިދެއް އެކުލަވާލައިފިއެވެ.

"މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ގަވާއިދު" އެކުލަވާލާފައިވަނީ މިއަހަރު އަލަށް އެކުލަވާލި، މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުންނެވެ. މި ގަވާއިދުގެ ތަންފީޒުކުރާނީ ލޭބަރ ރިލޭޝަންސް އޮތޯރިޓީންނެވެ.

މި ގަވާއިދުގެ މަޤުޞަދަކީ މަސައްކަތުގެ މާޙައުލުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމެވެ. އަދި މަސައްކަތު މާޙައުލަކީ ޞިއްޙީ ގޮތުން ރައްކާތެރި ތަނެއްކަން ކަށަވަރުކުރުމާއި މިކަންކަން ކަށަވަރުކުރުމަށް އެކި ފަރާތްތަކާ މަތިކުރެވޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރުމަކީވެސް މި ގަވާއިދުގެ މަޤުޞަދެކެވެ.

މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ގަވާއިދުގައިވާ ގޮތުން މަސައްކަތްކުރާ ތަންތަނާއި އެ ތަންތަނުގެ މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމާގުޅޭ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް ބަޔާންކޮށްފައިވާ ޞިއްޙަތާއި ރައްކާތެރިކަމުގެ ސިޔާސަތެއް އެކުލަވާލަންޖެހޭނެއެވެ. އަދި 75 މުވައްޒަފުން މަސައްކަތްކުރާ ކޮންމެ ތަނެއްގައި ހެލްތު އެންޑް ސޭފްޓީ އޮފިސަރެއް ހުންނަންޖެހޭނެކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

ގަވާއިދުގައިވާ ގޮތުން ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު އިތުރުވާ މިންވަރަކުން އެތަނެއްގައި ހުންނަންޖެހޭ ހެލްތު އޮފިސަރުންގެ އަދަދުވެސް އިތުރުވެއެވެ.

ހެލްތު އޮފިސަރުން އައްޔަންކުރަންޖެހޭގޮތުގެ ތަފްސީލް:

• ތަނެއްގައި 75-150 އާ ދެމެދުގެ އަދަދަކަށް މުވައްޒަފުން ތިބޭނަމަ - 1 ހެލްތު އޮފިސަރު
• ތަނެއްގައި 151-300 އާ ދެމެދުގެ އަދަދަކަށް މުވައްޒަފުން ތިބޭނަމަ - 2 ހެލްތު އޮފިސަރު
• ތަނެއްގައި 301-500 އާ ދެމެދުގެ އަދަދަކަށް މުވައްޒަފުން ތިބޭނަމަ - 3 ހެލްތު އޮފިސަރު
• ތަނެއްގައި 501-1000 އާ ދެމެދުގެ އަދަދަކަށް މުވައްޒަފުން ތިބޭނަމަ - 4 ހެލްތު އޮފިސަރު
• ތަނެއްގައި 1001 އަށްވުރެ ގިނަ މުވައްޒަފުން ތިބޭނަމަ - 5 ހެލްތު އޮފިސަރު

"މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ގަވާއިދު"ގައި ހެލްތު އެންޑް ސޭފްޓީ އޮފިސަރުންގެ މަސްއޫލިއްޔަތުތައްވެސް ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން ޞިއްހީ ރައްކާތެރިކަމާއި މަސައްކަތު މާޙައުލުގެ ސަލާމަތް ކަށަވަރުކުރުމަށް އެކުލަވާލާފައިވާ އުސޫލުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމާއި، ތަމްރީން ޕްރޮގުރާމްތައް ހިންގުން ހިމެނެއެވެ. އަދި ޞިއްހީ ރައްކާތެރިކަމާއި މަސައްކަތު މާޙައުލުގެ ސަލާމަތާ ގުޅޭގޮތުން ހަދާފައިވާ އުޞޫލުތައް ތަންފީޒްކުރެވޭ މިންވަރު ބެލުމަށް ގަވާއިދުން އެސެސްމަންޓް ހަދައި މޮނިޓަރކުރުމަކީވެސް ހެލްތު އޮފިސަރުންގެ މަސްއޫލިއްޔަތެކެވެ.

މީގެ އިތުރުން މަސައްކަތުގެ މާޙައުލުގައި ދިމާވެދާނެ ޞިއްޙީ ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވުމަށް ބޭނުންވާ ކަންތައްތައް ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީވެސް ހެލްތު އޮފިސަރުންގެ މަސްއޫލިއްޔަތެކެވެ. މި ގަވާއިދަށް ގެޒެޓުގައި ޝާއިޢުކުރުމާ ގުޅިގެން މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.